ޝަހީދު އަލީ ހިނގުމުގައި ހުންނަ ”ކެފޭ ލަޔާލީ“ އަށް ހުއްދަ ނުހޯދާ ވަދެ ވީޑިއޯކުރި މައްސަލައިގައި ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ރާއްޖެ ޓީވީގެ ހަތަރު ނޫސްވެރިން ދޫކޮށްލީ އެމީހުން ކުރި ވީޑިއޯތައް ޑިލީޓްކުރިތޯ ފުލުހުން ކަށަވަރު ކުރުމަށްފަހު ކަމަށް އެ ޓީވީން ބުނެފި އެވެ.
ރާއްޖެ ޓީވީން ބުނެފައިވަނީ އެ ޓީވީގެ ހަތަރު މުވައްޒަފުން ދޫކޮށްލާފައިވަނީ ރޭ 4:30 ހާއިރު ކަމަށެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އިންފޮމޭޝަން އޮފިޝަރު އިސްމާއިލް އަލީ، ރޭ ވިދާޅުވީ ރާއްޖެ ޓީވީގެ ހަތަރު މުވައްޒަފަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މާފަންނުގައި ހުންނަ ރެސްޓޯރެންޓަކަށްވަދެ ހުއްދަ ނުހޯދާ ވީޑިއޯ ކުރި މައްސަލައިގާ ކަމަށެވެ.
ރާއްޖެ ޓީވީން ރޭ ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ ކެފޭ ”ލަޔާލީ“ގައި ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒް މުހުސިނާއި ގާޒީ އަބްދުލް ބާރީ ޔޫސުފް ބައްދަލު ކުރައްވަމުން ދަނިކޮށް އެތަން ވީޑިއޯ ކުރުމަށް ދިޔަ ރާއްޖެ ޓީވީގެ ނޫސްވެރިން، އެސްއޯ ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ގާޒީ ބާރީ އަކީ މިހާރު ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލައާއި އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްސަލަ ބައްލަވާ ބެންޗުގައި އިންނަވާ ފަނޑިޔާރެކެވެ.