އިންޑީއާގެ މިނިވަން ދުވަހުގެ ރަސްމީ ހަފްލާގައި ބައިވެރިވެވަޑައިގެންނެވުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ އެ ގައުމަށް ކުރެއްވި ދަތުުރުފުޅުގައި އިންދެވި ގަހެއް ރޯނުވެގެން އިންޑިއާ ސަރުކާރުގެ އޮފިޝަލުން އުޅެން ފަށައިފި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އޮބާމާ އިންދެވި ގަސް ރޯނުވެ މަރުވަމުންދާކަން އިންޑިއާ ސަރުކާރުގެ އޮފިޝަލުން ގަބޫލު ކުރާކަށް ބޭނުމެއް ނުވެ އެވެ. އެމީހުން ބުނާގޮތުން ގަސް މަރުނުވާކަމަށާޢި ހަމައެކަނި ގަސް މަރުވެފައި ހުންނަހެން ފެންނަނީ ކަމަށެވެ. އެގަހުގެ ފަތްތައް ފެރި މަރުވެފައިވާކަމަށް ފެންނާތީ އޮފިޝަލުން ދަނީ ރެއާއި ދުވާލު ނުނިދާ އެގަހަށް ފެންދީގެން ގަސް ރޯވޭތޯ މަސައްކަތް ކުރަމުންނެވެ.

އެ ގަހުގެ ފަތްކޮޅު ވެރި ގަސް މަރުވަމުންދާތީ ގަހުގެ ހާލަތު ބެލުމަށް އިންޑިއާގެ މަތީ ފެންވަރުގެ އޮފިޝަލުންތަކެއް ވަނީ އޮބާމާ އެ ގަސް އިންދަވާފައިވާ އިންޑީއާގެ މިނިވަންކަމުގެ ބާނީ މަހާތްމާ ގާންދީގެ ހަނދާނުގައި ހަދާފައިވާ ޕާކަށް ޒިޔާރަތްކޮށްފައި އެވެ. އެ ޒިޔާރަތުގައި ބައިވެރިވެވަޑައިގެންނެވި ސަރުކާރުގެ ހޯޓިކަލްޗަރަލިސްޓް ބީސީ ކަތިޔާޜު ވިދާޅުވެފައިވަނީ ގަސް މަރުވެފައިވާކަމަށް ދައްކަނީ މި ދުވަސްވަރުގެ ގޮތުން ކަމަށެވެ.
”އެއީ މި ދުވަސްވަރުގެ ގޮތުން ގަހުން ފަތްވެރި މަރުވެފައިވާކަމަށް އެ ދައްކަނީ. އެކަމަކު 10 ވަރަކަށް ދުވަހުގެ ތެރޭގައި ކުރި ފަޅާނެ،“ ކަތިޔާޜު ވިދާޅުވި އެވެ.
އެ ގަސް ރޯނުވެގެން އިންޑީއާ ސަރުކާޜުގެ އޮފިޝަލުން މާ ހަސްވެގެން އުޅެނީ އެ ގަސް އިންދިތާ އަދި މަހެއްވެސް ނުވާތީ އެވެ. އަދި އޮބާމާ އިންދެވި ގަހަކީ އިންޑީއާ އާއި އޭޝިއާގެ ބައެއް ގައުމުތަކުގައި މީހުން އަޅުކަން ކުރާ ދީނެއްގައި މާ މާތް ގަހަކަށް ވާތީ އެވެ.