ކޮލަމް ސައްލާ:  ސަރުކާރުން ޒުވާނުންނަށް ކުރާ އެއްމެ ބޮޑު އަނިޔާ – ކުށަކާނުލާ ވަޒީފާއިން ކެނޑުން

ދުވަސް އެމްވީ

ކޯލިޝަނުން ވެރިކަމަށް އައި ރައީސް ޔާމިންގެ ސަރުކާރުން އަބަދުވެސް ވަރަށް ފޮނި ކަނޑާ ކަމެއް އޮވެއެވެ. މި ސަރުކާރަކީ ޒުވާނުންގެ ސަރުކާރު ކަމެވެ. މި ސަރުކާރުން ޒުވާނުންނަށް ގިނަ ކަންތައްތައް ކޮށްދޭ ވާހަކައެވެ. ތެދެކެވެ. ސަރުކާރުން ކޮންމެވެސް ވަރަކަށް ފުޓްސެލް ދަނޑުތައް އަޅާފިއެވެ. މީ ހަގީގަތެވެ. އެހެންނަމަވެސް މި ސަރުކާރުގައި ޒުވާނުން އުޅެންޖެހިފައި މި އޮތީ މިއިން އެއްވެސް ޒަމާނަކު ޒުވާނުން އުޅެންޖެހިފައި ނުވާ ބިރުވެރިކަމެއްގެ ތެރޭގައެވެ. ވަޒީފާ ގެއްލިދާނެ ކަމުގެ ބިރުވެރިކަމުގެ ތެރޭގައެވެ. ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދޭނެ ކަމަށް ވައުދުވި ސަރުކާރުން މިހާރުގެންދަނީ މާކުރިން ލިބިފަ އޮތް ވަޒީފާއިން ސިޔާސީ ސަބަބުތަކަށްޓަކައި ވަކި ކުރަމުންނެވެ.

މީ ދިވެހި ޒުވާނުން ގަބޫލުކުރާ ކަމެއް ނޫނެވެ. އެ މީހަކު ބޭނުން ސިޔާސީ ފިކުރެއްގައި ހުރުމުގެ މިނިވަންކަން އޮންނަންވާނެއެވެ. އެކަމާ ވަޒީފާ އާއި ނުގުޅުވާށެވެ. ވަޒީފާ އިން ވަކި ކުރަންޖެހޭނީ ވަޒީފާ އާއި ބެހޭ ގާނޫނުގައި ވާގޮތަށެވެ. ބައެއް ކުންފުނިތަކުން ވަޒީފާ އިން ވަކިނުކޮށް މާދުރުގައި އޮންނަ ރަށަކަށް ވަޒީފާ ބަދަލުކުރިކަން އަންގައެވެ. އެގޮތުން މުވައްޒަފުން ބަދަލުކުރުމުގައި އެއްމެ ބޮޑު ގަބޫލުކަމެއް ހޯދާފައި ވަނީ ފެނަކަ ކޯޕަރޭޝަނެވެ. އެ ކުންފުނީގެ މަގުސަދަކީ ކަރަންޓް ޔަގީންކުރުމެވެ. އެކަމަކު އުޅޭގޮތުން ހީވަނީ ސިޔާސީ އިދިކޮޅު ފިކުރުގެ މީހުން ވަޒީފާ އަދާކުރާ ރަށްނޫން އެހެން ރަށަކަށް ބަދަލުކުރުންހެންނެވެ.

މީގެ އިތުރުން ސަރުކާރު ކުންފުނިތަކުން ޕްރޮމޯޝަން ދިނުމުގައި ވެސް ވަކި ޕާޓީއަކަށް ނިސްބަތްވާ މީހުންނަށް އިސްކަންދޭކަން އެބަފެނެއެވެ. ސަރުކާރުން ބާއްވާ ސިޔާސީ ޖަލްސާތަކަށް މަޖުބޫރުކޮށްގެން މުވައްޒަފުން ހާޒިރުކުރަނީއެވެ. ޒުވާނުންގެ ސަރުކާރެކޭ ބުނާއިރު ޒުވާނުންގެ ފަރުދީ މިނިވަންކަން ފޭރުމަކީ ޒުވާނުންގެ ސަރުކާރަކަށްވާ ކަމަށްވަންޏާ މީ ފިސާރި ޒުވާނުންގެ ސަރުކާރެކެވެ.

ސަރުކާރުގެ ޖެއްސުމާއި ފުރައްސާރަ އިންތިހާ އަށް ދިޔަޔަސް ޒުވާނުން ތިބީ ކެރިގެންނެވެ. އެކުވެރި އަނެއް މުވައްޒަފު ވަޒީފާ ބަދަލުކޮށް ނުވަތަ ކަނޑާލާ މަންޒަރު ބަލަން ބިރުން ނުތިބޭނެކަން ތިނަދޫ ފެނަކަ މުވައްޒަފުން ވަނީ ހާމަކޮށްފައެވެ. ސިވިލް ސާވިސް މުވައްޒަފުން ބިރުން ފަހަތަށް ޖެހުނު ޒަމާން ނިމިއްޖެކަން އެއްމެފަހުން ކޯލިޝަން ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު ހުވަދޫ އަށް ކުރި ދަތުރުން ހާމަވެއްޖެއެވެ. މަރުހާބާ ދެންނެވެމާއި ޖަލްސާތަކުގައި ވެސް އިސްކޮށް ހަރަކާތްތެރިވީ ސިވިލް ސާވިސް މުވައްޒަފުންނެވެ.

ދިވެހި ޒުވާނުންގެ ވަޒީފާގެ ހައްގުގައި ފަރުދީ މިނިވަންކަމުގެ ހައްގުގައި ޒުވާނުން އަޑުއުފުލަން އެބަޖެހެއެވެ. ގާނޫނާއި ގަވައިދުގެ ތެރެއިންނެވެ. އެއްވެސް ހަމައެއް އަސާސެއް ނެތި ވަޒީފާއިން ވަކިކޮށް، އާއިލާ ހާލުގައި ޖެއްސުމަށް ފަސްނުޖެހޭ ސަރުކާރަކަށް ވޯޓްދޭންވީތޯ ޒުވާނުން ސުވާލުކުރަން އެބަޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here