ރެއާލް މެޑްރިޑް އަލަވޭސް އަތުން ބަލިވިއިރު، ލަނޑެއް ނުޖެހި 4 ވަނަ މެޗު.

މުހައްމަދު ޝާހީން

ސްޕެނިޝް ލީގުގައި ރޭ ޑީޕޯޓިވޯ އަލަވޭސް އަތުން ފަހު ވަގުތު 1-0 އިން ރެއާލް މެޑްރިޑް ބަލިވެ، ލަނޑު ކާމިޔާބު ނުކުރެވި ދަށް ނަތީޖާތަކެއް ލިބެމުންދާ ސިލްސިލާއަށް ބޮޅެއް އިތުރުވެއްޖެއެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މާނޫ ގާސިޔާ އިތުރު ވަގުތުގެ ވެސް ފަހު މިނިޓުގައި ބޮލުން ޖެހި ލަނޑާއެކު އަލަވޭސްއިން ރެއާލް މާޔޫސް ކޮށްލިއިރު، ރޭގެ މެޗަކީ މި ސީޒަންގައި ރެއާލްއަށް ލަނޑެއް ނުޖެހި ޖެހިޖެހިގެން ދިޔަ 4 ވަނަ މެޗެވެ.

އަނެއްކޮޅުން ރެއާލް މެޑްރިޑް މި ވަނީ އެންމެ ފަހުން ކުޅުނު 4 މެޗުގެ ތެރެއިން 3 މެޗުން ބަލިވެފައެވެ. ލަލީގާގައި ސެވިއްޔާ އަތުން 3-0 އިން ބޮޑު ބައްޔަކާ ކުރިމަތިވިއިރު، ރޭގެ މެޗުގެ ކުރިން ޗެމްޕިއަންސް ލީގުގައި ސީއެސްކޭއޭ މޮސްކޯ އަތުން ވެސް ވަނީ 1-0 ގެ ނަތީޖާއިން ބަލިވެފައެވެ. އެންމެ ފަހުން ކުޅުނު 4 މެޗުގެ ތެރެއިން އެއްވަރުވީ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުގައި ވެސް ލަނޑެއް ޖެހިފައެއް ނުވެއެވެ.

ރޭގެ މެޗުގައި ރެއާލް މެޑްރިޑުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، އެ ޓީމަށް އެކަށީގެންވާ ރަނގަޅު ހަމަލާތަކެއް އުފެއްދޭ ގޮތެއް ނުވިއެވެ. ރެއާލްގެ އެޓޭކަރުންގެ ފަރާތުން މޮޅު ކުޅުމެއް ނުފެނުނުއިރު، ކައުންޓަރ އެޓޭކްގައި އަލަވޭސްއިން ރެއާލްއަށް ނުރައްކާ ކުރިއެވެ.

ނަތީޖާ ހަމަހަމަވާން ދަނިކޮށް މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އަލަވޭސްއަށް ލިބުނު ކޯނަރެއް ޖޮނީ ނަގައިދިނުމުން، މާކް ނުކޮށް ހުރި ރުބެން ސޮބްރީނޯ ބޮލުން ފަހަތަށް ޖައްސާލުމުން، ޖާސިއާ ވަނީ ބޮލުން ގޯލަށް ފޮނުވާލާފައެވެ.

ލަނޑު ޖެހުމުގައި ދެ ވަނައެއް ނެތްފަދަ ރޮނާލްޑޯ ނެތި ފުރަތަމަ ސީޒަނުގައި ރެއާލްއަށް ލަނޑު ޖެހުމުގެ މައްސަލައާ ކުރިމަތިވެ، ދަށް ނަތީޖާތަކެއް ލިބެމުންދާއިރު، ރެއާލްގެ ކޯޗު ލެޕޮޓެގީއަށް ވެސް ވަނީ ޕްރެޝަރ ބޮޑުވެފައެވެ. އަނެއްކޮޅުން، ބެންޒެމާ ފުރަތަމަ 11 ގައި ދެން ހިމަނާނެތޯ ވަނީ ސުވާލު އުފެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here