ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިޝާމް:  ވިޝާމް ވެއްޓުނީ ރައީސް ނަޝިދު އިންޓަވިއު ދޭން ފެށުމުން ފުލުހުން އެކަން ހުއްޓުވަން އުޅުމުގެ ތެރޭގައި --
ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިޝާމް: ވިޝާމް ވެއްޓުނީ ރައީސް ނަޝިދު އިންޓަވިއު ދޭން ފެށުމުން ފުލުހުން އެކަން ހުއްޓުވަން އުޅުމުގެ ތެރޭގައި --

ބަންދުގައި ހުންނަ މީހަކާ މީޑިއާއަށް ސުވާލު ކުރެވިދާނެތަ !؟

ރައީސް ނަޝީދު އިއްޔެ ކޯޓަށް ހާޒިރު ކުރިއިރު ހުންނެވީ ރަސްމީ ހެދުންކޮޅުގައެވެ. ބިޑި އަޅުވާފައެއް ނެތެވެ. ފުލުހުންތައް ތިބީ ރައީސް ނަޝީދު ހިނގާނެ ގޮތަކަށް، ދާނެ ގޮތަކަށް ކޯޓަށް ދާން ދޫކޮށްލައިގެންނެވެ. އެއްވެސް ހުރަހެއް ނެތެވެ. މީޑިއާތަކަށްވެސް ހުރަހެއް ނެތެވެ. މީޑިއާތަކަށް ފުލުހުން އެންގީ ރައީސް ނަޝީދު ކޯޓަށ ވަންނައިރު ދަތި ނުވާނެހެން ތިބުމަށެވެ. ނޫސްވެރިންތައް ތިބީ ކެމެރާތަކާއި މައިކްތަށް ދިމާކޮށް ”ދޮން“ ކޮށްގެނެވެ.

ކުއްލިއަކަށް މަންޒަރު ބަދަލުވީ ރާއްޖެ ޓީވީގެ ނޫސްވެރިޔާ މައިކް ދިއްކޮށް ސުވާލު ކުރި ހިސާބުންނެވެ. ދެނަކާ ދެނެއް ކިޔާ ފުލުހުން ގަދަހަދަންފެށީ އިންޓަވިއުއެއް ނުދެވޭނެ ކަމަށްބުނެ ދަމާހަލާ ރައީސް ނަޝީދު ކޯޓުގެ ތެރެއަށް ވައްދާށެވެ. ރައީސް ނަޝީދު މަސައްކަތް ފަށައިގަތީ ގަދަދައްކައިގެން ނަމަވެސް އިންޓަވިއު ދިނުމަށެވެ. މީޑިއާއަކާ މީޑިއާއެކެވެ. ވެއްޓުނު މީހަކު ވެއްޓެން، ފުނޑުނު މީހަކު ފުނޑުނަސް ހެޔޮކަމަށް ފުލުހުން މަސައްކަތް ކުރީ ރައީސް ނަޝީދު ކޯޓުގެ އެތެރެއަށް ގެންދިއުމަށެވެ. އެކަން ކާމިޔާބު ކުރިވެސް މެއެވެ.

ދެން އެހިސާބުން ނޫސްވެރިންތައް ހޫނުވިއެވެ. ފުލުހުންގެ މީޑިއާއަށް ޝަކުވާތަކާ ސުވާލުތައް ކުރިމަތި ކުރުވި އެވެ. ނޫސްވެރިންނާމެދު ކަންކުރިގޮތާމެދު ނޫސްވެރިން އިންތިހާއަށް ނުރުހުން ފާޅު ކުރިއެވެ. އެހެން ނަމަވެސް އެވަގުތު އެތާތިބި ފުލުހުންގެ މީޑިއާ އޮފިޝަލުން ވިދާޅުވީ ކޯޓަށް ހާޒިރު ކުރެވޭ މީހަކާ މީޑިއާއަށް ސުވާލު ނުކުރެވޭނެ ކަމަށެވެ.

އެއް ސުވާލަކީ މިއީއެވެ. ކޯޓަށް ހާޒިރު ކުރާ މީހަކާ މީޑިއާއަށް ސުވާލު ނުކުރެވޭނެތޯ އެވެ؟

”ކުރެވެން ޖެހޭނެ، ކޯޓަށް ހާޒިރު ކުރީ ކުށްވެރި ޖަލުގަ އޮވެފަކަ ނޫން، ވަގުތީ ބަންދު ވީމަ އަޅުގަނޑު ގަބޫލު ކުރާ ގޮތުގަ މީޑިއާއަށް އެކްސެސް ހިސާބުން ވިއްޔާ ސުވާލު ކުރެވޭނެ، ކޮންމެ ހާލަތެއްގަ ވެސް ނޫސްވެރިން މަސައްކަތް ކުރާނީ އެންމެ ފުނަށްވަދެ އެންމެ ބޭނުންތެރި އެއްޗެއް ދަމާގަނެވޭތޯ “ މިއީ މިކަމާމެދު މީޑިއާ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް(މޮންދު)ގެ ބަހެވެ.

މޮންދު ވިދާޅުވީ މީޑީއާއަށް ސުވާލު ނުކުރެވޭނަމަ ދުރާލާ އެކަން ފުލުހުން، ނޫސްވެރިންނަށް އަންގަން ޖެހޭނެ ކަމަށެވެ. އަދި އެ ހާލަތުގައި މީޑިއާ ކޮއްޕާ ވައްޓާލުމަކީ ހުރަހެއް ކަމަށާއި މީޑިއާއަށް ގާތް ނުވެވެންޏާ އެ ސަރަހައްދު އޮންނަންވާނީ ކޯޑަން ކޮށްފައި ކަމަށެވެ.

ނަމަވެސް މިކަމާމެދު ގާނޫނީ ވަކީލު އާދަމް އާސިފް (އާއްޓޮ)ގެ ރައުޔު ތަފާތެވެ. އާއްޓޮ ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުގަ ހުންނަ މީހަކާ، ނުވަތަ ބަންދެއްގައި ހުންނަ މީހަކާ އެއްވެސް ގޮތަކަށް މުއާމަލާތް ކުރެވޭނީ ފުލުހުންގެ ހުއްދައެއް ލިބިގެން ކަމަށެވެ.

”ބަންދުގަ ހުރި މީހަކަށް ފުރުސަތެއް ނޯންނާނެ، އެމީހަކު ބޭނުން މީހަކަށް ގުޅާ އިންޓަވިއުދީ އުޅޭނެހާ ގޮތަކަށް އުޅޭނެ ފުރުސަތެއް، އެފަދަ ކަމެއް ކުރަންޏާ ޖެހޭނީ ފުލުހުންގެ ހުއްދަ ލިބިގެން ކުރަން“ އާއްޓޮ ވިދާޅުވި އެވެ.

އާއްޓޮގެ ރައުޔު މިހެން އޮތް ނަމަވެސް ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހަސަން ލަތީފު ވިދާޅުވީ އެކަން މަނާކޮށްފަ އޮތް އެއްވެސް ފެންނަން ނެތް ކަމަށެވެ. އަދި ފުލުހުން ގަދަބާރު ބޭނުންކޮށްގެން ނޫސްވެރިން ހުއްޓުވަން އުޅުން އެއީކީ ގާނޫނުގެ ތެރެއިން ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ލަތީފް ވިދާޅުވި އެވެ.

”މީޑިއާއަށް ވަދެވޭގޮތަށް ހުއްދަ ދިނީވެސް ފުލުހުން، ކުރިއަކުން ނާންގާ ސުވާލު ނުކުރެވޭނެ ކަމެއް، ނާންގާ އެގޮތަށް ހުއްޓުވަން އުޅުމަކީ ގޯހެއް“ ލަތީފް ވިދާޅުވިއެވެ.

މިކަމާމެދު ފުލުހުންގެ އިންފޮމޭޝަން އޮފިޝަރު ޕޮލިސް ސްޓޭޝަން އިންސްޕެކްޓާ އިސްމާއިލް އަލީ ވިދާޅުވީ އެފަދަ ހާލަތެއްގައި އިންޓަވިއުއެއް ނަގަން އުޅުމަކީ އޭގެ ޒާތުގައި ރަނގަޅު ކަމެއް ނޫން ކަމަށެވެ.

”މައިކެއް ދިއް ނުކުރެވޭނެއެކޭ ނުދަންނަވާނަން، ނަމަވެސް އެފަދަ ހާލަތެއްގައި މައިކެއް އިންޓަވިއުއެއް ނަގަން އުޅުމަކީ ރަނގަޅު ކަމެއް ނޫން“ އިސްމާއިލް ވިދާޅުވި އެވެ.

އިއްޔެގެ އެ ހާދިސާގައި ރައީސް ނަޝީދަށް އަނިޔާތަކެއް ލިބުނު ކަމަށް ވެއެވެ. އަދި ހަމައެހެންމެ ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިޝާމްއަށްވެސް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ލިބުނެވެ.

ދެން އުފެދޭ ސުވާލުތަކަކީ، ގޯހީ ރައީސް ނަޝީދު ތޯއެވެ؟ ގޯހީ ފުލުހުން ތޯއެވެ؟ ނޫނީ ނޫސްވެރިންތޯއެވެ؟ އަދި މިފަދަ ކަންކަމުގެ ހައްލަކީ ކޮބައިތޯ ކަމާމެދު އުފެދޭ ސުވާލެވެ.

މީޑިއާކައުންސިލްގެ ރައީސާއި ގާނޫނީ ވަކީލު ގާނޫނީ ވަކީލު ހަސަން ލަތީފްވެސް ބުނަނީ ފުލުހުންގެ އިންތިޒާމް އެކަމުގައި ”ކަޑަ“އީ ކަމަށެވެ. ފުލުހުން އަމަލުކުރީ ރަނގަޅަށް ނޫން ކަމަށެވެ. އެ ދެ ބޭފުޅުންވެސް އެއް ކަމަކަށް އެއްބަސްވެއެވެ. އެއީ މީޑިއާއަށް ސުވާލު ނުކުރެވެންޏާ އެކަން ނޫސްވެރިންނަށް ކުރިން އަންގަންޖެހޭނެ ކަމެވެ. އަދި އެ ސަރަހައްދަށް ނޫސްވެރިންނަށް ނުވަދެވޭނަމަ ބަންދު ކުރަންވާނެ ކަމެވެ.

ގާނޫނީ ވަކީލު އާދަމް އާސިފް ވިދާޅުވީ އެގޮތަށް އެކަން އެދިމާވީ ފުލުހުން ޕްރޯއެކްޓިވްކޮށް ހަރަކާތް ނުކުރުމުން ކަމަށެވެ. ރައީސް ނަޝީދަށް މާ ދޫދީގެން ކޯޓަށް ހާޒިރު ކުރުމުން ކަމަށެވެ.

“ އެހެން ކުށްވެރިން ފަދައިން އަތް ބަންދުކޮށްގެން ވެއްދިނަމަ އެހެން ނުވީސް، ރައީސް ނަޝީދުގެ އަތާއި ފައި މިނިވަންކޮށް އޮތީމަ އެހެންވީ“ އާސިފް ވިދާޅުވި އެވެ.

މިކަންކަމާ ފުލުހުންވެސް ކޮންމެހެން ދެކޮޅެއް ނުހަދައެވެ. ފުލުހުންގެ އިންފޮމޭޝަން އޮފިޝަރު ވިދާޅުވީ މިކަމުގައި ފުލުހުންގެ އިންތިޒާމް ގޯސްވުމަކީވެސް ހަމަ އެކަށިގެންވާ ކަމެއް ކަމަށެވެ. އަދި މިފަދަކަންކަން އިތުރަށް ދިމާނުވާނެ ގޮތަކަށް ކަންތައް ރޭވުމަށް މީޑިއާގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

