ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި ފުލުހަކު ހައްޔަރުކޮށްފި އެވެ.
ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޑްރްގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް ޗީފް އިންސްޕެޓާ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ޅ. ހިންނަވަރުގައި ހިންގަމުންދާ މި އޮޕަރޭޝަންގައި ފުލުހެއްގެ އިތުރުން އަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި މި އެންމެންނަކީ 18 އަހަރުން މަތީގެ ފިރެހެނުން ކަމަށެވެ. ފުލުސް މީހާއާއި ގުޅޭ އެއްވެސް މައުލޫމާތެއް ހާމަކުރެވެން ނެތް ކަމަށް ޝިފާން ވިދާޅުވި އެވެ.
މިމަހުގެ 11 ވަނަ ދުވަހުގެ ހަވީރު ފެށި މި އޮޕަރޭޝަންގައި މިހާތަނަށް 13 ގެއެއް ބަލާ ފާސްކޮށްފައިވާއިރު ހައްޔަރު ކުރި އެންމެންނަށް އަށް ދުވަސް ކޯޓުން ވަނީ ޖަހައިދީފައި އެވެ. ހައްޔަރު ކުރި އެންމެންނަކީ ހިންނަވަރު މީހުންނެވެ.
ޝިފާން ވިދާޅުވީ ފުލުހުންނަށް ހޯދިފައިވަނީ ވަރަށް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ނެޓްވޯކެއް ކަމަށާއި، މިއީ އަދި މި ނެޓްވޯކް ހޯދުމަށް ކުރަމުންދާ މަަސައްކަތުގެ ފުރަތަމަ މަރުހަލާ ކަމަށެވެ. އެހެންވެ އިތުރު މައުލޫމާތު ހާމަ ކުރެވެން ނެތް ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި ނެޓްވޯކް ގިނަ ރަށްތަތަކަށް ފުޅާވެފައިވާ ކަމަށެވެ.
”މިހާތަނަށް ހައްޔަރު ކުރެވުނު އެންމެންވެސް ހައްޔަރުކޮށްފައިވަނީ ހިންނަވަރުން. އޭގެތެރޭގައި ހިމެނޭ ފުލުސް މީހާވެސް ހައްޔަރު ކުރީ އެރަށުން. އޭނާ ވަނީ އެކި ގޮތްގޮތުން އެހީތެރިވެދީފަ. ތަފްސީލް ހާމަ ކުރެވޭކަށް ނެތް އަދި. އެހެން ނަމަވެސް ކުރިޔަށް އޮތްތާ މިފަދަ ބޮޑެތި ނެޓްވޯކްތައް ހޯދުމަށް މުޅި ރާއްޖޭގައި އޮޕަރޭޗަން ހިންގާނަން.،“ ޝިފާން ވިދާޅުވި އެވެ.
ރާއްޖެއިން މަސްތުވާތަކެތި ނައްތާލުމަށް ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން ޝިފާން ވިދާޅުވީ އަންނަ ޖެނުއަރީ ފެށެންވާއިރަށް ހދ. ކުޅުދުއްފުއްޓާއި، އައްޑޫ ސިޓީގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ގޮތްޕެއް ހުޅުވިގެންދާނެކަމަށެވެ. އަދި އެ ތަންތަނުން މަސްތުވާތަކެއްޗާއި ގުޅޭ ތަހުގީގުތައް ކުރާނެ ކަމަށާއި، އެ ސަރަހައްދުތަކުން މަސްތުވާތަކެތި ހޯދުމަށް ކުރާ މަސައްކަތުގައި ޑޯގް ސްކޮޑް ”ފާރަ ގެމަ“ ގެ ބޭނުންވެސް ކުރާނެ ކަމަށެވެ.