އަބީޝޭކްގެ ޓްވިޓަރ އެކައުންޓް ހެކްކޮށްފި

ދުވަސް އެމްވީ

ބޮލީވުޑްގެ އެކްޓަރ އަބީޝޭކް ބަޗަން ގެ ޓްވިޓަރ އެކައުންޓް ހެކްކޮށްފިއެވެ. އަބީޝޭކްގެ ޓްވިޓަރ އެކައުންޓް ހެކްކޮށްފައި މިވަނީ ބޮލީވުޑްގެ އެކްޓާރ އަނޫޕަމް ޚެރް ގެ ޓްވިޓަރ އެކައުންޓްވެސް ހެކްކުރި ޕްރޯ ޕާކިސްތާން ޓަރކިޝް ސައިބަރ އަރމީ އައްޔިލްޑިޒް ޓިމްއެވެ.

އަބީޝޭކްގެ ޓްވިޓަރ އެކައުންޓް ހެކްކުރުމާއި ގުޅިގެން އެ އެކައުންޓްގައި އިންނަ ވެރިފިކޭޝަން ސައިންވަނީ ގޮސްފައެވެ. އަދި އެކައުންޓްގެ ކަވަރ ފޮޓޯ ވަނީ މިސައިލެއްގައި އައްޔިލްޑިޒް ޓިމް ޖަހާފައިވާ ފޮޓޯއަކަށް ބަދަލުކޮށްފައެވެ. އަދި ގިނަ ޓްވީޓްތަކެއް ޓަރކިޝް ބަހުންކޮށްފައިވެސްވެއެވެ. މިހެކްކުރުންތަކާއި ގުޅިގެން ޓްވިޓަރ އިންވަނީ ޓްވިޓަރ ޓީމުން އިންޑިޔާގެ ބައެއް މީހުންގެ ޓްވިޓަރ އެކައުންޓްތަކަށް ދިމާވެފައިވާ މައްސަލަ ހައްލުކުރަމުންދާކަމަށްބުނެ ޓްވީޓްކޮށްފައެވެ. މިޓްވީޓްގައި އިތުރަށް ބުނެފައިވަނީ ހެކްކޮށްފައިވާ އެކައުންޓްތައް ބަލަމުން އަންނަކަމަށާއި އެފަރާތްތަކަށް އެކަން އަންގަމުންދާނެކަމުގައެވެ. އަދި ގޮތްނޭންގޭ އެކައުންޓްތަކުން ޑައިރެކްޓް މެސެޖަށް ފޮނުވާ ލިންކުތައް ނުހުޅުވުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

   ހެކަރުންގެ ކިބައިން އެކައުންޓް އަލުން ހޯދުމަށްފަހު ކުރި ޓްވީޓެއްގައި އަބީޝޭކް ބުނެފައިވަނީ އޭނާގެ އެކައުންޓް ހެކްކޮށްފައިވާކަމަށާއި މިހާރު އެކަމަކު ހުރިހާ ކަމެއްވެސް ރަނގަޅުކުރެވިފައިވާކަމަށެވެ.