ކުރީގެ ޑިފެންސް މިނިސްޓާ މުހައްމަދު ނާޒިމްގެ އަނބިކަނބަލުން އަފާފު އަބްދުލްމަޖީދުގެ މައްޗަށް ނުހައްގުން ދައުވާއެއް ކޮށްފައިވާތީ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިންގެ މައްޗަށް ދައުވާ ކުރުމަށް އޭނާ ނިންމައިފި އެވެ.
ޕީޖީގެ މައްޗަށް އަފާފު އެ ދައުވާ ކުރައްވަން ނިންމަވާފައިވާކަން ހާމަކުރީ ނާޒިމްގެ ގާނޫނީ ޓީމުން މިއަދު ކުރި ޓުވީޓެއްގައި އެވެ.
އެ ޓުވީޓުގައި ބުނެފައިވަނީ ނާޒިމްގެ އަނބިކަނބަލުންގެ މައްޗަށް ހައްގުނޫން ދައުވާއެއް އުފުލާފައިވާތީ ޕީޖީގެ މައްޗަށް ދައުވާ އުފުލާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.
https://twitter.com/nazimlegalteam/status/573017086739402752
ނާޒިމްގެ ގާނޫނީ ޓީމުން ޕީޖީގެ މައްޗަށޤ އެ ދައުވާ އުފުލަނީ ގާނޫނު އަސާސީގެ 75 ވަނަ މާއްދާގެ ދަށުންނެވެ. އެ މާއްދާގައި ވާގޮތުން ގަސްދުގައި މީހަކަށް ދެރައެއް، ގެއްލުމެއް ނުވަތަ އުނދަގުލެއް ދިނުމަށްޓަކައި އަނެކާއާއި މެދު ހައްގަކާއި ނުލާ ދައުވާއެއް ކޮށްފި މީހެއްގެ އަދަބަކީ 200 ރުފިޔާއަށްވުރެ ގިނަ ނޫން އަދަދެއްގެ ޖޫރިމަނާއެއް ކުރުމެވެ.
އެހެން ކަމުން އަފާފު ޕީޖީގެ މައްޗަށް އުފުލާފައިވާ އެ ދައުވާ ސާބިތުވެއްޖެނަމަ ދޭންޖެހޭނީ 200 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދެކެވެ.
ނާޒިމްގެ އަނބިކަނބަލުންގެ މައްޗަށް ޕީޖީ މުހުތާޒު އުފުއްލެވީ ހަތިޔާރު ގެންގުޅުމުގައި އެހީތެރިވެދީފައިވާ ކަމުގެ ދައުވާ އެވެ. ނަމަވެސް ޝަރީއަތް ތާވަލްކޮށް ފުރަތަމަ އަޑުއެހުމުގައި ޕީޖީ ވަނީ އެ ދައުވާ އަނބުރާ ގެންދަވާފައި އެވެ.
ދައުވާ އަނބުރާ ގެންދަވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ ދައުވާ އަނބުރާ ގެންދެވީ ނާޒިމް ދިރިއުޅެއްވި ގެ އިން ފެނުނު ޕެންޑްރައިވްއެއްގައި ހުރި މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮަށް ކަމަށެވެ.