އެންމެ ބޮޑަށް އެހީވާ ގައުމަކާއެކު ކުރިއަށް ދިއުމަކީ ސަރުކާރުގެ ޒިންމާއެއް: ރައީސް ޔާމީން

ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށްދިނުމަށްޓަކައި ވެރިކަމަށް ގެނައި ސަރުކާރުން އެންމެ ބޮޑަށް އެހީވާ ގައުމަކާއެކު ކުރިއަށް ދިއުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްއަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ”ކާމިޔާބު 3“ ނަމުގައި އެ ޕާޓީން އިންތިޒާމް ކޮށްގެން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ދުނިޔޭގެ އޮތް ބޮޑެތި ބާރުތަކުގެ ތެރެއިން އެއްބާރެއްގެ ރައީސަކު ވަޑައިގެން ރާއްޖެއާ މެދު ކަމޭ ހިއްތަވާ ރައްޔިތުންގެ މުސްތަގުބަލް ކުރިއަށް ގެންދިއުމަށްޓަކައި ”ބޮޑެތި ހަދިޔާތަކާއި އިނާޔަތްތައް“ ދެއްވާ ވާހަކަ ދެއްކެވީމާ އިދިކޮޅު ފަރާތްތަކުން ”ވިޔާނުދާ“ ވާހަކަތަކެއް ދައްކަމުންދާ ކަމަށެވެ.

އިދިކޮޅު ސިޔާސީ ޕާޓީއަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މީގެ ފަސް އަހަރު ކުރިން ރާއްޖޭގައި ނާމާންކަމާއި ބިރުވެރިކަން އޮތް ނަމަވެސް މިއަދު އެފަދަ ހާލަތެއް މިހާރު ގައުމުގައި ނެތް ކަމަށެވެ. އެގޮތަށްވީ ޕީޕީއެމްއަކީ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ އަޒުމުގައި ވެރިކަމާއި ހަވާލުވެ ރައްޔިތުންނަށް ހިދުމަތް ކުރާ ޕާޓީއަކަށްވުމުން ކަމަށާއި އަދި ވިދާޅުވީ އެބޭފުޅުންނަށް އަމާޒުކޮށް ފާޑު ވިދާޅުވިނަމަވެސް ކަންކަން ހަޖަމްކުރެއްވޭނެ ކަމަށާއި ތަހައްމަލްވެސް ކުރެއްވޭނެ ކަމަށެވެ. އަދި ސަރުކާރުގެ އެޖެންޑާއަކީ އަމާޒުވާ ފާޑު ކިޔުންތަކަށް ރައްދުދެއްވުމުގެ ބަދަލުގައި ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމާއި ދިވެހިރާއްޖެއަކީ ޝަރަފުވެރި ފަހުރުވެރި ވަނައެއް ހާސިލްކުރާ ގައުމަކަށް ހެދުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އެމްޑީޕީއަށާއި ރައީސް މުހައްމަދު ނަޝީދު ވެރިކަން ކުރެއްވި ދުވަސްވަރު ހިނގާދިޔަ ބައެއް ކަންކަމަށް އިޝާރާތްކުރައްވާ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ އަނެއްކާ ވެސް ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވުމާއި ރާއްޖޭގެ ކަންކަން އިތުރަން ނާމާން ކަމުގެ ތެރެއަށް ”ޣަރަގު“ ކޮށްލުމަށް އޭރު ވެސް އަދި މިއަދުވެސް ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ކުދި ޖަޒީރާ ގައުމުތަކުގެ ޗެއާމަންގެ ގޮތުގައި އދ. އަށް ރާއްޖެއިން ދަނީ ނުފޫޒުހުރި ގައުމެއްގެ ގޮތުގައި ކަމަށެވެ. އަދި ވިދާޅުވީ އެއޮސިސްގެ ޗެއާ ހޯދީކީ އެއްގޮތަކަށް ވެސް ފަހުރު ބޭނުންވާތީކީ ނޫން ކަމަށާއި ވަކިން އޮތް ޖަޒީރާ ގައުމަކަށް ވާތީއާއި ދަތިވާ ކަންތައް ދުނިޔޭގެ ސަމާލުކަމަށް ގެންނަން ފަސޭހަވެގެން ދާނެތީ ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *