އޮޑިޓާ ޖެނެރަލްގެ މަގާމަށް އައްޔަން ކުރުމަށް ހަސަން ޒިޔަތުގެ ނަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރައްޔިތުން ގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
ހަސަން ޒިޔަތަކީ ޕީޕީއެމްގެ ޓިކެޓުގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާއަށް ވާދަކުރައްވާ ނާމިޔާބުވި ބޭފުޅެކެވެ. މިހާރު އޭނާ ގެންދަވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންކަމާއި ޕެންޝަން އޮފީހުގެ ޑިރެކްޓަރެއްގެ މަގާމު ފުރުއްވަމުންނެވެ.
އިއްޔެ ރައީސް އޮފީހުން ބުނެފައިވަނީ އެ މަގާމަށް ހަތަރު ބޭފުޅުން ކުރިމަތި ލެއްވެވި ކަމަށެވެ. އެހެން ނަމަވެސް އޭގެން އެއްވެސް ބޭފުޅެއްގެ ނަމެއް ހާމައެއް ނުކުރެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މަގާމަށް ކުރިމަތިލައްވާފައިވަނީ އެސިސްޓެންޓް އޮޑިޓާ ޖެނެރަލްގެ މަގާމުގައި މިހާރު ހުންނެވި ހުސެއިން ނިޔާޒް އާއި އިބްރާހިމް ފުއާދާއި އިތުރު ބޭފުޅެކެވެ.
އޮޑިޓަ ޖެނަރަލްގެ މަގާމަށް ކުރިމަތިލައްވާ ބޭފުޅުންނަކީ ޗާޓެޑް އެކައުންޓެންޓުންނަށް ވާން ޖެހެ އެވެ.
އޮޑީޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ރައީސް މަޖިލީހަށް ނަމެއް ފޮނުވަންޖެހުނީ، އޮޑިޓް ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހަކާއި ގުޅީގެންނެވެ. އެ އިސްލާހު ބުނާގޮތުން އިސްލާހު ތަސްދީގު ކުރާތާ 30 ދުވަހުގެ ތެރޭގައި އޮޑިޓާ ޖެނެރަލްގެ މަގާމަށް އައްޔަން ކުރަން ބޭފުޅެއްގެ ނަން ރައީސް މަޖިލީހަށް ފޮނުވަންޖެހެ އެވެ.