މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީ -- ފޮޓޯ: ޓުވިޓާ
މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީ -- ފޮޓޯ: ޓުވިޓާ

ތޮލާލް ”ބާޣީންނޭ“ ވިދާޅުވި މައްސަލަ ނުބަލަން ނިންމައިފި

ފުލުހުންނާ ދިމާއަށް ”ތިއީ ބާޣީންނޭ“ ވިދާޅުވި ކަމަށް ތުހުމަތުކޮށް ހިއުމަން ރައިޓްސް ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު ތޮލާލުގެ މައްޗަށް ފުލުހުން ހިންގާފައިވާ ތަހުގީގުގައި އެ ކަމަށް ހެކިބަސް ދީފައި ވަނީ އެންމެ މީހެއް ކަމަށް ބުނެ އެ މައްސަލަ ނުބެލުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ނިންމައިފި އެވެ.

އެމައްސަލަ ނުބެލުމަށް ނިންމިކަން ފުލުހުން ހާމަކުރީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމީޓީއަށް ފުލުހުން ހާޒިރުކޮށް މިއަދު އެމައްސަލާގައި ސުވާލު ކުރުމުންނެވެ. ތޮލާލުގެ މައްސަލަ ތަހުގީގު ކުރި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދާއި އިންސްޕެކްޓަ އޮފް ޕޮލިސް އަހްމަދު ހުސައިން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ އަށް ހާޒިރުކޮށްފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫނިދޫގައި ހައްޔަރުކޮށްފައި އިންނަވަނިކޮށް އެޗްއާރްސީއެމްގެ މެންބަރުން ދޫނިދޫއަށް ޒިޔާރަތް ކުރުމަށްފަހު އެނބުރި މާލެ ވަޑައިގަތް މަގުމަތީގައި ދިމާވި ފުލުހުންނާ ދިމާލަށް ”ތިީ ބާޣީންނޭ“ ތޮލާލް ވިދާޅުވެ ދިމާކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން އެމައްސަލަ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ހުށަހަޅާފައިވާތީ އެކޮމިޓީން ވަނީ އެމައްސަލާގައި ތޮލާލާ ވެސް ސުވާލުކޮށްފަ އެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން ހަމްދޫން ވިދާޅުވީ އެއް ނަމްބަރު ޖެޓީ ސަރަހައްދަށް އެޗްއާރްސީއެމްގެ ލޯންޗު ގާތް ނުކުރެވޭނެ ކަމަށް އެ ސަރަހައްދުގައި އޮތް ފުލުހުންގެ ލޯންޗެއްގައި ތިބި ފުލުހުން އެންގުމުން އެ ފުލުހުންނާ މުހާތަބުކޮށް ”ތިއީ ބާގީންނޭ“ ތޮލާލު ވިދާޅުވި ކަމަށް ބަޔާން ދީފައި ވަނީ އެންމެ ފުލުހެއް ކަމަށެވެ. ނަމަވެސް ފުލުހުންގެ އެ ލޯންޗުގައި އިތުރު ދެ މީހުން ތިބި ކަމަށާއި ތޮލާލު އެގޮތަށް ވިދާޅުވި ކަމަށް އެ ފުލުހުން ބުނެފައި ނުވާ ކަމަށެވެ. އެހެން ކަމުން އެ މައްސަލަ ނިންމައި ފައިލްކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ތޮލާލު ބާޣީއަށް ގޮވިކަމަށް ފުލުހުން ބުނާ މައްސަލަ ބަލައިދިނުމަށް އެދި އެޗްއާރުސީއެމުން ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށްވެސް ހުށަހެޅި އެވެ.

ފުލުހުންގެ ތުހުމަތުތައް ތޮލާލު ދޮގުކުރައްވާފައިވާއިރު އޭނާ ވިދާޅުވެފައިވަނީ ބާޣީއަށް ގޮވިކަން ސާބިތުކޮށްދީފި ނަމަ އެޗްއާރްސީއެމްގެ މެންބަރުކަމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *