ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމްގެ ޝަރީއަތަށް ނޫފުޒު ފޯރުވުމަށް ”ވަގުތު“ އޮންލައިން ނޫހުން މަސައްކަތް ކުރަމުން އަންނަ ކަމަށްބުނެ ނާޒިމްގެ ވަކީލުންގެ ޓީމުން އެކަން ކުށްވެރި ކޮށްފި އެވެ.
ވަގުތު ނޫހުގައި ބުނެފައިވަނީ ވަގުތަށް ކޮޕީ ލިބިފައިވާ ލިޔުންތަކަކީ ނާޒިމްގެ މައްޗަށް ދައުލަތުން މިހާރު ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދައުވާގައި ނާޒިމްގެ ވަކީލުންނަށް ޝަރީއަތުގެ ސިއްރު މަޖިލީހެއްގައި ދައްކާފައިވާ ލިޔުންތަކެއް ކަމަށެވެ. އަދި ލިޔުންތައް ލީކް ވެފައި ވަނީ ނާޒިމްގެ ޤާނޫނީ ވަކީލުން ލިޔުންތަކުން ފޮޓޯ ނަންގަވާ އެބޭފުޅުންގެ ވަރަށް ގާތް ބޭފުޅުންގެ ތެރޭގައި ފޮޓޯތައް ދައުރު ކުރައްވާފައި ވަނިކޮށް ކަމަށެވެ.
ނަމަވެސް ނާޒިމްގެ ވަކީލުންގެ ޓީމުން ވަނީ މިކަން ދޮގު ކޮށްފަ އެވެ. މިކަމާ ބެހޭގޮތުން ނާޒިމްގެ ވަކީލުންގެ ޓީމުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޕެންޑްރައިވްގައި ހިމެނޭ ލިޔެކިޔުންތައް ވަކީލުންނަށް ލިބިފައި ވަނީ ހަމައެކަނި ބަލާލަން ކަމަށެވެ. އަދި އެ ލިޔެކިޔުންތައް ބަލާފައި ވަނީ ޝަރީއަތުގެ މަޖިލީހުގައި އެންމެންގެ ހާޒިރުގަ ކަމަށެވެ. އަދި ޝަރީއަތުގެ މަޖިލީހަ ހުރިހާ ވަކީލިން ވެސް ވައްދަނީ މެޓަލް ޑިޑެކްޓާއެއް ބޭނުންކޮށްގެން ވަކި ވަކިން ޗެކް ކުރުމަށް ފަހު ކަމަށާއި ކޯޓަށް ފޯނު ނުގެންދާ ކަމަށް ވެސް ބުނެފައިވެ އެވެ.
މީގެ އިތުރުން މީގެ އިތުރުން ”ވަގުތު“ ގައި ޖަހާފައިވާ އެ ލިޔުމަކީ ޝަރީއަތަށް ހާޒިރު ނުވާ ފަރާތްތައް އޮޅުވާލަން ލިޔެފައިވާ ލިޔުމެއް ކަމަށާއި އަދި އެ ލިޔުމަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި އެފަދަ ލިޔުންތަކުގެ ސަބަބުން ޝަރީއަތުގައި ހިނގަމުން އަންނަ މައްސަލަތަކަށް އަސަރު ފޯރާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.