އެމްޑީޕީ އަދި ޖޭޕީން ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް މަރުގެ އިންޒާރުދީ ޖާނުން ފިދާ ވުމުގެ ހަމަލާއެއް ދޭނެ ކަމަށް ބުނި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ ސިޔާސީ ދެ ޕާޓީއެއް ގުޅިގެން މާލޭގައި މިހާރު ކުރިއަށް ގެންދާ އެއްވުންތަކުގެ ތެރެއިން އެއްވުމެއްގައި އަނިޔާވެރިކަމަށް ބާރުލިބޭ ވާހަކަތަކެއް ދައްކާފައިވާ މައްސަލައެއް ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަން ފަށާފައިވާކަމަށެވެ.
އަދި ފެބްރުއަރީ 17 ވަނަ ދުވަހުގެ ރޭ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއާއި ޖުމްހޫރީ ޕާޓީ ގުޅިގެން ފަރީދީމަގާއި ޗާންދަނީމަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތީގައި ކުރިއަށް ގެންދިޔަ އެއްވުމެއްގައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ ޤާނުނާ ޚިލާފު ވާހަކަތަކެއް އެ އެއްވުމުގައި ބައިވެރިވި މީހަކު ދެއްކި ކަމަށާއި އަދި ޖާނުން ފިދާވެގެންވެސް މިހާރު އޮތް ޤާނޫނީ ސަރުކާރު ވައްޓާލާނެކަމުގެ އިންޒާރުވެސް ދީފައިވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ބުނީ ޞުލްޙަވެރި ކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނު ނަމްބަރު 2013/1 ގެ 4 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން ޞުލްޙަވެރި އެއްވުމެއްކަމުގައިވާނީ އެ އެއްވުމަކީ ޞުލްޙަވެރި މަޤްޞަދެއް ޙާޞިލްކުރުމަށްޓަކައި އެއްވާ އެއްވުމެއްކަމަށް ވެފައި އެ އެއްވުމެއް ކުރިޔަށްދާ ދަނޑިވަޅުގައި އެ އެއްވުމަކީ އަނިޔާވެރި ޢަމަލެއް ނުހިނގާ އެއްވުމެއް ކަމުގައިވާނަމަ ނުވަތަ އަނިޔާވެރި ޢަމަލަކަށް ހިތްވަރުލިބޭ ގޮވުންތަކާއި ލިޔުންތަކާއި ކުރެހުންތަކާއި ޙަރަކާތްތައް ހިމެނިގެން ނުވާނެ ކަމަށެވެ.
އަދި އަޑު އުފުލުމާއި ޝުއޫރު ފާޅުކުރުމުގެ ގޮތުން އެއްވުންތަކާއި މުޒާހަރާތައް އިންތިޒާމްކޮށް ބާއްވާ ފަރާތްތަކުން، ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުތައް ބެހެއްޓެވުމަށް މި ފުރުޞަތުގައިވެސް އިލްތިމާސްކުރާ ކަމަށެވެ އަދި އެފަދަ އެއްވުންތަކުގައި ޤާނޫނާ ޚިލާފަށް ކުރާކަންތައްތަކުގެ ޖިނާޢީ ތަޙުޤީޤު ހިންގާނެކަން އެންމެހައި ފަރާތްތަކަށް ހަނދާންކޮށްދޭ ކަމަށެވެ.
އެމްޑީޕީ އާއި ޖޭޕީ ގުޅިގެން ކުރިއަށްގެނދިޔަ މުޒާހަރާއެއްގައި ޖާނުން ފިދާވެ ހަމަލާ ދިނުމަށް ގޮވާލީ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ މެމްބަރު ޒުހުރާ މޫސާ އެވެ. އެ އެއްވުމުގައި ޒުހުރާ ވަނީ ރައީސް އަބްދުﷲ ޔާމީން އިސްތިއުފާ ނުދެއްވައިފިނަމަ، ޖާނުން ފިދާވެގެން ވެސް ވެރިކަން ވައްޓާލާނެ ކަމުގެ އިންޒާރު ދީފައެވެ.