ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް، މިއަދު ހެނދުނު ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފި އެވެ.
މި ދަތުރުފުޅަކީ ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލްސަޢުދުގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ވިދާޅުވެ އެވެ.
ރައީސް އޮފީހުން ވިދާޅުވީ ރައީސްގެ ދެ ކަނބަލުން ސައުދީއަށް ފުރާވަޑއިގެންނެވީ ރައީސްގެ ދަތުރުފުޅަށްޓަކައި ސައުދީ ސަރުކާރުން ހަމަޖައްސަވައިދެއްވި ހާއްސަ މަތިންދާ ބޯޓެއްގައި ކަމަށާއި ރައީސްގެ ދެކަނބަލުން ރިޔާދްގެ ކިންގް ޚާލިދް އިންޓަރނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމުން، އެބޭފުޅުންނަށް މަރުޙަބާ ދެންނެވުމަށް ހަމަޖެހިފައި ވަނީ ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލްސަޢުދު ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް، ސަޢޫދީ ޢަރަބިއްޔާގެ ޑިފެންސް މިނިސްޓަރާއި ޕެޓްރޯލިއަމް އެންޑް މިނަރަލް ރިސޯސަސް މިނިސްޓަރާއި އެޑިޔުކޭޝަން މިނިސްޓަރާއި ފިނޭންސް މިނިސްޓަރާއި އިސްލާމިކް އެފެއާޒް މިނިސްޓަރު އިޙްތިރާމުގެ ޒިޔާރަތް ކުރައްވާގޮތަށް ވަނީ ހަމަޖެހިފައިވާ ކަމަށް ވެސް އެ އޮފީހުން ވިދާޅުވި އެވެ.