ޒަކާތު ފަންޑުން ބޯންމެރޯ ޓްރާސްޕްލާންޓް ހެދުމަށް އެހީ ލިބުނު ތެލަސީމިއާ ކުދިންގެ ފުރަތަމަ ބެޗުގައި ހިމެނޭ ކުދިން މިއަދު ފުރައިފި އެވެ.
މިއަދު ފުރި ބެޗުގައި ދިހަ ކުދިން ފުރާފައިވާއިރު ޖުމްލަ 34 ކުއްޖަކަށް ޒަކާތު ފަންޑުން އެހީލުބުނެވެ. މިއަދު ފުރި 10 ކުދިންގެ ތެރެއިން ދެ ކުއްޖަކު ސްރީލަންކާ އަށްދާއިރު، އަނެއް އަށް ކުދިން ދާނީ އިންޑިއާ އަށެވެ.
އެ ކުދިން ފުރިހަމަ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ވަނީ އެ ކުދިންނާއި އެ ކުދިންނާއެކު ބޭހަށް ފުރާ އާއިލާގެ މީހުންނާއި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ބައްދަލު ކުރައްވާފަ އެވެ.
އެންސްޕާއިން ބުނީ އެހީ ލިބުނު ކުދިން އެކި ބައިބަޔަށް ބަހާލައިގެން ފޮނުވަން ޖެހުނީ ހޮސްޕިޓަލްތަކުން ޖާގަ ލިބުން ދަތިވާތީ ކަމަށެވެ. އަދި އެކި ބުރު ބުރަށް ކުދިން ބަހާލީ މޯލްޑިވްސް ބްލަޑް ސާވިސް އިން ދިން ލިސްޓަށް ބަލައިގެން ކަމަށެވެ.
ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ދާ ދެވަނަ ބުރުގެ ކުދިން އަންނަ މަހު ފުރުމަށް ހަމަޖެހިފައިވާއިރު މިއަދު ފުރި ކުދިންޗެސް އޮޕަރޭޝަނަށް ފަހު ތިން މަސް ވަންދެން އެ ގައުމެއްގައި މަޑު ކުރަން ޖެހޭނެ އެވެ. އެހުރިހާ ކަމެއް ޒަކާތު ފަންޑުން ވަނީ ހަމަޖައްސާދީފައި އެވެ.
އެގޮތުން، ކޮންމެ ކުއްޖަކަށް ގާތްގަނޑަކަށް 45،000 ޑޮލަރު ޒަކާތު ފަންޑުން ހަރަދުކުރާއިރު، ބޯންމެރީ އޮޕަރޭޝަނަށް ގާތްގަނޑަކަށް 30،000 ނުވަތަ 35،000 ޑޮލަރު ހޭދަވާނެ ކަމަށް އެންސްޕާއިން ބުނެ އެވެ.