ރާއްޖޭގައި މީހުން މެރުމުގެ ޖަރީމާތަކާއި ތޫނު އެއްޗެހިން ހަމަލާދިނުން ނުހުއްޓި އިތުރުވަމުންދަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފާޅުކަންބޮޑު ގޮތެއްގައި ކްރިމިނަލް ގޭންގުތަކާ ބާއްވަމުންގެންދަވާ ގުޅުންތަކުގެ ސަބަބުން ކަމަށް އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީން ބުނެފި އެވެ.
އެ ޕާޓީން މިހެން ބުނެފައިވަނީ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމު މިރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގެން ފަހުން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ރާއްޖޭގައި 11 މީހަކު އެކި ޙާދިސާތަކުގައި މިހާރު މަރާލާފައިވާ ކަމަށާއި އަދި އެ މައްސަލަތަކުގައި ޢާއިލާތަކަށް އިންސާފު ޤާއިމުކޮށްދީފައި ނުވާތީ ކަމަށްބުނެ އެކަންކަމާ ކަންބޮޑުވުންފާޅުކޮށް އެމްޑީޕީގެ ސެކްރެޓޭރިއަޓުން ނެރުނު ބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ވޭތުވެ ދިޔަ 2 ދުވަސް ތެރޭގައި ވަކި ވަކި 3 ޙާދިސާއެއްގައި ތޫނު އެއްޗެތިން ޙަމަލާދީ 3 މީހެއްގެ ފުރާނަ ދުއްވާލާފައިކަން ކަންބޮޑުވުމާއެކު ފާހަގަކުރާ ކަމަށެވެ. އަދި މި 3 މީހުންގެ ތެރެއިން އެކަކީ ދިވެއްސަކަށްވީއިރު އަނެއް 2 މީހުންނަކީ ބިދޭސީންކަން ފާހަގަކުރާ ކަމަށެވެ. އަދި ދާދިފަހުން މަރާލި ފަރާތްތަކުގެ ތެރޭގައި އުމުރުން އެންމެ 3 އަހަރުގެ މައުސޫމު ތުއްތު ކުއްޖަކު ހިމެނޭކަމީ އެމްޑީޕީން އިންތިހާއަށް ކަންބޮޑުވާކަމެއް ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.
”މިފަދަ މަރުތަކުގެ އިތުރުން އެތަށް ބަޔަކަށް ތޫނު އެއްޗެތިން ޙަމަލާދީ ފުރާނަ ގެއްލޭވަރުގެ ބޮޑެތި ޒަޙަމްތައް ކުރުވާފައިވާކަން ވެސް ފާހަގަކުރަން،އަދި ނޫސްވެރިޔަކު ވަގަށް ނެގުމަށްފަހު، އޭނާ ވީނުވީ ތަނެއް އަދިވެސް ނުހޯދިވާކަން ފާހަގަކުރަން“ އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.
އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނެފައވަނީ މީހުން މެރުމުގެ ޖަރީމާތަކާއި ތޫނު އެއްޗެތިން ޙަމަލާދިނުން ނުހުއްޓި މިފަދަ ދަރަޖައަކަށް މިރާއްޖެ ފަދަ ކުޑަ މުޖުތަމަޢުއެއްގައި ޢާންމުވެ އިތުރުވަމުންދަނީ ސަރުކާރުގެ ނުކުޅެދުންތެރިކަމުންނާއި ޖިނާޢީ ޢަދުލުގެ ނިޒާމުގެ ކޮރަޕްޓްކަމުންކަމަށް ވެސް އެމްޑީޕީން ދެކޭ ކަމަށެވެ.