ޓެރަރިޒަމްގެ ކުށުގައި 13 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެދި އެމްޑީޕީގެ 100 އެއްހާ މީހުންނަށް ހޯމް މިނިސްޓަރަށް ސިޓީ ރައްދު ކުރެވޭގޮތެއް ނުވިކަމަށް އެ ޕާޓީން ބުނެފި އެވެ.
އެމީހުން ސިޓީ ހިފައިގެން ހޯމް މިނިސްޓްރީ ހުންނަ ވެލާނާގެއާ ހަމައަށް ދިޔައިރު އެ ހިސާބު އޮތީ ބެރިކޭޑް ޖަހައި ފުލުހުން ބަންދުކޮށްފަ އެވެ. އެމްޑީޕީގެ ޗެއާޕާސަންގެ ނާއިބު އަލީ ނިޔާޒު ވިދާޅުވީ ސިޓީ ރައްދު ކުރެވޭގޮތް ނުވީ ފުލުހުން ކަންތައް ކުރިގޮތުން ކަމަށެވެ.
އޭނާ ވިދާޅުވީ ފުލުހުން އެންގީ ސިޓީ ހިފައިގެން ވަދެވޭނީ ފުލުހަކާއި އެކު ފަހަރަކު މީހަކަށް ކަމަށެވެ. ނަމަވެސް އެ އެންމެން ބޭނުއްވީ އެއްފަހަރާ އެންމެ ވަދެ އެމީހެއްގެ ސިޓީ މިނިސްޓަރާއި ހަވާކު ކުރަން ކަމަށް ނިޔާޒު ވިދާޅުވި އެވެ.
ނިޔާޒު ވިދާޅުވީ މިނިސްޓަރުންނަށް ސިޓީ ރައްދުކުރުމުގެ ހައްގު ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ކަމަށާއި މިއަދު ފުލުހުން އެންގި އެންގުމަކީ ބަލައިގަނެވޭނެ އެންގުމެއް ނޫންކަމަށެވެ.
އުމަރު ނަސީރަށް އެޑްރެސްކޮށްފައިވާ އެ ސިޓީގައި ބުނެފައިވަނީ ބޭއިންސާފުން ޓެރަރިޒަމްގެ ހުކުމްކޮށްފައިވާ ރައީސް ނަޝީދުގެ ފުރާނައަށް ޖަލުގައި ގެއްލުންދޭން ރާވާފައިވާ ހަބަރު ލިބިފައިވާތީ އެމަނިކުފާނަށް އިތުރު ރައްކާތެރިކަން ދިނުމަށް އެދޭ ކަމަށެވެ. އަދި ގިނަ ބައެއްގެ ލޯބި ލިބިފައިވާ، ގައުމުގެ ރައީސްކަން ކޮށްފައިވާ ބޭފުޅަކަށް ހައްގުވާ އިނާޔަތާއި ރައްކާތެރިކަން ދިނުމަށާއި އެ މަނިކުފާނަށް ސިފައިންގެ ހިމާޔަތް ބޭނުންވާ ކަމަށް ވެސް ސިިޓީގައި ބުނެފައިވެ އެވެ.
އެމްޑީޕީގެ މެމްބަރުން ވަނީ ކްރިމިނަލް ކޯޓަށް ވެސް ސިޓީއެއް ހުށަހަޅާފަ އެވެ.