ގެވެށި ފަރުވާ: ބޭރަށް ހިންގުން – އަލާމާތްތަކާއި ހާލަތްތައް އަދި ކުރެވިދާނެ ކަންކަން

ދުވަސް އެމްވީ

ގެވެށި ފަރުވާގެ މިއަދުގެ ލިޔުމުގައި މި ބަލައިލަނީ ބޭރަށް ހިންގުމާއި ބެހޭގޮތުންނެވެ. އަލާމާތްތަކާއި ބަލި ޖެހެން މެދުވެރިވާ ސަބަބު ތަކަށެވެ. އަދި ގޭގައި ކުރެވިދާނެ ބައެއް ކަންތައްތަކަށާއި ޑޮކްޓަރަކަށް ދައްކަން ޖެހޭ ފަދަ ހާލަތެއްގައި ޑޮކްޓަރަށް ދެއްކުމުގެ މުހިންމު ކަމުގެ މައްޗަށެވެ.

ބޭރަށް ހިންގުން، އިނގިރޭސި ބަހުން ނަމަ ޑައަރިޔާ އަކީ ކޮބައިތޯ އުފެދޭ ސުވާލުގެ އެންމެ ކުރު ޖަވާބަކީ ބޮޑު ކަމުދިޔުން އާންމު ވުމާއެކު ބޮޑު ކަމުދާތަކެތި ފެނާއި ގާތް ކުރާވަރަށް ދިޔާ ވުމެވެ.

ބޭރަށް ހިންގުން ދެ ގިންތިއަކަށް ބަހާލެވިދާނެކަމުގައި ޑަކުޓަރުން ދެކެތެވެ. އެއީ އާންމުކޮށް ދިމާވާ ބޭރަށް ހިންގުމާއި އެހެން ބައްޔަކާއި ގުޅުން ހުރި ނުވަތަ ބޮޑު ބައްޔެއް ވާން އުޅުމުގެ އަލާމާތެއްގެ ގޮތުގައި ދިމާވާ ބޭރަށް ހިންގުމެވެ.

އެގޮތުން އާންމުކޮށް ބޭރަށް ހިންގަން މެދުވެރިވަނީ ކޮންމެވެސް އިންފެކްޝަނެއްގެ ސަބަބުންނެވެ. ވައިރަސް، ބެކްޓީރިއާ އަދި ޕެރަސައިޓެއްގެ ސަބަބުންނެވެ. އާންމުކޮށް ދިމާވާ ބޭރަށް ހިންގުން މާ ގިނަ ދުވަހަށް ދެމިގެން ނުދިޔަ ނަމަވެސް ބައްޔަކާއި ގުޅިގެން ދިމާވާ ބޭރަށް ހިންގުން މަހަކަށްވުރެ ގިނަ ދުވަހަށް ދެމިގެންދެއެވެ.

ބޭރަށް ހިންގުން ޖެހެން ދިމާވާ ސަބަބުތަކުގެ ތެރޭގައި ކެވޭ ނުވަތަ ބޮވޭ އެއްޗެއްގައި ބެކްޓީރިއާ ހުރުން، އާންމުގޮތެއްގައި މަސް، ބިސް ތޮށި ހަރު ސީފުޑްސް، އަދި ކިރުގެ ބާވަތްތައް ހިމެނޭ. ވައިރަލް އިންފެކްޝަނެއްގެ ސަބަބުންވެސް ބޭރަށް ހިންގުން ޖެހިދާނެއެވެ. ތަޣައްޔަރުވެފައިވާ ފެނުގެ ސަބަބުންވެސް ބޭރަށް ހިންގުން ޖެހިދާނެއެވެ.

މީގެ އިތުރުން ބައެއް އެންޓި ބަޔޯޓިކްސްގެ ސަބަބުންނާއި ކާނާ ވިހަވުމުގެ ސަބަބުންވެސް ބޭރަށް ހިންގުން ޖެހިދާނެއެވެ. އަދި ބައެއް ބަލިތައް ކަމުގައިވާ ހަކުރު ބަލި، ތައިރޮއިޑް ފަދަ ބަލިތަކުގެ ސަބަބުންވެސް ބޭރަށް ހިންގުން ޖެހިދާނެއެވެ.

ބޭރަށް ހިންގުމުގެ އަލާމާތް ނުވަތަ ބޭރަށް ހިންގަން ފެށުމުން ދިމާވާ ކަންކަން ގިނަގުނައެވެ. އެގޮތުން ބަނޑުގައި ރިއްސުމާއި ގިނަ ގިނައިން ފާޚާނާ އަށް ދާންޖެހުމާއި ދިޔާ ކޮށް ބޮޑުކަމު ދެވުމާއި ބަނޑު ފުއްޕުމާއި ބަރުދަން ލުއިވުމާއި ހުން އައުން އަދި ބައެއް ހާލަތްތަކުގައި ހޮޑުލެވުން ހިމެނެއެވެ.

ބޭރަށް ހިންގުން ނުރައްކާވާ ހިސާބަށް ދަނީ ބޭރަށް ހިންގުމާއެކު ހުން އައުމުންނާއި ހަށިގަނޑުން މާ ގިނައިން ފެން މަދުވުމުން ކަމުގައި ޑަކުޓަރުން ދެކެތެވެ. އަދި ކުޑަކުދިން މާ ގިނައިން ބޭރަށް ހިންގާނަމަ ފުރާނައަށް ނުރައްކާވާ ހިސާބަށް ގޮސްދާނެކަމުގައިވެސް ޑަކުޓަރުން ދެކެތެވެ.

ބޭރަށް ހިންގުމުން ސަލާމަތް ވުމަށް ކުރެވިދާނެ ނުވަތަ ގެންގުޅެވިދާނެ ބައެއް އާދަތަކުގެ ތެރޭގައި އާންމު ސާފުތާހިރުކަމަށް ލޯބިކުރުން، ގިނަ ގިނައިން އަތް ދޮވުން (ބޭނުންވާ ހާލަތްތަކުގައި) ތަރައްގީ ނުވާ ސަރަހައްދުތަކުގައި ނަމަ ބަންދުކުރި ފެން ބޭނުންކުރުން، ކެއުން ބުއިމުގައި ހަށި ހެޔޮ ޑައިޓެއް ހިޔާރު ކުރުން ފެޓްސް އާއި ކުޅިކަން މާ ގަދަ އަދި ފޮނިކަން މާ ގަދަ ކެއުންތަކަށް ސަމާލުވުން ހިމެނެއެވެ.

ޑަކުޓަރުން ލަފާދެއްވާގޮތުގައި ބޭރަށް ހިންގުމާއެކު ގަދައަށް ހުން އަންނަ ނަމަ، ބޮޑުކަމުދާއިރު ލޭ އަންނަ ނަމަ، ބޮޑު ކަމުދާ ތަކެތީގެ ކުލަ ކަޅު ނުވަތަ އަނދިރި ކުލަޔަކަށް ހުންނަ ނަމަ، ލެވޭ ހީހުގެ ކުލަ އަނދިރި ނަމަ، ހިތް ތެޅޭ މިންވަރު މަތިވާނަމަ އަދި މާ ގަދައަށް ބަނޑުގައި ރިއްސާނަމަ ލަސް ނުކޮށް ޑަކުޓަރެއްގެ އެހީތެރިކަން ހޯދަން ވާނެއެވެ.

ބޭރަށް ހިންގާނަމަ ގޭގައި ކުރެވިދާނެ ބައެއް ކަންކަން:

ބޭރަށް ހިންގާނަމަ ޑަކުޓަރުން ދެކެލައްވާގޮތުގައި އެންމެ ރަނގަޅު ގޮތަކީ ފުރަތަމަ ދިޔާތަކެތި އެކަނި ބޭނުން ކުރުމެވެ. އަދި އެއަށްފަހު މަޑު މަޑުން ހަރު ތަކެތި ކާން ފެށުމެވެ. އެގޮތުން ގަދައަށް ބޭރަށް ހިންގާނަމަ ފުރަތަމަ 24 ގަޑިއިރު މުޅިންވެސް ދިޔާތަކެތި ހިޔާރު ކުރުމަށް ޑަކުޓަރުން ލަފާދެއްވައެވެ. ލޮނު ޕަކެޓް ހިޔާރު ކުރެވިދާނެ އެވެ. ކޮފީ، ހަކުރު އެކުލެވޭ ބުއިންތައް އަދި ކިރުގެ ބާވަތްތަކަކީ ބޭރަށް ހިންގުމުގެ ހާލަތު އިތުރަށް ގޯސް ކުރުވަފާނެ ބުއިންތަކެވެ.

ހަރު ތަކެތި ކާން ފަށާއިރު، ޓޯސްޓެއް ނުވަތަ ދޮންކެޔޮވަކެއް ނުވަތަ ބަތަކީ އެންމެ އެކަށީގެންވާ ބައެއް ކާނާއެވެ. ބޭހެއް ހިޔާރު ކުރާނަމަ އެންމެ ރަނގަޅު ގޮތަކީ ޑަކުޓަރެއްގެ ލަފާ ހޯދުމެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here