ރައީސް ޔާމީން ޕީޕީއެމްގެ ޖަލްސާގައި މިރޭ ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: އިބްރާހިމް މުއާޒު
ރައީސް ޔާމީން ޕީޕީއެމްގެ ޖަލްސާގައި މިރޭ ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: އިބްރާހިމް މުއާޒު

އެއްބަސްވުން އުވުމުން ޖޭޕީގެ މަޖިލީސް މެންބަރުން ’ޖެހޭނީ‘ ޕީޕީއެމްއާއި ގުޅެން: ރައީސް

ވެރިކަމަށް އައުމަށް ޕީޕީއެމްއާއި ޖުމްހޫރީ ޕާޓީއާއި އެކު ވި އެއްބަސްވުން އުވާލުމުން ޖުމްހޫރީ ޕާޓީގައި ތިއްބެވި މަޖިލީސް މެންބަރުންނާއި ކައުންސިލް މެންބަރުން ޕީޕީއެމްއާއި ގުޅެން ޖެހޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

މިރޭ ޕީޕީއެމްއިން ކާނިވަލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޖޭޕީއަށް ނިސްބަތްވެވަޑައިގެންނަވާ މަޖިލީސް މެންބަރުން ޕީޕީއެމްއަށް ސޮއި ކުރުމުން ވައުދާ ހިލާފުވީކަމަށް ޖޭޕީން ބުނާއިރު ދެ ޕާޓީ ދެމެދުގައިވެފައިވާ އެއްބަސްވުން އުވާލުމުން ވައުދާ ހިލާފުމަށް ފަހު ޕީޕީއެމްއާ ގުޅުނީކަމަށް ނުބުނެވޭނެކަމަށެވެ. ޔާމީން ވިދާޅުވީ މަޖިލީހުގައި ތިއްބެވި ޖޭޕީގެ މެންބަރުން ހޮވިވަޑައިގެންފަ ތިއްބެވީ ޕީޕީއެމްގެ އާންމު މެންބަރުންގެ ވޯޓާއި އެކު ކަމަށެވެ.

ރައީސް ވިދާޅުވީ މަޖިލީހުގެ 28 ގޮނޑިއަށް ވާދަނުކޮށް ޖޭޕީއަށް އެ ގޮނޑިތައް ދޫކޮށްލީ ފަސް އަހަރުގެ ވެރިކަން ި ނިމެންދެން ސަރުކާރާއެކު މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދިނުމުން ކަމަށެވެ.

”އަޅުގަނޑު ގާސިމަށް ނޫނީ ޖޭޕީގެ އިސްވެރިންނަށް ދަންނަވަން އޮތީ، މެންބަރުން ޕާޓީން ކެނޑުނީމަ ވިދާޅު ނުވާށޭ ވައުދާ ހިލާފުވީއޭ. އެއީ ދެ ޕާޓީގފެ ދެމެދުގައި ވި އެއްބަސްވުން ޖޭޕީން އުވާލުމުން އެވައުދެއް ދެން ނޯންނާނޭ. އެއްބަސްވުން އުވާލުމުން ޖޭޕީގެ މެންބަރުން ޖެހޭނީ ޕީޕީއެމްއާ ގުޅެން. ސަބަބަކީ އަޅޫގަނޑުމެންގެ އާންމު މެންބަރުންގެ ތާއީދާއި އެކު އެ މެންބަރުން ހޮވިވަޑައިގެންފަ އެތިއްބެވީ،“ ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން އެހެން ވިދާޅުވި އިރު ޕީޕީއެމްގެ މަޖިލީސް މެންބަރުން ގޮނޑިއަށް ހޮވުމަށް ޖޭޕީގެ އާންމު މެންބަރުންވެސް ވޯޓު ދެއްވާފައި ވެ އެވެ.

ރައީސް އިތުރަށް ވިދާޅުވީ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުން މަސައްކަތްތަކެއް ކޮށްފައިވާތީ، ސަރުކާރަށް ގާސިމް އިބްރާހިމް ފުރުސަތުދޭން ޖެހޭ ކަމަށެވެ. އަދި ސަރުކާރުން ގާނޫނާއި ހިލާފަށް ކަމެއް ކުރާނަމަ ކޯޓުތައް މެދުވެރިކޮށް އެކަމެއް ބެލުމުގެ ރީތި ނިޒާމް ހަމަޖެހިފައިވާކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ޝަރުއީ ކޯޓަކުން ކުރާ ހުކުމެއް ތަންފީޒު ކުރުމަށް ސަރުކާރުން ފަސް ނުޖެހޭނެކަމަށާއި އެއީ ކޮންމެ މީހަކަށް ވިޔަސް ހުކުމް ތަންފީޒު ކުރާނެ ކަމަށެވެ. އަދި އެއްވެސް މީހަކާއި ސަރުކާރުން ޒާތީގޮތުން ޖައްސާލައިގެން ދައުވާ ނުކުރާނެކަމަށާއި ދައުވާ ކުރުމަކީ ރައީސް ޔާމީންގެ މަސައްކަތެއް ނޫންކަމަށެވެ.

މިރޭގެ ޖަލްސާގައި ރައީސް ވަނީ ސަރުކާރަށް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރެވިފައިވާ މަސައްކަތްތަކުގެ ބައެއް ތަފްސީލް ދެއްވާފައި އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *