ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ނޫސްވެރިކަމުގެ މަސައްކަތުގައި މިދިޔަ 2014 ވަނަ އަހަރު އެންމެ މޮޅު ނޫސްވެރިންގެ އަގު ވަޒަން ކުރުމުގެ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން ދޭ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

މިކަން ހާމަކޮށް އެމްއެމްސީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އިތުރުކޮށްފައި ވަނީ މި މަހުގެ ނިޔަލަށް ކަމަށެވެ. ކުރިން އެ މުއްދަތު ހަމަވާ ގޮތަށް އޮތީ މި މަހު 22ގެ ނިޔަލަށެވެ.

 ނޫސްވެރިކަމުގެ އިނާމު 2014 އަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކުރީ، ގިނަ ނޫސްވެރިނަށް އެ އެވޯޑުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުންނާ ހުށަހަޅަން ޖެހޭ ތަކެތި ތައްޔާރުކުރުމަށް އިތުރު މުހުލަތު ދިނުމުގެ ގޮތުން ކަމަށް އެމްއެމްސީގެ އިއުލާނުގައި ބުނެފައި ވެއެވެ.

ނޫސްވެރިކަމުގެ އިނާމަށް ނަން ހުޅަހެޅުމަށް ހުޅުވާލާފައި ވަނީ ތިން ދާއިރާއަކުންނެވެ. އެއީ ޓީވީ ސްޓޭޝަންތަކުގައި މަސައްކަތް ކުރާ ނޫސްވެރިންނަށާއި އޮންލައިން/ޕްރިންޓް މީޑިއާގައި މަސައްކަތް ކުރާ ނޫސްވެރިންނަށާއި ރޭޑިއޯތަކުގައި މަސައްކަތް ކުރާ ނޫސްވެރިންނަށެވެ.

އެ ތިން ދާއިރާގެ ތެރެއިން ކޮންމެ ދާއިރާއަކުން އެންމެ މޮޅު ނޫސްވެރިޔާ ހޮވާނީ އެމްއެމްސީން ކަނޑައަޅާފައިވާ ފަނޑިޔާރުންގެ ޕެނަލަކުންނެވެ. އެ ޕެނަލުގައި މީޑިއާ ކައުންސިލްގެ މެމްބަރުން ނުހިމެނެ އެވެ.

މީޑިއާ ކައުންސިލުން ބުނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށައެޅުމުގެ ފުރުސަތު ވަކި ވަކި ނޫސްވެރިންނަށާއި، ނޫސްވެރިޔާގެ ނަން އެހެންފަރާތަކުން އަދި ނޫސްވެރިޔާ މަސައްކަތްކުރާ މުއައްސަސާއިން ވެސް ހުށަހެޅުމުގެ ފުރުސަތު އޮއްނާނެ ކަމަށެވެ. އެގޮތުން ނަން ހުށަހަޅާ ކޮންމެ ނޫސްވެރިޔަކަށް ފަސް ހަބަރު އަދި ފަސް ރިޕޯޓު ހުށަހެޅިދާނެ ކަމަށާއި އަދި ހަމައެކަނި ހަބަރު ހުށަހަޅަން ބޭނުންވާ ނޫސްވެރިއަކަށް މަދުވެގެން 10 ހަބަރު ހުށަހަޅަން ޖެހޭނެ ކަމަށާއި ހަމައެކަނި ރިޕޯޓް ހުށަހަޅަން ބޭނުން ނޫސްވެރިއަކަށް މަދުވެގެން 10 ރިޕޯޓު ހުށަހަޅަން ޖެހޭނެ ކަމަށްވެސް އެ ކައުންސިލުން ބުންޏެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *