ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާގެ މިރޭގެ އަޑުއެހުމަށް ނަޝީދުގެ ވަކީލުން ކްރިމިނަލް ކޯޓަށް ހާޒިރު ނުވާތީ އަޑުއެހުން މާދަމާރެއަށް ފަސްކޮށްފި އެވެ.
މިރޭގެ އަޑު އެހުން 08:00 ޖެހި އިރު ފެށުމަށް ހަމަޖެހިފައިވީނަމަވެސް ވަކީލުން ހާޒިރު ނުވާތީ ޝަރީއަތް ފަސް ކުރީ 09:00 ގެ ފަހުންނެވެ. މިރޭގެ ޝަރީއަތް ކެންސަލް ކުރައްވަމުން ފަނޑިޔާރުންގެ ބެންޗުން ވަނީ މާދަމާ ރެއަށް ވަކީލުން ހަމަޖެއްސުމުގެ ފުރުސަތު ނަޝީދަށް ދީފައި އެވެ.
ނަމަވެސް މާދަމާ ރޭ ޝަރީއަތް ބާއްވާނެ ވަކި ގަޑިއެއް ނާންގަ އެވެ. ރޭގެ ޝަރީއަތްވެސް ނިންމާލީ މިއަދު ޝަރީއަތުގެ އަޑު އެހުމެއް ބާއްވާނެ ކަމަށް ބުނެ އެވެ. އަދި ގަޑި ފަހުން ވަކީލުންނަށް އަންގާނެ ކަމަށް ރޭ ފަނޑިޔާރު ވިދާޅުވި އިރު މިރޭ ޝަރީއަތް ތާވަލް ކުރީ ހަވީރު ބާއްވަން ހަމަޖެހިފައި އޮތް ޝަރީއަތް ފަސް ކުރުމަށް ފަހު އެވެ.
މިރޭ ބާއްވަން ހަމަޖެހިފައި އޮތް ޝަރީއަތް ކެންސަލް ވުމުން ކޯޓުން ނުކުންނަވަމުން ނަޝީދު ވަނީ މާދަމާ ރެއަށްވެސް ވަކީލުން ހަމަ ނުޖެއްސޭނެ ކަމަށް ކޯޓު އޮފިސަރުންގެ ކައިރީ ވިދާޅުވެފައި އެވެ. ނަޝީދު ކޯޓު އޮފިސަރުން ކައިރީ ވިދާޅުވީ ޖަލުގެ ހައްޔަރުގައި އިނދެގެން ވަކީލުން ހަމަނުޖެއްސޭނެ ވާހަކަ ފަނޑިޔާޜުންގެ އަރިހުގައި ދެންނެވުމަށް އެދޭކަމަށެވެ.
ވަކީލުން ހާޒިރު ނުވެގެން ޝަރީއަތް ކެންސަލް ކުރަން ޖެހުނު އިރު ރައީސް ނަޝީދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތްތަކަށް އެކަށީގެންވާ ގޮތުގައި ތައްޔާރުވުމަށް ފުރުސަތު ނުލިބޭ ކަމަށް ތަކުރާރުކޮށް ނަޝީދުގެ ވަކީލުން ގެންދަވަނީ ވިދާޅުވަމުންނެވެ.
މިރޭގެ އަޑު އެހުމުގައި ކުރިޔަށް ގެންދަން ހަމަޖައްސާފައި އޮތީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގަ ނަޝީދާއި ދެކޮޅަށް ދައުލަތުން ހުށަހަޅާ އޯޑިއޯ އާއި ވީޑިއޯ ހެކިތައް ހުށަހެޅުމެވެ. މީގެ ކުރިން ނަޝީދާއި ދެކޮޅަށް ހަ މީހަކު ވަނީ ހެކި ބަސް ދީފައި އެވެ.