ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ނައިބް ރައީސް އަހްމަދު ތޮލާލް ފުލުހުންނާ ދިމާލަށް ”ބާޣީންނޭ“ ގޮވި ކަމަށް ބުނެ ފުލުހުން ދައްކާފައިވާ ވާހަކަތައް ބަލައިދިނުމަށް އެމައްސަލަ ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ)އަށް ހުށަހަޅައިފި އެވެ.
އެ މައްސަލަ ޕީއައިސީއަށް ހުށަހެޅީ އެޗްއާރްސީއެމްގެ ފަރާތުންނެވެ.
އެޗްއާރްސީއެމުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކޮމިޝަނުން ބެލިބެލުމުން ފުލުހުންނާ ދިމާލަށް ”ބާޣީންނޭ“ ވިދާޅުވެ ތޮލާލް ވާހަކަދެއްކެވިކަން މިހާތަނަށް އެނގިފައި ނުވާ ކަމަށެވެ.
އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައިވަނީ ފުލުހުން ތޮލާލްގެ މައްޗަށް ކުރާ ތުހުމަތާއި ގުޅިގެން އޭނާގެ އާއިލާއަށް ބިރުދެއްކުމުގެ ފޯންކޯލްތަކާއި މެސެޖް ލިބެމުންދާ ކަމަށެވެ. އެހެންކަމުން ތޮލާލްގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރްސީއެމްގެ ބަޔާނުގައި ވަނީ ކަމާ ގުޅުންހުރި ފަރާތްތަކަަށް ގޮވާލާފަ އެވެ.
ފުލުހުން ބުނީ ކޯޓް އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރުކުރައްވާފައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހަށް ޒިޔާރަތްކުރެއްވުމަށްފަހު ވަގުތެއްގައި މާލެ ވަޑައިގަތް ލޯންޗްމަތީގައި ތޮލާލް ފުލުހުންނާ ދިމާލަށް ”ތިއީ ބާޣީންނޭ“ ބުނެ ދިމާކުރައްވާފައިވާ ކަމަށެެވެ.
ފުލުހުން ބުނީ ތޮލާލްގެ އެ އަމަލަކީ އެފަދަ ޒިންމާދާރު މަގާމެއްގައި ހުންނެވި ބޭފުޅެއްގެ ފަރާތުން ފެނިގެންވާނެ ފަދަ އަމަލެއް ކަމަށް ފުލުހުން ނުދެކޭތީވެ އެމައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅާފައިވާނެ ކަމަށެވެ.
ފުލުހުންގެ ތުހުމަތުތަކާއި ތޮލާލް ވިދާޅުވެފައިވަނީ އެއީ ދޮގެއް ކަމަށާއި ތޮލާލް ފުލުހުންނާއި ދިމާއަށް ”ބާޣީން“ އޭ ބުނިކަން ސާބިތުކޮށްދީފި ނަމަ އެޗްއާރުސީއެމްގެ ނާއިބް ރައީސް ކަމުން އިސްތިއުފާދެއްވާނެ ކަމަށެވެ.