އއ. މަޑޫގަލި އައިލެންޑް ރިސޯޓްގެ އޮޕަރޭޝަންސް ހުއްޓާލަން ޓޫރިޒަމް މިނިސްޓްރީން އަންގައިފި އެވެ.
ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ސޮއި ކުރައްވާ މަޑޫގަލި އިންވެސްޓްމަންޓަށް މިދިޔަ ބުދަދުވަހު ފޮނުއްވި ސިޓީއެއްގައި ވަނީ އެ މިިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑަށް ކަންކަން ރަނގަޅުކުރުމުން ނޫނީ ރިސޯޓްގެ އޮޕަރޭޓިން ލައިސަންސް ދޫނުކުރާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވެފައިވަނީ ތަކުރާރުކޮށް ބައެއްކަން ރަނގަޅު ކުރަން އެކުންފުންޏަށް އެންގުމުން ރަނގަޅު ނުކުރުމުން މީގެ ކުރިން އެއް މިލިޔަން ރުިފޔާއން ޖޫރިމަނާކޮށްފައިވާ ކަމަށާއި އަދި ރަނގަޅު ކުރުމަށް މުއްދަތެއްވެސް ދީފައި ވާނެ ކަމަށެވެ.
އެ ސިޓީގައި ބުނެފައިވާ ގޮތުގައި މަޑޫގަލީގައި 2013 އާއި 2014 ގައި ކުރި ރޫޓިން އިންސްޕެކްޝަންތަކުން ފާހަގަކުރެވުނީ ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ ރިސޯޓްގެ ފެންވަރު ދަށްކަމެވެ. އަދި ވަގުތީ ގޮތުން މަޑޫގަލި ރިސޯޓް ހިންގަން މިދިއަ އަހަރުގެ ޖުލައި 20 ގައި ދިން ވަގުތީ ހުއްދަ ނޮވެމްބަރު 1، 2014 އަށް ވަނީ ހަމަވެފަ އެވެ.
”އެނގިވަޑައިގަންނަވާނެ ފަދައިން ލައިސަންސް ނެތި، މި މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑާ ހިލާފަށް ރިސޯޓެއް ހިންގުމަކީ ޓޫރިޒަމް ގާނޫނާ ހިލާފު ކަމެކެވެ. އަދި ދަންނަވަމެވެ. މި މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑަށް މަޑޫގަލި ރިސޯޓްގެ ސްޓޭންޑަޑަށް ގެނައުމުގެ ބަދަލުގައި މި މިނިސްޓްރީ އަށް ބަހަނާތައް ދައްކައި އެކިއެކި ސިޓީ ފޮނުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ،“ ޓޫރިޒަމް މިނިސްޓަރު އެކުންފުންޏަށް ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައި ވެއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މަޑޫގަލި ރިސޯޓުން ދައުލަތަށް ދައްކަން ޖެހޭ ކުލި ގަވައިދުން ދައްކަމުން ނުދާ ކަމަށެވެ. އަދި މިދިޔަ މަހުގެ 18ގެ ކުރިން ކުލި ނުދައްކައިފި ނަމަ އެއްބަސްވުން ބާތިލުކޮށް ރަށް ނަގާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ އެ ރިސޯޓަށް އަންގައިފަ އެވެ.