3 Responses

  1. އެތަނަށް ވެއްޓިފަ އެއީ ނޫސްވެރިއެކޭ ބުނުުމުން އަންނަނީ ހިނި، ދުނިޔޭގެ އެހެން ތަންތާގައި އެގޮތަށް ހަރަކާތްތެރިވާ ނޫސްވެރިން ތިބެނީ ކޮން މީޑިއާ އެއްކަން އެނގޭނެ އެތަނަކުން ހާއްސަކޮށްފަ ހުންނަ ޓީސާޓް ނޫނީ ޔުނިފޯމް ގަ، އަދި ފްލޮރިޒެންޓް ޖެކެޓް ވެސް އަޅައިގެން. ނޫސްވެރިންނަކީވެސް ޕްރޮފެސަނަލް ބައެއް، ވަކި އުސޫލުތަކެއް ފޮލޯ ކޮށްގެން އަމަލީ މައިދާނުގައި އުޅެންޖެހޭ ބައެއް، ކަރުގައި ފެންނަގޮތަށް އަޅާފަ ބަހައްޓަންޖެހޭ ކާޑް ގިނަ މީހުން ހުންނަނީ ގަމީސްތެރޭގަ ނޫނީ ކަރުގަ އަޅާ ކާޑު ޖީބަށް ޖަހާފަ. އެގޮތަށް ތިބެ ކެމެރާ ގަނޑެއް ހިފައިގެން ބައެއްގެ ތެރެއަށް ވަދެގަނެގެން ބޮނޑިއެއް ލިބުނީމަ ސިފައިންނާ ފުލުން ކޮއްޕާ ވައްޓާލީއޭ ބުނުމަކުން ނުފުދޭނެ. ނޫސްވެރިންވެސް އެބަޖެހޭ ވަކި އުސޫލުތަކެއް ފޮލޯކުރަން. ފުލުންގެ ހައްޔަރުގަ ބަހައްޓައިގެން ކޯޓަށް ހާޒިރުކުރިމީހާ ހާޒިރުކުރީ އެކަން ކުރަން އޮންނަ ގޮތާ ހިލާފަށް ބިޑި ނާޅުވާ މިނިވަންކޯށް ދޫކޯށްގެންކަމީވެސް ދެރަކަމެއް.

  2. މަސްމާރުކޭޓުތެރޭ ތެޅިތެޅިފަ ތާކުން ފޯނުގަނޑެއް އަތަށް ލައިގެން ދުއްވައިގަތީމަ އެވީ ނޫސްވެރިއަކަށް.

  3. ނުކުރެވޭނެ.
    ފުލުހުންގެ ބަންދުގައި ހުންނަނީ ބައެއް ހައްޤުތައް އުނިކޮށްފައި.
    މީޑިއާއަށް ސުވާލު ކުރެވޭނެ. ނަމަވެސް ފުލުހުންގެ ބަންދުގައި ހުންނަ މީހަކަށް މީޑިއާއަކަށް ޖަވާބެއް ނުދެވޭނެ، ދެވިގެންވެސް ނުވާނެ. އެ ފުރުސަތު ދީގެންވެސް ނުވާނެ.
    ތި ހަސަން ލަތީފް އަކީ މާ މޮޅަށް ޤާނޫނު އިނގިގެން އުޅޭ މީހެއް.
    ފުލުހުން ނުޖެހޭނެ ކުރީބައިގައި މީޑިއާއަށް އަންގާކަށް. މީޑިއާއަށް އިނގެން ޖެހޭނެ، ނަޝީދަކީ ފުލުހުންގެ ބަންދުގައި ހުރި މީހެއްކަން. ބަންދު ގައި ހުންނަ މީހެއްގެ ހައްގުތަކެއް ހުންނީ ހިފަހައްޓާފައިކަން.
    އެވަރު ނޭނގެންޏަ ނޫސްވެރިކަން ނުކުރިއްޔަ ރަނގަޅު ވާނީ.
    ފުލުހުންގެ ބަންދުގައި ހުންނަ މީހަކާ ބައްދަލު ކުރެވޭނެކަމަށް ޤަވައިދު ގައި އޮންނީ އެއްބަނޑު/ މަންމަ/ ބައްޕަ/ ތިމާގެ (ފަސްޓް ކަޒިން) މީހުންނާ ޤާނޫނީ ވަކީލަށް. އެހެން ޢާއްމުންގެ މީހަކަށް ބަންދުގައި ވާ މީހަކާ ވާހަކައެއް ނުދެއްކޭނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *