ޖުލައި މަހު މީރާއިން 2.1 ބިލިޔަން ރުފިޔާ ބަލައިގެންފި

ދުވަސް އެމްވީ

ޖުލައި 2018 ގައި މީރާއަށް 2.1 ބިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

މީރާއިން ހާމަކޮށްފައިވާގޮތުގައި މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު %2.0 އިތުރު އަދަދެކެވެ. އަދި، މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ %0.1 އިތުރު އަދަދެކެވެ.

2017ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ މި އަހަރު ލިބުނު އާމްދަނީ އިތުރުވި މައިގަޑު ސަބަބަކީ 2017 ވަނަ އަހަރުގެ ބީ.ޕީ.ޓީ ފައިނަލް ޕޭމަންޓް ދެއްކުމުގެ ސުންގަޑި ބަންދު ދުވަހަކާއި ގުޅިގެން 1 ޖުލައި 2018 އަށް ސުންގަޑި ފަސްކުރެވިފައިވުންކަމުގައި މީރާއިން ބުނެ އެވެ.

“ޖުލައި 2018 ގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބީ.ޕީ.ޓީއެވެ. އެއީ %43.9 ނުވަތަ 934.50 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީއިންނެވެ. އެއީ %24.4 ނުވަތަ 519.13 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި %16.4 ނުވަތަ 348.21 މިލިއަން ރުފިޔާ، ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި (105.32 މިލިއަން ރުފިޔާ ނުވަތަ %4.9)، ގްރީން ޓެކްސްގެ ގޮތުގައި (44.03 މިލިއަން ރުފިޔާ ނުވަތަ %2.1) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ (177.60 މިލިއަން ރުފިޔާ ނުވަތަ %8.3) ހިމެނެއެވެ.” މީރާއިން ބުނެއެވެ.

މީގެ އިތުރުން ޖުލައި 2018ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 47.4 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭކަމުގައިވެސް މީރާއިން ބުނެ އެވެ.