އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅިގެން ސީރިއާގައި ހަނގުރާމަ ކުރި ދިވެހި ޒުވާނަކު މަރުވެއްޖެއެވެ.
މަރުވެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ސީރިއާއަށް ދިޔަ ފުވައްމުލަކު ދިގުވާނޑު، އަހުމަދު މުންސިއު، 28 އެވެ.
އޭނާގެ މަންމަ ރިފާތު އަހުމަދު ދީދީ ބުނިގޮތުގައި ހަނގުރާމައިގައި އޭނާގެ ދަރިފުޅު މަރުވީ މިދިޔަ ބުދަދުވަހުއެވެ. ނަމަވެސް އޭނާއަށް އެ ހަބަރު ދީފައިވަނީ އިއްޔެ ސީރިއާގައި ހުރި މުންސިއުގެ ރައްޓެއްސެއް ކަމަށެވެ.
މުންސިއު ސީރިއާއަށް ދިޔައީ އޭނާގެ އަންހެނުން ސުމާ އަލީ އާއެކު އެވެ. ސީރިއާއަށް ދިޔައިރު އެ މީހުންގެ ކައިވެންޏަށް އަހަރެއް ވެސް ނުވެ އެވެ.
ރިފާތު ބުނީ މުންސިއު ސީރިއާއަށް ދިޔަކަން އެނގުނީ އޭނާގެ ރައްޓެއްސެއްގެ ފަރާތުން ކަމަށާއި އެކަމަކު އެ ގައުމުގައި ހުރެގެން ވެސް އެ ދެމަފިރިން ގަވައިދުން އޭނާއާ އޮންލައިންކޮށް ވާހަކަދައްކާ ހަދާ ކަމަށެވެ. އަދި އެންމެ ފަހުން ވާހަކަދެއްކީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ކަމަށާއި އެ ދުވަހު ކޮންމެވެސް ރަށަކަށް ހަނގުރާމައަށް ދާން އުޅޭ ވާހަކަ ބުނި ކަމަށް ރިފާތު ބުންޏެވެ.
ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ސީރިއާއަށް ދާ ދިވެހި ޒުވާނުންގެ އަދަދު ވަނީ ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ފުލުހުން ބުނެފައިވަނީ މިހާރު ގާތްގަނޑަކަށް 50 ށް ދިވެހިން ހަނގުރާމައިގައި ބައިވެރިވުމަށް ސީރިއާއަށް ގޮސްފައިވާ ކަމަށެވެ.
މުންސިއުގެ މަރާ ގުޅިގެން މިހާތަނަށް އަދި ފުލުހުން އެއްވެސް އެއްޗެއް ހާމައެއް ނުކުރެ އެވެ.