ހުޅުމާލޭގައި އަލަށް ހުޅުވި ވަގުތީ މިސްކިތް -- ފޮޓޯ: އެޗްޑީސީ

ރޯދައަށް ހާއްސަކޮށް ހުޅުމާލޭގައި ވަގުތީ މިސްކިތެއް ހުޅުވައިފި

ދުވަސް އެމްވީ

ރޯދަ މަހަށް ހާއްސަކޮށް ހުޅުމާލޭގައި ވަގުތީ މިސްކިތެއް ހުޅުވައިފި އެވެ.

“މަސްޖިދުލް ފިތުޔާ”ގެ ނަމުގައި މިއަދު މެންދުރު ހުޅުވި ވަގުތީ މިސްކިތް ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރެވެ.

މި މިސްކިތް ހުޅުވާފައިވަނީ އެންމެ ފަހުން މީހުން ދިރިއުޅެންފެށި ފްލެޓުތައް ހުރި ސަރަހައްދުގައި އެވެ. ހައުސިން ޑިވެލެޕްމެންޓު ކޯޕަރޭޝަން )އެޗްޑީސީ) އިން ބުނީ އެ މިސްކިތުގައި އެއް ފަހަރާ 500 މީހުންނަށް ނަމާދު ކުރެވޭނެ ކަމަށެވެ.

އަލަށް ހުޅުވި ވަގުތީ މި މިސްކިތުގައި އަންހެނުންނަށް ނަމާދު ކުރުމަށް ހާއްސަ ބައެއްވެސް ހުރެ އެވެ. މި މިސްކިތާއި އެކު ހުޅުމާލޭގައި ހަތް މިސްކިތް ހުރެ އެވެ.

މިދިޔަ އަހަރުގެ ރޯދަ މަހަށް ހާއްސަކޮށްގެންވެސް ހުޅުމާލޭގައި ވަގުތީ މިސްކިތެއް ހުޅުވި އެވެ. އެ މިސްކިތް ހުޅުވީ ޗައިނާ ފްލެޓުތައް ހިމެނޭ ސަރަހައްދުގައި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކުރިޔަށް އޮތްތާ ހުޅުމާލޭގައި އިތުރު މިސްކިތްތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ދެ ވަނަ ފިޔަވަހީގައި ހިއްކާފައިވާ ސަރަހައްދުގައި މިސްކިތެއް އެޅުމާއި ގުޅޭގޮތުން އެޗްޑީސީ އާއި އެކު މިހާރު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ހުޅުމާލޭގައި މިހާރު 60،000 އަށްވުރެ ގިނަ މީހުން ދިރިއުޅެ އެވެ.