ރާއްޖޭގައި މިވަގުތު އެތައް ކަމެއް ހައްދު ފަހަނައަޅާފައިވާކަން ބަޔާންކޮށް އެކަންކަން ހައްލުކުރަން ތެދުވުމަށް އަދާލަތު ޕާޓީން ގަރާރެއް ފާސްކޮށްފި އެވެ.
އަދާލަތު ޕާޓީން މިރޭ ފާސްކުރި އެ ގަރާރުގައި ބުނެފައިވަނީ ގާނޫނު އސަސާސީން ރައްޔިތުންނަށް ލިބިފައިވާ ބާރުތައް ހަނިކޮށް، ބާރުތައް ވަކިކުރެރެވިފައިވާ ވެރިކަމުގެ ނިޒާމު ރޫޅާލާ، ވެރިކަން ހިންގުމުގެ ބާރުގެ ތެރެއަށް ދައުލަތުގެ އެންމެހާ ބާރުތައް ޖަމާކުރުމުގެ ސަބަބުން ގާނޫނު އަސާސީގެ ބާރު ކެނޑެމުންދާ ކަމަށެވެ. އަދި ޝަރުއީ ނިޒާމުގެ އެކި ގުނަންތަކުގެ މައްޗަށް ނާޖާއިޒު ނުފޫޒުތައް ފޯރުވާ، ޝަރީއަތުގެ ނިންމުތަކުގެ އިންސާފުވެރިކަމާމެދު ސުވާލު އުފެދި އަދުލުވެރިކަމާއި ހަމަހަމަކަން ގެއްލެމުންދާ ކަމަށެވެ.
”ކޮރަޕްޝަނާއި ފަސާދަ އާންމުވެ، މަސްތުވާތަކެތިން މުޖުތަމައު ސަލާމަތް ކުރުމަށްޓަކައި ހެދިފައިހުރި ގާނޫނުތައް އިތުރަށް ހަރުދަނާ ކުރުމުގެ ބަދަލުގައި އަންނަނީ އެމަގަށް މަގުފަހި ކުރަމުން، ބޮޑެތި ކުށްތަކާއި އަނިޔާވެރި ޖަރީމާތައް ހިންގާ ކުށްވެރިންނަށް މަގުފަހިވާގޮތަށް ގައުމުގެ މުހިންމު ސިޔާސަތުތައް ބައްޓަންކޮށް، އެފަދަ ނުފޫޒުތައް ސަރުކާރުގެ މުއަސައްސަސާތަކުގެ ތެރެއަށް ދަނީ ވައްދަމުން، ދިވެހި ދައުލަތުގެ ހިންގުމުގެ މަތިވެރި ޒިންމާ އަދާކުރުމަށް އާލަމްތަކުގެވެރި މާތް ﷲ ގަންދީ ހުވާކޮށްގެންތިބި ރައްޔިތުންގެ ހާދިމުންގެ އަނިޔާވެރިކަން ރައްޔިތުންގެ މައްޗަށް އާންމުވެ، މީސްމީހުންގެ މުދާތައް ނުހައްގުން ފޭރިގަނެ ރައްޔިތުން ހިމާޔަތް ކުރުމަށްޓަކައި އެކަނި ވުޖޫދުގައި އޮންނަ ގައުމުގެ ސަލާމަތީ ބާރުތަކާއި ރައްޔިތުންގެ މެދުގައި އަދުލުވެރިކަން ގާއިމް ކުރުމަށްޓަކައި އުފައްދާފައިހުރި މުއައްސަސާތަކުގެ ބޭނުން ނަހަމަގޮތުގައި އަންނަނީ ހިފަމުން“ އަދާލަތުގެ ގަރާރުގައި ވެ އެވެ.
އެ ގަރާރުގައި އިތުރަށް ބުނެފައިވަނީ ދިވެހި ރާއްޖެއިން ނެތެމުންދިޔަ އަނިޔާވެރިކަމުގެ ވައްޓަފާޅި އަލުން އަނބުރާ އިއާދަވަމުން އަންނަތަން އަދާލަތު ޕާޓީގެ މަޝްވަރާމަޖިލީހަށް ކަށަވަރުވެއްޖެ ހިނދު، މި އެންމެހައި އަނިޔާވެރި ކަންކަމާ ދެކޮޅަށް އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކާއި އަދި އަދާލަތު ޕާޓީގެ ދުސްތޫރާއި އުސޫލުތަކުން ބާރު ލިބިގެން ކުރެވެންހުރި އެންމެހައި ކަންކަން ކުރުމަށް އަދާލަތުޕާޓީގެ މަޝްވަރާ މަޖިލީހުން އިގުރާރު ވާކަމަށެވެ.