ފުލުހުންގެ ތާރީހުގައި ހަތިޔާރާއެކު ހެވިކަމުގެ ޙަރަކާތްތައް ހިމެނޭ ގޮތަށް ފުރަތަމަ ފަހަރަށް ރަސްމިއްޔާތެއް ބާއްވައިފި އެވެ.
ފުލުހުން ބުނީ ތާރީހުގައި ފުރަތަމަ ފަހަރަށް ހަތިޔާރާއެކު ހެވިކަމުގެ ރަސްމިއްޔާތެއް ބޭއްވީ ފުލުހުންގެގެ އަސާސީ ތަމްރީނު ކޯސް ފުރިހަމަ ކޮށް 26 ވަނަ އަސާސީ ތަމްރީނުކޯހުގެ ފާސްވެހިނގުމުގެ ރަސްމިއްޔާތު ގައި ކަމަށެވެ. އަދި އެހެން ކޯސްތަކުގެ ފާސްވެ ހިނގުމުގެ ރަސްމިއްޔާތާ ޚިލާފަށް މިއަހަރުގެ މިރަސްމިއްޔާތު ބާއްވާފައިވަނީ ހަތިޔާރާއެކު ހެވިކަމުގެ ކުޅިވަރުތައްވެސް ހިމެނޭ ގޮތަށް ކަމަށާއި މިއީ ފުލުހުންގެ ތާރީޚުގައި ހަތިޔާރާއެކު ހެވިކަމުގެ ޙަރަކާތްތައް ހިމެނޭ ގޮތަށް ބޭއްވި މިފަދަ ފުރަތަމަ ރަސްމިއްޔާތު ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުންގެ އެ ރަސްމިއްޔާތު ބާއްވާފައިވަނީ އިއްޔެ ހަވީރު، މާފަންނު ޓްރެކް ދަނޑުގައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އަޙްމަދު އަދީބު ޢަބްދުލް ޣަފޫރު އެވެ. އެމަނިކުފާނުގެ އިތުރުން މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢުމަރު ނަޞީރު އާއި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީ އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤު އާއި ފުލުހުންގެ އިސް އޮފިސަރުންނާ މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ބައެއް އިސްވެރިންނާއި ރައްޔިތުންގެ މަޖުލީހުގެ ޢިއްޒަތްތެރި ބައެއް މެމްބަރުންނާއި 26 ވަނަ އަސާސީ ތަމްރީނު ކޯހުގެ ފުލުހުންނާއި އެފުލުހުންގެ ބެލެނިވެރިންގެ އިތުރުން އެހެނިހެން ބައެއް ފުލުހުން ބައިވެރިވެފައި ވާ ކަމަށް ފުލުހުން ހާމަކުރެ އެވެ.
އެރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރަފުވެރި މެހްމާނު ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ ފުލުހުން ފަދަ ޤައުމީ ޚިދުމަތަށް މުހިއްމު މަސައްކަތެއް ކުރާ ބަޔަކު އެކަމަށް ބޭނުންވާ ފުރަތަމަ ތަމްރީނު ފުރިހަމަ ކުރުމަކީ މި ޚާއްޞަ މަސައްކަތުގެ ފެށުންކަމަށާއި ފުލުހުންގެ ޙަޤީޤީ ތަމްރީނު ފެށެނީ މިހާހިސާބުންކަމުގައި ފުލުހުން ދެކެންވާނެ ކަމަށެވެ. އެހެންކަމުން ކޮންމެ ފުލުހަކުވެސް ތެދުވެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރުންމަތީ ދެމިތިބުމަށް ފުލުހުންގެ ކިބައިން މިނިސްޓަރު އަދީބު ވިދާޅުވި އެވެ.