އިދިކޮޅު ސިޔާސީ ޕާޓީން ސުލްހަވެރިކަމާއެކު ހައްލު ހޯދުމުގެ ރޫހާ ހިލާފުވެފައިވާކަމަށްބުނެ ސިޔާސީ ޕާޓީތަކުގެ ބެލެނިވެރިފަރާތްކަމުގައިވާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްޑީޕީން މާލޭގައި ކުރަމުންގެންދާ މުޒާހަރާތަކުގައި ކަޅުތެޔޮ ޖެހުންފަދަ ކަންކަން ހިންގަމުން ގެންދާތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާ އެމްޑީޕީގެ ފަރާތުން އީސީއަށް 18 މާރިޗްގައި ހުށަހަޅުއްވާފައިވާކަމަށެވެ.
ނަމަވެސް އެކަމުގެ ހައްލެއް ހޯދުމަށް ފުލުހުންނާއި އެމްޑީޕީއާއެކު ބައްދަލުކުރުމަށް ކުރި މަސައްކަތުގައި ފުލުހުންނާއެކު ބައިވެރިވާން ބޭނުންނުވާކަމަށް ބުނެ އެމްޑީޕީގެ އޮފިޝަލުން އިތުރު ފުރުސަތެއް ނުދެއްވާ ކޮމިޝަންގެ ބައްދަލުވުން ދޫކުރައްވައި ނިކުންނަވާފައިވާކަމަށް ކޮމިޝަންގެ ބަޔާނުގައި ވެ އެވެ.
އެ ކޮމިޝަންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކާމެދު އަދި އެނޫން ކަންކަމާމެދުވެސް ކޮމިޝަނުން ރާވަނީ ވާހަކަ ދައްކައިގެން ސުލްހަވެރިކަމާއެކު އެކަމެއްގެ ހައްލު ހޯދުމަށް މަސައްކަތް ކުރުމަށް ކަމަށެވެ. ނަމަވެސް އެމްޑީން އެ ރޫހާ ހިލާފުވެފައިވާތީ ކޮމިޝަނުން ކަންބޮޑުވާ ކަމަށާއި އަދި މިފަދަ ކަންކަމުގައި ސުލްހަވެރިކަމާއެކު ވާހަކަދައްކައިގެން ހައްލުހޯދުމަށް މަސައްކަތް ކުރުމަށް ސިޔާސީ ޕާޓީތަކަށް ގޮވާލާކަމަށްވެސް އީސީގެ ބަޔާޏުގައި ވެ އެވެ.