ރޭގެ މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރުކުރި ދެ އަންހެނުން - ދުވަސްފޮޓޯ: ޔޫސުފް ރިޝްފާން
ރޭގެ މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރުކުރި ދެ އަންހެނުން - ދުވަސްފޮޓޯ: ޔޫސުފް ރިޝްފާން

މުޒާހަރާތަކަށް ހަމަލަދެނީ ފިޔަވަޅެއް ނާޅާނެކަމުގެ ޔަގީންކަން އެފަރާތްތަކަށް ލިބިފައިވާތީ: އެމްޑީޕީ

ރައީސް ނަޝިދު މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ސިޔާސީ ޕާޓީ އެމްޑިޕީން ކުރިއަށްގެންދާ މުޒާހަރާތަކަށް ހަމަލަދެނީ ގްރޫޕުތަކާ މެދު ފުލުހުން އެއްވެސް ފިޔަވަޅެއް ނާޅާނޭކަމުގެ ފުރިހަމަ ޔަޤީންކަން އެފަރާތްތަކަށް ލިބިފައިވާތީ ކަމުގައި ގަބޫލުކުރެވޭ ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ނަޝީދު މިނިވަންކުރުމަށް ގޮވާލައި، އެމްޑީޕީން އިންތިޒާމުކޮށްގެން ބާއްވާ މުޒާހަރާތަކުގެ ތެރެއަށް ޢާންމުކޮށް ކޮންމެ ރެޔަކު ތަކުރާރުކޮށް ގްރޫޕުތަކުން ވަދެ، މުޒާހަރާގެ ބައިވެރިންނަށް ބިރުދައްކައި، ޙަމަލާތައްދީ އަދި ތަކެއްޗަށް ގެއްލުންދެމުންދާ ފަދައިން، ރޭގެ މުޒާހަރާގެ ބައިވެރިންގެ ގަޔަށް ވެސް އެކިފަހަރުމަތިން ޕެޓްރޯލާއި ކަޅުތެޔޮޖަހައި، އަދި އެ މުޒާހަރާގެ ތެރެއަށް ގްރޫޕްތަކުން އެކިފަހަރުމަތިން ވަދެގަނެ، މުޒާހަރާގެ ބައިވެރިންނަށް ބިރުދައްކައި، ހައިޖާނު އުފައްދާފައިވާއިރު، އެ މުޒާހަރާގެ ބައިވެރިންނަށް ފުލުހުން ރައްކާތެރިކަން ނުދީ، އަދި ޙަމަލާދިން އެއްވެސް މީހަކު ހައްޔަރު ވެސް ނުކޮށް، އޭގެބަދަލުގައި މުޒާހަރާގައި ބައިވެރިވި އަންހެން ބޭފުޅުން ރޭގައި ވެސް ޙައްޔަރުކޮށްފައިވާތީ، އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރާ ކަމަށެވެ.

އަދި މިފަދަ ގްރޫޕުތަކުން މުޒާހަރާގެ ތެރެއަށް ކަތިވަޅި ފަދަ ހަތިޔާރު ހިފައިގެން ވަދެގަނެ، މުޒާހަރާގެ ބައިވެރިންނަށް ފާޅުކަން ބޮޑުގޮތެއްގައި ބިރުދައްކައި، ޙަމަލާތައް ދެމުން ގެންދަނީ، ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން އަޑީގައި ތިބެގެންކަމަށް ޤަބޫލުކުރަންޖެހޭ ކަމަށާއި ޙަމަލާދޭ ގްރޫޕުތަކާ މެދު ފުލުހުން އެއްވެސް ފިޔަވަޅެއް ނާޅާނޭކަމުގެ ފުރިހަމަ ޔަޤީންކަން އެފަރާތްތަކަށް ލިބިފައިވާތީ ކަމުގައި ވެސް ޤަބޫލުކުރަންޖެހޭ ކަމަށެވެ.

ހަމައެފަދައިން މުޒާހަރާތަކުގެ ތެރެއަށް ވަދެ، އެޒާތުގެ ބޮޑެތި ނުރައްކާ ޖަރީމާތައް ހިންގަމުން ދަނިކޮށް ސާބިތު ހެއްކާއެކު ހިފުމަށް ފަހުގައި ވެސް އެއިން އެއްވެސް ފަރާތެއް ޙައްޔަރުކޮށް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން ކަންބޮޑުވުމާއެކު ފާހަގަކުރާ ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ސުލްޙަވެރި މުޒާހަރާތައް ބޭއްވުމުގައި އެއްބާރުލުންދީ މުޒާހަރާ ކުރާފަރާތްތައް ހިމާޔަތްކޮށްދީ ރައްކާތެރިކޮށްދިނުމަކީ ފުލުހުންގެ މައްޗަށް ޤާނޫނީ ގޮތުން ލާޒިމު ކަމަކަށްވީ ނަމަވެސް، އެމް.ޑީ.ޕީ އިން ބާއްވާ މުޒާހަރާތަކުގެ ތެރެއަށް މިގޮތަށް ގްރޫޕުތަކުން ތަކުރާރުކޮށް ވަދެ މީހުންނަށް ޙަމަލާދީ ތަކެއްޗަށް ގެއްލުންދެމުންދާ މައްސަލަތައް ފުލުހުން ބަލަމުން ނުދާތީއާއި، އޭގެ ބަދަލުގައި މުޒާހަރާގެ ބައިވެރިން ޙައްޔަރުކުރަމުންގެންދާތީ، ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުންނާއި، ހިޔުމަން ރައިޓްސް ކޮމިޝަނުން އެ މައްސަލަތައް ވަގުތުން ބައްލަވައިދެއްވުމަށް އެމްޑީޕީން ގޮވާލާކަމަށެވެ. އަދި ރޭގެ މުޒާހަރާއިން ޙައްޔަރުކުރި ހުރިހައި އަންހެން ބޭފުޅުން ވަގުތުން ދޫކޮށްލުމަށް ފުލުހުންނަށް ގޮވާލާކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *