ކެޔޮނިރު ކޮލަމް: އައްޑޫ ސިޓީއިން މަދިރި އާއި ވާ ހުސްކޮށްދޭ ކެންޑިޑޭޓަކަށް އަޅުގަނޑުގެ ވޯޓު!

ކެޔޮނިރު ކޮލަމް

ލިއުނީ: މުހައްމަދު ބުޝްރީ

މިދިޔަ ބުދަދުވަހު ހެނދުނު ދަރިފުޅު ސްކޫލަށްލާފައި ހިތަދޫ ބޮޑުމަގުން ދަނިކޮށް ހައިރާން ކުރަނިވި މަންޒަރެއް ފެނުނެވެ. އަޅުގަނޑުގެ ހަޔާތުން ދުވަހަކުވެސް އައްޑު އިން ކާޅެއް ނުދެކެމެވެ. ނަމަވެސް އެދުވަހު ފުރަތަމަފަހަރަށް ކާޅެއް ފެނުނެވެ. އައްޑޫ ސިޓީގައި ކާޅުގެ ބަދަލުގައި އުޅެނީ ރާއްޖޭގެ އެހެން އެއްވެސް އަތޮޅެއްގައި ނޫޅޭ، ހުދުކުލައިގެ ދޮންދޫންޏެވެ. އެދުވަހު އެފެނުނު ކާޅަކީ ވަޔާއިއެކު ކޮންމެވެސް ގޮތަކަށް އޮޅިގެން މިހިސާބަށް އާދެވުނު ކާޅެއްކަމަށް ވެދާނެއެވެ.

ކާޅުގެ އުދަގުލުން އައްޑޫ އަތޮޅު މީހުން ސަލާމްތް ވެފައިވިއަސް ވާލާއި މަދިރީގެ އުދަގުލުން ސަލާމަތެއް ނުވެއެވެ. އައްޑު އަތޮޅުގައި ކިތައްމެ ވަރަކަށް އަނބުގަސް ގިނަވިއަސް ގަސްގަހުގައި އަޅާ އަނބުގެ ބޮޑުބައި ކަނީ ވާލެވެ. ދޮންކޭލާއި ފެން ފޯކާއި ޖަބުރޯލާއި ޖަންބުފަދަ މޭވާގެ ބޮޑުބައިވެސް ވަނީ ވާލުގެ ކާނާއަށެވެ. އިހުޒަމާނުގައި މާލޭގައިވެސް ކާޅާއި ވާ އުޅުނެވެ. އޭގެ އުދަގޫ މާލޭގެ ރައްޔިތުނަނަށްވެސް އެޒަމާނުގައި ނުހަނު ބޮޑަށް ކުރިއެވެ. ނަމަވެސް ސިފައިން ނިކުމެ ބަޑިޖަހައި މާލެއާއި މާލެ ކައިރި ރަށްރަށުން ވާލާއި ކާޅު ހުސް ކުރިއެވެ. މަދިރި ބޭސް ސްޕްރޭކޮށްގެންނާއި ރަށުތެރެ ސާފުކޮށްގެން މާލެއިން މަދިރިވެސް ނައްތާލިއެވެ.

މީގެ ހަތަރު ވަރަކަށް އަހަރު ކުރިން އައްޑު އަތޮޅަށް ދިރިއުޅުން ބަދަލު ކުރި ފަހުން ގޯތިތެރޭގައި ކިތައްމެވަރަކަށް ބަގީޗާ ގަސް ގިނަވެފައި ފެހިވިއަސް މަދިރީގެ އުނދަގޫ ބޮޑުކަމުން ގެއިންބޭރުގައި ތާޒާ ވައި ޖައްސާލަން އިނުމަކީ ކުޑަވަރެއްގެ މުސީބާތެކެވެ. ގޭގައި އަނބުގަސް ހައްދައި، އެގަހުގައި ފުރަތަމަ ފަހަރަށް އަނބު އެޅުމުން އިންސްޓަގްރާމަށް ފޮޓޯލައި، ހެވިފައި ހުއްޓާ ހުރިހާ އަނބުކޮޅު ކާލީ ވާލެވެ.

ތަރައްގީގެ އެހެން އެއްކަމެއް ނުކޮށްދިނަސް އައްޑު އަތޮޅުން ވާލާއި މަދިރީގެ މުސީބާތް ނިމުމަކަށް ގެނެސް މަގުތަކުގައި ތާރު އަޅައިދޭ ކެންޑިޑޭޓަކަށް އަޅުގަނޑުގެ ވޯޓު ހަމަގައިމުވެސް ދޭނަމެވެ. އެއްވެސް ޕާރޓީއެއްގެ ނުވަތަ އަމިއްލަ ކެންޑިޑޭޓެއްގެ މެނިފެސްޓޯގައިވެސް މިފަދަ ވައުދެއް ހިމަނާފައި ނުވާތީ ހައިރާން ވަމެވެ. މިއީ ވޯޓުހޯދަން ވާންވީ އެންމެ ފުރަތަމަ ވައުދެވެ. ގަލާހާޖާ ކުރަން ބޭނުންވެފައި ހުންނަ މީހާއަށް އެންމެ މުހިއްމު ވާނީ ފާހާނާ އެވެ. ސްކޫލެއް ނޫނެވެ. ހަމައެހެން، މަދިރިއާއި ވާލުގެ މުސީބާތުން ސަލާމަތް ނުވެވިފައިތިބި އައްޑުގެ ރައްޔިތުންނަށް ޓްރާންސްޝިޕްމެންޓް ބަނދަރަކަށްވުރެވެސް މުހިއްމީ މިމުސީބާތުން ސަލާމަތް ވުމެވެ. ވޯޓު ހޯދަން ދޮރުން ދޮރަށް ހިގާއިރު ކެންޑިޑޭޓުންގެ ކަރުގައި މަދިރިބޭސް ޖަހާ “ދުންކަރާސް” އާއި ވާ މަރާ ބަޑި އޮތުމުން އައްޑުގެ ވޯޓު ލިބޭނެކަން ޔަގީނެވެ!

ސިފައިން ނިކުމެ މާލެއިން ވާލާއި މީދަލާއި މަދިރި ހުސްކުރި ގޮތަށް ރާއްޖޭގެ އެހެން ސިޓީތަކުގައިވެސް މިފަދަ ޕްރޮގްރާމެއް ހިންގައި މިކަމުން ރައްޔިތުން ސަލާމަތްކޮށްދޭންވީ އެވެ. މީގެ އިގްތިސޯދީ، އިޖްތިމާއީ އަދި ސިއްހީފައިދާ ނުހަނު ބޮޑުވާނެކަން ކަށަވަރެވެ. އެފަދަ ޕްރޮގޮރާމެއްގެ ސަބަބުން ދިވެހި ސިފައިންނަށް އަމާޒަށް ބަޑިޖަހަންވެސް އިތުރަށް ފަރިތަވެގެން ދާނެއެވެ.

ކޮންމެވެސް އެއް ކެންޑިޑޭޓަކު އައްޑު އަތޮޅަށް ވަޑައިގެން ކެމްޕެއިންގެ ވައުދެއްގެ ގޮތުގައި މަދިރި އާއި ވާލާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރައްވާނެ ކަމަށް އުއްމީދު ކުރަމެވެ. އެބޭފުޅަކަށް ވޯޓުލާން އަޅުގަނޑު މިހިރީ ތައްޔާރަށެވެ!

===================================

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here