ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް -- ދުވަސް ފައިލް ފޮޓޯ
ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް -- ދުވަސް ފައިލް ފޮޓޯ

ހޭއަރުވާލާނެ ކަމަށްބުނެ ނާޒިމަށް އަދީބު އިންޒާރުދިން: ނާޒިމްގެ ވަކީލް

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމަށް ”ހޭއަރުވާލާނެ“ ކަމަށްބުނެ ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު އިންޒާރު ދިން ކަމަށް ނާޒިމްގެ ގާނޫނީ ޓީމުން ބުނެފި އެވެ.

ނާޒިމްގެ ގާނޫނީ ޓީމުން ބުނީ އަދީބު އާއި ހޯމް މިނިސްޓަރު އުމަރު ނަސީރު އާ ދެމީހުން ނާޒިމަށް ކުރި ކޮންފަރެންސް ކޯލެއްގައި ނާޒިމަށް ”ހޭއަރުވާލާނެ“ ކަމުގެ އިންޒާރު އަދީބުދިން ކަމަށެވެ. އެ އިންޒާރު ނާޒިމަށް ދިނީ ނާޒިމްގެ ގެއިން ހަތިޔާރު ފެނުނު ކަމަށް ފުލުހުން ބުނާ ދުވަހުގެ ދެދުވަސް ކުރިން ކަމަށްވެސް ނާޒިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެ އެވެ.

ނާޒިމްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މިއަދު ބާއްވާފައިވާއިރު ނާޒިމްގެ ފަރާތުން ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުގެ ރޭ ފުލުހުން ގ. އެނިފްއަށް ވަނުމުގެ ދެ ދުވަސްކުރިން މިނިސްޓަރު އަދީބް ނާޒިމަށް ގުޅުއްވި ކަމަށާއި އެއީ ކޮންފަރެންސް ކޯލެއް ކަމުން މިނިސްޓަރު އުމަރު ވެސް އެކޯލުގައި ވާހަކަ ދެއްކެވި ކަމަށެވެ.

އަދި ގ. އެނިފްއަށް ވަދެފައިވާ ފުލުހުންގެ ސްވޮޓް ޓީމުގައި ހިމެނޭ ބޭފުޅުންގެ ބޭންކް އެކައުންޓަށް ފައިސާވެސް ޖަމާކޮށްދީފައިވާ ކަމަށާއި ފުލުހުންގެ އެތެރެއިން އެމައުލޫމާތު ލިބިފައިވާ ކަމަށްވެސް މައުމޫން ވިދާޅުވި އެވެ. މީގެ އިތުރުން މާލޭގައި ހުރި ފެންފޯއް ރުއްތަށް ކަނޑަމުންދަނީ ސްވޮޓް ޓީމުގައި ހިމެނޭ ފުލުހުންގެ ބަޔަކު ކަމަށް ބުނެ ނާޒިމް ރައީސް އަބްދުﷲ ޔާމިނަށް ޝަކުވާ ހުށަހެޅި ކަމަށާއި އެކަމާ ހޯމް މިނިސްޓަރު އުމަރު ނަސީރު ހިތްހަމަޖެހިވަޑައިނުގެން އުޅުއްވި ކަމުގައިވެސް ނާޒިމްގެ ވަކީލް މިއަދު އަޑުއެހުމުގައި ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމުގައި ނާޒިމާ ދެކޮޅަށް ދައުލަތުން ހެކި ހުށަހެޅިއެވެ. އެގޮތުން ތިން މީހެއްގެ ހެކިބަސް ސިއްރުން އަދި އެކެއްގެ ހެކިބަސް ފާޅުގައި ނެގުމަށް އެދުނެވެ. އެގޮތުން ނާޒިމް ދިރިއުޅުއްވާ ގ. އެނިފްއަށް ވަތް ފުލުހުންގެ ސްވޮޓް ޓީމުގައި ހިމެނޭ ތިން މީހެއްގެ ނަމާއި ނާޒިމްގެ ގެއިން ފެނުނު ތަކެތީގެ ރިޕޯޓް ތައްޔާރުކުރި ފުލުހުންގެ އޮފިސަރާއި، ނާޒިމްގެ ގެއިން ފެނުނު ކަމަށް ފުލުހުން ބުނާ ހަތިޔާރުތަކުގެ އެނަލިސިސް ރިޕޯޓް ހެދި ސިފައިން އޮފިސަރާއި، ނާޒިމް ދިރިއުޅުއްވާ ގެއަށް ވަނުމަށް ކްރިމިނަލް ކޯޓުން ދިން އަމުރާއި، ނާޒިމްގެ ގެއިން ފެނުނު ތަކެއްޗަކީ ސިފައިންގެ އެއްޗެއް ނޫން ކަމަށް ބުނެ ޑިފެންސް މިނިސްޓްރީން ފުލުހުންނަށް ފޮނުވި ސިޓީއަކާއި، ނާޒިމްގެ ގެއިން ފެނުނު ޕެންޑްރައިވްގައި ހުރި މައުލޫމާތާއި، ނާޒިމް ފުލުހުންގެ ތަހުގީގަށް ދީފައިވާ ބަޔާން ހިމެނެ އެވެ.

ސިއްރު ހެކީންގެ ގޮތުގައި ތިން މީހެއް ހުށަހަޅާފައިވާއިރު ދައުލަތުގެ ވަކީލު ވިދާޅުވީ އެ ހެކީން ހުށަހަޅާފައި ވަނީ ނާޒިމް ނިދާ ކޮޓަރިތެރޭގައި ހުރި ކަބަޑެއްގެ ތެރެއިން ފިސްޓޯލައަކާއި ތިން ވަޒަން ފެނުނުކަން ސާބިތު ކުރުމަށް ކަމަށެވެ.

މި މައްސަލައިގާ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނެގުމެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *