ޔޫއެފާ ޗެމްޕިއަންސްލީގުގައި ރޭ ކުޅުނު މެޗުން ބަރސާ މޮޅުވެ ލަޔަނަލް މެސީ ޗެމްޕިއަންސްލީގުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ ރެކޯޑު މިހާރުއޮތް ރައުލް ގޮންޒާލެސްގެ ރެކޯޑާއި ހަމަހަމަކޮށްފިއެވެ.
އަޔެކްސްގެ މައްޗަށް އެމްސްޓަޑާމް އެރީނާގައި ބަރސާއިން ކުރިހޯދާފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. ބަރސާގެ ދެ ގޯލްވެސް ކާމިޔާބުކޮށްދީފައިވަނީ ލަޔަނަލް މެސީއެވެ. މެޗުގައި އަޔެކްސްގެ ޑިފެންޑަރަކަށް ދެއްކި ރަތްކާޑާއެކު އަޔެކްސްއަށް މެޗު ނިންމާލަންޖެހުނީ 10 ކުޅުންތެރިންނާއެކުއެވެ. މެޗުން މޮޅުވުމާއެކު ބަރސާވަނީ ޗެމްޕިއަންސްލީގުގެ ނޮކްއައުޓް ސްޓޭޖަށް ކޮލިފައިވެފައެވެ.
ރޭގެ 2 ގޯލާއެކު މެސީވަނީ މިހާތަނަށް ޗެމްޕިއަންސްލީގުގައި 71 ގޯލް ކާމިޔާބުކޮށްފައެވެ. މެސީ ރައުލްގެ ގޯލް ރެކޯޑާއިި ހަމަހަމަކޮށްފައިވަނީ 90 މެޗު ކުޅެގެނެވެ. ރައުލް 71 ގޯލް ކާމިޔާބުކޮށްފައިވަނީ 142 މެޗުންނެވެ. ރެކޯޑާއި ދެން އެންމެ ކައިރިން ވާދަކުރަނީ ރިއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯވަނީ މިހާތަނަށް 107 މެޗު ކުޅެގެން 70 ގޯލް ކާމިޔާބުކޮށްފައެވެ.
މެސީގެ ކާމިޔާބީއާއި ގުޅިގެން ބަރސާ ކޯޗު ލުއިސް އެންރިކޭ ބުނެފައިވަނީ އޭނާއަށް ކުޅުންތެރިއެއްގެ ގޮތުގައިވެެސް އަދި ކޯޗެއްގެ ގޮތުގައިވެސް ފެނުނު އެންމެ މޮޅުކުޅުންތެރިއަކީ މެސީކަމަށެވެ.
މި ގްރޫޕްގެ އަނެތް މެޗުގައި ޕީއެސްޖީއިންވަނީ 1-0 އިން އަޕޮއެލް ބަލިކޮށް ނޮކްއައުޓް ރައުންޑް ކަށަވަރުކޮށްފައެވެ.