ގްރީން ޓެކްސް ނެގުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހު ގެނައުމަށް މަޖިލީހަށް ފޮނުވައިފި

2015 ވަނަ އަހަރުގެ ބަޖެޓުގައި ދައުލަތަށް އާމްދަނީ ލިބޭނެކަމަށް ފާހަގަކޮށްފައިވާ ކަންކަމާއި ގުޅޭގޮތުން 2 ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙް ބިލުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ސަރުކާރުން ފޮނުވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ މި ‏‏ބިލުތަކުގެ ތެރޭގައި ހިމެނެނީ ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާއި، ޤާނޫނު ނަންބަރު 79/31 (ދިވެހިރާއްޖޭގެ އެކްސްޕޯޓު އިމްޕޯޓުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ކަމަށެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް އިޞްލާޙު ހުށަހަޅާފައިވަނީ، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން ހިންގާ ތަންތަނުގެ ތެރެއިން ޓޫރިސްޓް ގެސްޓްހައުސްތައް ފިޔަވައި، އެނޫން ތަންތަނަށް އަންނަ ޓޫރިސްޓުން، އެއިން ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 6 އެމެރިކާ ޑޮލަރުގެ ރޭޓުން، ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ޓެކްސް ނެގުމަށްޓަކައި އަދި އެ ޓެކްސް ނެގުމާ ގުޅޭގޮތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިދޭންޖެހޭ ބާރުތައް ލިބިދިނުމަށްޓަކައި އެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމުގެ މަޤުޞަދުގައި ކަމަށް ރައީސް އޮފީހުން ވިދާޅުވެ އެވެ.

އަދި ސަރުކާރުން މިޓެކްސް ތަޢާރަފު ކުރުމަށް ނިންމާފައިވަނީ ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުގެ މަންޒިލަކަށް ވެފައި، ދިވެހިރާއްޖޭގައި ރައްކާތެރި ގޮތެއްގައި ކުނި ނައްތާލުމުގެ ނިޒާމެއް ގާއިމުވެފައި ނެތުމުން ފަތުރުވެރިކަމުގެ ދާއިރާއަށް އޭގެ ނޭދެވޭ އަސަރުކުރަމުންދާތީ، ދިވެހިރާއްޖޭގައި ތިމާވެއްޓާ ރައްޓެހި އެކަށީގެންވާ ކުނި ނައްތާލާ ނިޒާމެއް ގާއިމުކުރުމަށް މަގުފަހިކުރުމަށާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމަކީ ތިމާވެއްޓާ ރައްޓެހި ސިނާޢަތަކަށް ހަދައި، ފަތުރުވެރިންނަށް ތިމާވެއްޓާ ރައްޓެހި ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެ އެވެ.

ރައީސް އޮފީހުން ވިދާޅުވީ ދިވެހިރާއްޖޭގެ އެކްސްޕޯޓު އިމްޕޯޓުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދުނިޔޭގެ ބާޒާރުގެ އަގުތަކަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން އިމްޕޯޓު މުދަލުގެ އަގުތަކަށް އައިސްފައިވާ ބަދަލުތަކަށް ރިޢާޔަތްކޮށް، އިމްޕޯޓު ޑިއުޓީގެ މިންވަރުތަކަށް ބަދަލުގެނައުމަށްޓަކައި އެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުން ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *