ލ.މުންޑޫގައި ރޭ ހިންގި ގްރޫޕް މާރާމާރީއެއްގައި މަރުވި މުންޑޫ، ނޫވިލު އަލީ ޒިޔަދަމްގެ މަރުގެ މައްސަލައިގާ ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިމައްސަލަ ފުލުހުންނަށް ހުށަހެޅުމާއެކު ފުލުހުންގެ ތަޙުޤީޤު ޓީމަކުން ވަނީ އެރަށްގޮސް މިހާރު ފުލުހުން ދަނީ އެރަށުގައި ޙަރަކާތްތެރި ވަމުން އަންނަ ކަމަށެވެ.
މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި ރޭގެ ޙާދިސާގައި މަރުވެފައިވާ މީހަކީ ވައްކަމާ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ބުނެއެވެ.
މުންޑޫ ހެލްތު ސެންޓަރުން ބުނީ ޒިޔަދަމް ސެންޓަރަށް ގެންދިޔައީ ރޭ 11:25 ހާއިރު ކަމަށާއި ޒިޔަދަމްގެ ހަށިގަނޑުގެ ހަތަރު ތަނަކަށް ވަޅިން ހަމަލާ ދީފައިވާކަމަށެވެ. އަދި ސެންޓަރަށް ގެންދިޔައިރުވެސް ޒިޔަދަމް އޮތީ މަރުވެފައިކަމަށްވެސް ސެންޓަރުން ބުނެއެވެ.