އެމްޑީޕީ އާއި އަދާލަތު ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ: ޓުވިޓާ
އެމްޑީޕީ އާއި އަދާލަތު ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ: ޓުވިޓާ

ސަރުކާރުގެ “އަނިޔާވެރިކަމާއި” ދެކޮޅަށް އަދާލަތާއި އެމްޑީޕީން ގުޅުމެއް އުފައްދައިފި

ސަރުކާރުން ހިންގާ ކަމަށް ބުނާ ”އަނިޔާވެރިކަން“ ހުއްޓުވުމަށް އެމްޑީޕީއާއި އަދާލަތު ޕާޓީ ގުޅިގެން މަސައްކަތް ކުރަން އެއްބަސްވެ ”އަނިޔާވެރިކަމާއި ދެކޮޅު ގުޅުމެއް“ އުފައްދައިފި އެވެ.

އަދާލަތު ޕާޓީގެ އިސްނެގުމާއި އެކު އުފެއްދި އެ ގުޅުމުގައި ބައިވެރިވުމަށް ހުރިހާ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުގެ އިތުރުން އަމިއްލަ ފަރުދުންނަށް ހުޅުވާލާފައިވާ ކަމަށް، އެ ގުޅުމުގެ ފަރާތުން ސޯލްޓް ރެސްޓޯރެންޓުގައި މިއަދު ބޭއްވި ފުރަތަމަ ނިއުސް ކޮންފަރެންސްގައި، އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ގޮވާލެއްވި އެވެ.

އެ ގުޅުމުގައި އަދި ބައިވެރިވެފައިވަނީ އެ ދެ ޕާޓީ އެކަންޏެވެ. ގާނޫނު އަސާސީ ހިމާޔަތްކުރުމުގެ މަސައްކަތުގައި އެމްޑީޕީ އާއި ޖޭޕީ ކޯލިޝަން ހަދާފައި އޮތަސް، ”އަނިޔާވެރިކަމާ ދެކޮޅު ގުޅުމުގައި“ ޖޭޕީ ބައިވެރިއެއް ނުވެ އެވެ. ނަމަވެސް ޖޭޕީގެ ދެ ޑެޕިއުޓީ ލީޑަރުން ކަމަށްވާ އަމީން އިބްރާހިމާއި ޑރ. ހުސައިން ރަޝީދު ހަސަން، އަމިއްލަ ގޮތުން މިއެ ގުޅުމުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.

އިމްރާން ވިދާޅުވީ އެމްޑީޕީ އާއި ބައިވެރިވެގެން އުފެއްދި އެ ގުޅުމަކީ ސަރުކާރު ބަދަލުކުރަން އުފެއްދި ގުޅުމެއް ނޫންކަމަށާއި އެއީ އަނިޔާލިބެމުންދާ ފަރާތްތަކަށް ލިބެމުންދާ އަނިޔާތައް ހުއްޓާލުމަށް ގޮވާލާ އުފެއްދި ގުޅުމެއް ކަމަށެވެ.

ސަރުކާރުން ކުރަމުން ގެންދާ ކަންކަމުގެ ސަބަބުން މިހާރު އެންމެ ބޮޑަށް އަނިޔާއެއް ތަހައްމަލު ކުރައްވަނީ، އިމްރާން ވިދާޅުވި ގޮތުގައި، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ. އެ ލިސްޓަށް، މިހާރު ޖަލުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންނާނީ ތިން ވަނަ އަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އިމްރާން ވިދާޅުވި ގޮތުގައި ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް އުނިކުރާ ގޮތަށް ގާނޫނަށް އިސްލާހު ހުށަހެޅީ މައުމޫނަށް އަނިޔާ ދިނުމަށެވެ.

އެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވީ އަލަށް އުފެއްދި ގުޅުމުގެ މައިގަނޑު އަމާޒަކީ ދިވެހި ސަރުކާރުގައި ތިބި ”ދެތިން ހަތަރު ވަގުންގެ އަނިޔާވެރިކަމުން ސަލާމަތްވުން“ ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ވަމުންދާ އެންމެ ބޮޑު އަނިޔާތަކަކީ ކުރީގެ ރައީސް ނަޝީދު ޖަލަށް ލުމާއި ގާސިމް އިބްރާޙިމްގެ ވިޔަފާރި ކުންފުނި ވިލާ ބަނގުރޫޓުކޮށްލަން ސަރުކާރުން މަސައްކަތް ކުރުން ކަމަށެވެ.

އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ބޮލުގައި ހަތިޔާރު އެތެރެ ކުރިކަމުގެ ތުހުމަތު އަޅުވާ ދައުވާ އުފުލުމާއި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުމަކީ ސަރުކާރުގެ އަނިޔާވެރިކަންކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. މީގެ އިތުރުން ޑރ އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ ހަގީގަތް ނުހޯދުމާއި އަލްހާން ފަހުމީ ގަޔަށް ވަޅި ޖެހި މީހުން ނުހޯދުމަކީވެސް އަނިޔާއެއްކަމަށް ވިދާޅުވި އެވެ.

ޖޭޕީގެ ނާއިބް ލީޑަރު އަމީން އިބްރާހިމް ވިދާޅުވީ ސަރުކާރުގެ އަނިޔާ އެންމެ ބޮޑަށް ލިބޭ އެއް ބޭފުޅަކީ، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށެވެ. ނަމަވެސް ”އަނިޔާވެރިކަމާ ދެކޮޅަށް ދިވެހިން“ ނަމުގައި އުފެއްދި ގުޅުމުގައި އެ ޕާޓީ ރަސްމީކޮށް ބައިވެރިނުވީ، ގާސިމްގެ އަމިއްލަ މަސްލަހަތު އެކަނި ހިމާޔަތްކުރަން ޕާޓީން މަސައްކަތް ކުރާކަމަށް އާންމުންނަށް ގަބޫލުކުރެވިދާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދާލަތު ޕާޓީ އާއި އެމްޑީޕީން އުފެއްދި ގުޅުމުން ގުޅިގެން އަންނަ ބުރާސްފަތި ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި އެ ގުޅުމުގެ ފުރަތަމަ ޖަލްސާ ބާއްވާގޮތަށް ވަނީ ނިންމާފަ އެވެ. އަދި އަނިޔާވެރިކަން ހުއްޓުވަން އިތުރު ހަރަކާތްތައް ވެސް ކުރިއަށް އޮތް ތަނުގައި ފެންނާނެ ކަމަށް އެ ދެ ޕާޓީން ބުނެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *