ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރެވޭ ޝަރީއަތުގެ އަޑުއެހުމެއް މާދަމާރެއަށް ތާވަލްކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގާ ނަޝީދުގެ މައްޗަށް އުފުލާފައި ދައުވާގެ މި އަޑުއެހުން ތާވަލްކޮށްފައިވަނީ މާދަމާރޭ 22:00 އަށެވެ.
އަޑުއެހުމެއް މާދަމާރެއަށް ތާވަލްކޮށްފައިވާއިރު ނަޝީދުއާ ދެކޮޅަށް ދައުލަތުން ގިނަ އަދަދެއްގެ ހެކި ހުށަހެޅުމުން އެ ހެކި ދިރާސާ ކުރުމަށް ނަޝީދުގެ ފަރާތުންވަނީ 30 ދުވަހުގެ މުއްތަކަށް އެދިފަ އެވެ. ނަމަވެސް އެ އެދުމަށް ކޯޓުން އެއްޗެކޭ ބުނެފައެއް ނުވެ އެވެ.
ރައީސް ނަޝީދުގެ މައްޗަށް ކުރެވޭ ޝަރީއަތުގެ އަޑުއެހުމެއް ރޭ ކްރިމިނަލް ކޯޓުގައި ބާއްވާފައިވާއިރު ރޭ އަޑު އެހުމުގައި ނަޝީދުގެ ފަރާތުން އިޖުރާއީ ދެ ނުކުތާއެއް ނެގި ނަމަވެސް އެ ދެނުކުތާ ބަލައިގަނެވެން ނެތް ކަމަށް ކޯޓުން ވަނީ ނިންމާފަ އެވެ.
ރޭގެ ޝަރީއަތުގައި ނަޝީދުގެ ވަކީލުންގެ ފަރާތުން ނެގި ދެ ނުކުތާއަކީ އެ މައްސަލަ ބަލާ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު ތަހުގީގަށް ބަޔާން ދީފައިވާތީ އެ މައްސަލަ ބެލުމުން ދުރުވާންޖެހޭނެ ކަމަށް ބުނެ ހުށަހެޅި ނުކުތާ އާއި ދައުވާއެއް އަނބުރާ ގެންދިއުމަށް ފަހު އެ ދައުވާއެއް އަލުން ހުށަނޭޅޭނެ ކަމަށް ބުނެ ހުށަހެޅި ނުކުތާ އެވެ.
ނަމަވެސް އެ ދެނުކުތާއާމެދު ފަނޑިޔާރުން އިއުލާނުކުރެއްވީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ސަބަބެއް އެ ދެ ނުކުތާގައި ނެތް ކަމަށެވެ.
މިރޭގެ އަޑު އެހުމުގައި ދެ ފަރާތުން ހެކި ހުށަހަޅާފައި ވެ އެވެ. ދައުލަތުން ނަޝީދާ ދެކޮޅަށް ގިނަ ހެކިތަކެއް ހުށަހަޅާފައިވާއިރު ނަޝީދުގެ ފަރާތުން ހަތަރު ހެއްކެއް ހުށަހެޅި އެވެ. ނަޝީދުގެ ފަރާތުން ހުށަހެޅި ހެކިންގެ ތެރޭގައި މިހާރުގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިންވެސް ހިމެނެ އެވެ.