ނޮވެމްބަރު ތިނެއްގައި އިންޑިއާއިން ރާއްޖެ ސަލާމަތްކުރީކީ ނޫން، އަތް ގަދަކުރީ: ޗައިނާ

ދުވަސް އެމްވީ

ނޮވެމްބަރު، 3، 1988 ގެ އުދުވާނީ ހަމަލާއިން އިންޑިއާއިން ރާއްޖެ ސަލާމަތް ކޮށްދިނީކީ ނޫން ކަމަށާއި ރާއްޖެއަށް އަތް ގަދަ ކުރީ ކަމުގައި ސިފަވާގޮތަށް ޗައިނާއިން މައުލޫމާތު ހާމަކޮށްފި އެވެ.

ޗައިނާއިން މިކަން ހާމަކޮށްފައިވަނީ ޗައިނާގެ ގްލޯބަލް ޓައިމްސްގައި އެވެ.

ޗައިނާގެ ގްލޯބަލް ޓައިމްސްގައި ބުނެފައިވަނީ ނޮވެމްބަރު ތިނެއްގެ ހާދިސާގައި އިންޑިއާއިން ރާއްޖެ ސަލާމަތް ކޮށްދިން ކަމަށް އެއް ބަޔަކު ބުނާއިރު އިންޑިއާއިން ރާއްޖެއަށް އަތް ގަދަކުރީ ކަމަށްވެސް ބަޔަކު ބުނާ ކަމަށެވެ.

އަދި އިންޑިއާއިން ރާއްޖެއަށް އަތްގަދަކުރާތީ ރާއްޖެ އޮތީ އެކަމާ ވަރުބަލިވެފައި ކަމަށާއި ނަމަވެސް ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން އެކަމުން ސަލާމަތްވެ މިނިވަން އަދި ހަމަހަމަ ޑިޕްލޮމަސީއެއް ގެނައުމަށް ޗައިނާ، ސައުދީ އަރަބިއާ އަދި ޕާކިސްތާނާއި ގުޅުން ބަދަހި ކުރި ކަމަށެވެ. އަދި އިންޑިއާއަށް އެކަން ބަލައިގަންނަން ދަތިވި ކަމަށާއި އަދި އެއަށްފަހު އިންޑިއާއިން އެ ތިބެނީ ރާއްޖެއަށް އަސްކަރީ ބާރު ފޯރުވާނެ ފުރުސަތަކަށް ބަލަ ބަލާ ކަމުގައި ޗައިނާއިން ބުނެފައި ވެ އެވެ.

ޗައިނާ އިން ބުނެފައިވަނީ މި ހާލަތުގައި އިންޑިއާއިން ރާއްޖެއަށް ފައުޖެއް ފޮނުވައިފިނަމަ ޗައިނާއިން މަޑުން ނޯންނާނެ ކަމަށެވެ. އަދި ފައުޖެއް ފޮނުވުމުގެ ހައްގު އިންޑިއާއަށް ނޯންނާނެ ކަމަށެވެ.

“އިންޑިއާގެ ބައެއް ފަރާތްތަކުން އެބަ ބުނޭ ރާއްޖެއަށް އިންޑިއާގެ ފައުޖެއް ފޮނުވަން، ނަމަވެސް އެކަމަކީ ބައިނަލްއަގްވާމީ ގުޅުމުގައި ރަނގަޅު ކަމެއް ނޫން، ގައުމެއްގެ ސިޔާދަތާއި މިނިވަންކަމަށް ގައުމުތަކުން އިހުތިރާމު ކުރަން ޖެހޭނެ” ޗައިނާއިން ބުނެފައި ވެ އެވެ.

ޗައިނާއިން އިތުރަށް ބުނެފައިވަނީ އދ ގެ އެއްބާރުލުމާއިނުލާ ރާއްޖެއަށް ފައުޖެއް ފޮނުވުމަކީ ރަނގަޅު ކަމަކަށް ނުވާނެ ކަމަށެވެ. އަދި ޗައިނާއިން ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ނުވަންނާނެ ކަމަށާއި ނަމަވެސް އޭގެ މާނައަކީ އިންޑިއާއިން “ކުރާނެހާކަމެއް ކުރަންދެން” ޗައިނާއިން މަޑުން އޮތުން ނޫން ކަމުގައިވެސް ޗައިނާއިން ބުނެފައި ވެ އެވެ.

Advertisements