“ އަމިއްލަ ނަފުސަށް ވުރެވެސް ބޮޑަށް..“ ހަމްޒާ ބޯ ޖަހާލަމުން ރޮވިފައިވާ އަޑަކުން ބުންޏެވެ.
“ އަހަރެން ހަމްޒާއަށް އިތުބާރު ކުރަން… “ ޝާނީ ހަމްޒާގެ އަތުގައި ހިފާލަމުން ބުންޏެވެ. ”ހަމްޒާގެ މާޒީއަކީ ބަދަލު ކުރެވޭނެ އެއްޗެއް ނޫން… އެކަމަކު ހަމްޒާ ތިހިރީ ބަދަލުވެފައި… އެހެންވީމަ އަހަރެން އެކަމާ ޝަކުވާ އެއްނު ކުރާނަން“
ޝާނީގެ އޯގާތެރި ބަސްތަކުން ހަމްޒާގެ ހިތްއުފަލުން ފުރުނު ކަހަލައެވެ. އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އެއާއިއެކު ވަރަށް ބާރު ގުގުރިއެއް ޖެހިއެވެ. އަދި ބޭއިހުތިޔާރުގައި ޝާނީއަށް ހަމްޒާގެ ގައިގައި އޮޅުލައި ގަނެވުނެވެ. ވިއްސާރަވެ ވިދާ ގުގުރަންޏާ ޝާނީގެ ހާލަކީ އެއީ އެވެ. މިރޭ ހަމްޒާ މިތާގަނެއްނަމަ އޭނާ އޮތިހީ ފާއިގުގެ ހިމާޔަތް ހޯދައިގެންނެވެ.
ހަމްޒާ އޯގާތެރި ކަމާއެކު ޝާނީގެ ގައިގައި ފިރުމާލިއެވެ. އޭނާގެ ހިއްސުތައް އޭނާގެ އެއްވެސް އިހުތިޔާރަކައި ނުލާ މަސައްކަތްކުރިއެވެ. ނަމަވެސް އޭނާ ކެއްތެރި ވަމުން ދިޔައެވެ. ކައިވެނީގެ ކުރިން އޭނާ ޝާނީގެ ގައިގައި އެފަދަ ގޮތަކަށް އިނގިލި ކުރިޖައްސާލަންވެސް ބޭނުމެއް ނުވެއެވެ.
“ ކޮންއިރަކުންތަ އަހަރެެމެން މެރީ ކުރާނި “ ޝާނީ ބުންޏެވެ. ”ދޮންމަންމަ މިއަދުވެސްބުނި އަވަހަށް މީހަކާ އިންނާށޭ…“ އޭނާ ހަމްޒާގެ ކޮނޑުގައި ބޯއަޅާލިއެވެ.
”އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް “ ހަމްޒާ ބުންޏެވެ. ”ރަށަށް ގޮސްފައި އަހަރެން ހުރިހާ ކަމެއް ހަމަޖައްސާނަން“
”ހާދަ އުފާވެއްޖޭ…“ ޝާނީ ބުންޏެވެ. ”އަހަރެންވެސް ބޭނުމީ ވީއެއްމެ އަވަހަކަށް މިގެއިން ނިކުމެގެން ދާން“
”އެއްމެ ރަނގަޅު..!“ ހަމްޒާ ބުންޏެވެ. “ އަހަރެންދެކެ ޝާނީ ލޯބި ވަނީ ކިހާ ވަރަކަށްހޭ އަހަރެން އަހައިފިއްޔާޔޯ…“
އެއާއެކު ޝާނީ ހަމްޒާގެ މޫނަށް ވަރަށް އިޝްގީ ގޮތަކަށް ބަލާލިއެވެ. އަދި ހަމްޒާ އާއި ހަތަރުކަޅި ހަމަކޮށް ލިއެވެ. އޭނާގެ ނޭވާ ހަމްޒާގެ މޫނަށް ފޯރާހާ މޫނާމޫނު ކައިރި ކޮށްލިއެވެ. ހަމްޒާދެކެ ލޯބިވާކަން ޝާނީ ސާބިތު ކޮށްދޭން ބޭނުންވިއެވެ. ލޯބިވާވަރު ބުނެދޭން ޝާނީއަށް އެނގެއެވެ. ހަމްޒާގެ ހިއްސުތައް ކުއްލިއަކަށް ގަނޑުވި ކަހަލައެވެ. ޝާނީގެ މޫނުގައި އޭނާގެ އަތުން ފިރުމާލެވުނީ އޭނާގެ އެއްވެސް އިހުތިޔާރަކާ ނުލައެވެ. މީހަކު އެކޮޓަރީގެ ތަޅުހުޅުވަން މަސައްކަތް ކުރާއަޑެއް އެމީހުންނަކަށް ނީވެއެވެ.
ޝާނީ ބޭނުންވީ މިރޭގެ މިވަގުތުކޮޅު އެދެމީހުންގެ ލޯބީގެ ހަނދާން ތަކެއްގެ ގޮތުގައި ރައްކާކުރާށެވެ. ލޯބީގެ ގުލްޒާރުގައި އާމަލެއް ފަރިކުރާށެވެ. ލޯބީގެ ހަދިޔާތައް ހަމްޒާއަށް ދޭށެވެ. ޝާނީގެ މަސްތުވެފައިވާ ތުންފަތް ހަމްޒާގެ ތުންފަތާއި ކައިރިކޮށްލި ވަގުތެވެ. ކޮޓަރީގެ ތަޅު ހުޅުވާފައި އެތެރެއަށް އެވަނީ ހަސީނާއެވެ.
ދެމީހުނަށް ވެސް ހަމަބިމަށް އާދެވުނީ ދެނެވެ. ދެމީހުންނަށް ވެސް ލިބުނީ ކުއްލިސިހުމެކެވެ. ދެމީހުނަށް ވެސް ބަލާލެވުނީ އެކަކު އަނެކަކުގެ މޫނަށެވެ.
“ ބަލާބަލަ.. ހުންނަ ގޮތްކުޑަކަން..“ ހަސީނާގެ ދެލޮލުން އަލިފާން ނިކުތް ކަހަލައެވެ. ޝާނީ އަވަސް އަވަހަށް އެނދުން ތެދުވިއެވެ.
ހަމްޒާ އޭނާގެ ތެމިފައިއޮތް ޓީޝާޓް އަވަސް އަވަހަށް ގަޔަށް މަހާލިއެވެ. “ މީދޯ ދަންވަރު ނުނިދާހުރެ މިހާރު މި ގަންނަ ގަނޑަކީ“
ދޮވެ ނިމުމާއެކު ހެދުންތައް، ގޯތިތެރޭގައި ދަމާފައިވާ ރޯނުގައި ހަސީނާ އަޅަން ފެށިއެވެ. އޭނާގެ މޫނުމަތިން އަދިވެސް ރޭގެ ރުޅިވެރިކަން ފެންނަންހުއްޓެވެ. ޖެހިގެން ހުރިގޭ ފާރު ބުރިމަތިން ބޯދިއްކޮށްގެން ޒާހިދާ ހުރީީ ހަސީނާ އާއި ވާހަކަ ދައްކާށެވެ. އެމީހުންގެ މަޢުލޫ އަކީ ރޭގަ ހަސީނާ އަށް ފެނުނު މަންޒަރުތަކެވެ.
“ ރޭ ޚާލިދު މަހަށް ގޮސް ވީކަން އެއީ އޭނާގެ ނަސީބު“ ހަސީނާ ބުންޏެވެ. ”އެހެން ނޫނީ އޭނާގެ ދުވަސް ދުއްވާލާނެ“
“ އަހަރެން ހަމަ ހައިރާން ވެއްޖެ … އޭނަ އަކީ އެފާޑަށްވެސް އުޅޭ މީހެއްތަ..“ ޒާހިދާ ބުންޏެވެ. ”މިޒަމާނުގައި މީހަކު ހުންނަ ގޮތަކުން ނޭގޭނެދޯ“
”އޭނަގެ މަންމަ އަކީވެސް އެވައްތަރަށް އުޅުނު މީހެކޭ…. “ ހަސީނާ ބުންޏެވެ. “ ދެން އޭނާ އެހެން އުޅުނީމަ އަހަރެން ހައިރާނެއް ނުވޭ“
އެވަގުތު ޝާނީ ގިފިއްޔަށް ދިޔުމަށް ޓަކައި ގޭގެދޮރުން ބޭރަށްނިކުތެވެ. އެމީހުން ދައްކަމުން ދިޔަ ވާހަކަ ޝާނީއަށް އަޑުއިވުނެވެ. އޭނާގެ ދެލޯ ވަނީ ރަތްވެފައެވެ. މޫނުމަތި ވަނީ މިލާ މޯޅި ވެފައެވެ. ރޭގަ ކަންތައް ވެގެން ދިޔަގޮތާއި މެދު އޭނާ ދެރަވެ ލަދުގަނެއެވެ. ދޮންމަންމަ އެވާހަކަތައް އެދައްކަނީ ރަށުގެ ކިހާވަރެއްގެ މީހަކު ކައިރީކަން ޝަނީއަށް އެނގެއެވެ. ހަވީރު ނުވަނީސް މުޅިރަށަށް އެވާހަކަ ފެތުރިގެންދާނޭކަން ޝާނީއަށް އެނގެއެވެ.
“ ދެން، އެ ހަމްޒާއަކީ މީހަކާ އިނދެ ކުދިންވެސް އޮތްމީހެއް.. ރާ ބޯމީހެއް“ ޝާނީ ފެނުމުން ހަސީނާގެ އަޑު ކުރިޔަށް ވުރެ ބާރުވެގެން ދިޔައެވެ. “ އެމީހުންގެ މަގުސަދަކަށް ވާނީ ތަންތާ ކާޅުވެގެން އުޅޭ އަންހެން ކުދިންގެ ބޭނުން ހިފާލުމެއް ނޫންތަ..؟“
ޝާނީ އެމީހުން އެދައްކާ ވާހަކަ އަޑުނީވޭ ކަމަށް ހަދާފައި ގޮސް ގިފިއްޔަށް ވަނެވެ. ދޮންމަންމަ މިހާވަރު އަރުވާލާނޭ ކަން އޭނާއަށް މާކުރިންވެސް އެނގެއެވެ. އޭނާ ދެރަވަނީ ހަމްޒާގެ ކަންފަތުގައި އެވާހަކަ ޖެހޭއިރު ވާހަކަ ބަދަލުވެގެން ދާނެގޮތަކުނެވެ. މިހާރުވެސް އޭގެތެރެއަށް ފޮނިތޮށި ކަފޫރުތޮޅި އެޅިފައިހުރި ވަރު ޝާނީއަށް އެނގެއެވެ. ތެދެކެވެ. ޝާނީ އާއި ހަމްޒާ ތިބީކީ ބަރަހަނާ އަކަށްނޫނެވެ. ނަމަވެސް ހަސީނާގެ ވާހަކައިން ދޭހަވީ އެކަހަލަ ގޮތެކެވެ.
“ އަހަރެންމީ ހަސީނާ ނަމަ ލަދުން މީހުންގެ ކުރިމައްޗަށް ނިކުންނަންވެސް ނުކެރުނީސް..“ ޒާހިދާ ބުންޏެވެ.
“ އާނ! މާދަމާ ކަންނޭގެ….“ ހަސީނާއަށް ބުނެވުނީ އެހާ ހިސާބަށެވެ. ގޯތިތެރެއަށް ވަތް ތަނަވަސް ދޮން އަންހެން މީހާ ފެނުމުން އޭނާގެ ބަސް ހުއްޓުނެވެ. އެއީ ދެބައި އުމުރުގެ ރީތި އަންހެނެކެވެ. ލާފައިވާ ދިގުހެދުމާއި ގުޅޭ ބޮލުފޮތިކޮޅެއް އަޅާފައިއޮތެވެ. އަރާފައިވާ ފައިވާނުގެ ފުންނާބުންވެސް އެއީ މުއްސަންޖެއްކަން ދޭހަވެއެވެ. އޭނާ ފެނުމާ އެކު ހަސީނާގެ އަނގަ ބަންދު ވިކަހަލައެވެ.
-ނުނިމޭ-