މެންބަރު އަލީ ހުސައިން -- ފޮޓޯ: މަޖިލީސް

ގޯއްޗަށް އެދި ފޯމުލުމަކީ ކޮރަޕްޝަންގައި ބައިވެރިވުން: އަލީ ހުސައިން

ދުވަސް އެމްވީ

ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ދޫކުރުން މަޑު ޖައްސާލަން އެންޓީ ކޮރަޕްޝަން ކޮމިޝަނުން އަންގާފައި ވަނިކޮށް ދޫކުރާ ފޯމް ނަގައިގެން ގޯއްޗަށް އެދުމަކީ ކޮރަޕްޝަންގައި ބައިވެރިވުން ކަމަށް ކެންދޫ ދާއިރާއިގެ މަޖިލީސް މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ މުހައްމަދު މުއިޒު ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހިން 400 ގޯތި ވިއްކަން ނިންމާފައިވަނީ ގޯއްޗެއް ހަތަރު ލައްކަ ރުފިޔާއަށް ކަމަށެވެ. އޭސީސީން ބުނީ އެ އަގުގައި ގޯތި ނުވިއްކޭނެ ކަމަށާއި އެކަމާ ގުޅިގެން އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައެއް ބަލާ ނިމެންދެން ގޯތި ވިއްކުން މަޑު ޖައްސާލަން އަންގާ ކަމަށެވެ.

އެކަމާ ގުޅިގެން އަލީ ހުސައިން ވިދާޅުވީ އެ ކޮމިޝަނުން އެގޮަތަށް އަންގާފައިވަނިކޮށް ދޫކުރާ ގޯތި ފޯމު ނަގައި ގޯއްޗަށް އެދި ފޯމު ލުމަކީ ކޮރަޕްޝަންގެ އަމަލެއްގައި ބައިވެރިވުން ކަމަށެވެ. އަދި ގޯތި ގަންނަން އެދޭ ފަރާތްތަކަކީ ކުށުގެ ބައިވެރިން ކަމުގައި ބެލުމުގެ ޖާގަ އެބަ އޮތް ކަމަށެވެ.

ހައުސިން މިނިސްޓްރީން ބުނީ ގޮއްޗަށް އެދޭ ފޯމު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބަލައިގެންނާނެ ކަމަށެވެ. އަދި އަންނަ ހަފްތާގައި ގޯތި ލިބޭ ފަރާތްތައް އިއުލާނު ކުރާނީ ޝަރުތު ހަމަވެގެން ފޯމު ހުށަހަޅާ އެންމެންގެ މެދުގައި ނެގޭ ގުރުއަތަކުން ކަމަށެވެ.

ގޯތި ލިބޭ ފަރާތްތަކުން ފައިސާ ދެއްކުމުގައި ވެސް ވަނީ ލުއި ގޮތްތަކެއް ހަމަޖައްސައި ދީފަ އެވެ. އެގޮތުން އެއް ފަހަރާ ހަތަރު ލައްކަ ނުދެކޭ މީހުން އެޑްވާންސްގެ ގޮތުގައި 25،000 ރުފިޔާ ދެއްކުމަށް ފަހު 10 އަހަރަށް ބަހާލައިގެން ބާކީ ފައިސާ ދެއްކުމުގެ ފުރުސަތު ދޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here