މާފުށީ ޖަލުން މަންމައަށް އަސަރުގަދަ ސިޓީއެއް

ދުވަސް އެމްވީ

ލޯބިވާ މަންމާއެވެ. މި ސިޓީ ލިއުމުގެ ހިތްވަރެއް އަޅުގަނޑު ނެތެވެ. ތި މަންމަ އަށް ގޮވާލަން ވެސް އަޅުގަނޑު ލަދުގަނެއެވެ. އެހެނަސް ވަރަށް ހިތްވަރުކުރާނަމައެވެ. އަޅުގަނޑުގެ ލޯބިވާ މަންމާއެވެ. އަޅުގަނޑުގެ މުޅި ހަޔާތުގައި ތި މަންމަގެ ހިތައް ވޭނާއި ކެކުޅުން ނޫނީ ނުދެމެވެ. ތި ހިތަށް ތަދުކުރުން އެއީ އަޅުގަނޑުގެ ‘ގަޓު’ ކަމަށް ދުށީމެވެ. މަންމަގެ ބަސް ނޭހުމަކީ މިނިވަންކަން ކަމަށް ދުށީމެވެ. މަންމާއެވެ. މާޒީގެ ވާހަކަ ދައްކައިގެން އެ ހިތި ހަނދާންތައް ގެނައުމުގެ ބޭނުމެއް ނެތެވެ.

މަންމާއެވެ. މަންމަގެ އޯގާތެރިކަމާއި އެ ފިރުމުންތަކާއި އެ ލޯބީގެ އަގު އަޅުގަނޑަށް ވަޒަންކުރެވުނީ ޖަލުގެ އެކަނިވެރިކަމާއި ދަތިއުދަގުލާއި އަދިރިކަން ތަހައްމަލް ކުރެވެން ފެށުމުންނެވެ. ޖަލުގައި ހޭދަކުރި ފުރަތަމަ ރޭ އަޅުގަނޑަށް ނުނިދެއެވެ. މަންމަ ހަނދާންވާވަރުން ރޮވެނީއެވެ. ތި ހިތަށް މި ބަސްނާހާ ކުއްޖާ ދިން ވޭންތައް ހަނދާންވާތީއެވެ. މަންމަގެ ނަސޭހަތްތައް ހަނދާންވާވަރުންނެވެ. މަންމަ ދެރަވާނެވަރާއި ރޯނެ ވަރު ހިތައް އަރާފައެވެ. އަޅުގަނޑުގެ ހާލުގެ ވާހަކަ ދައްކާ މަންމަ ދެރަކުރާކަން އަދި ހަމްދަރުދީ ހޯދާކަށް ވެސް ބޭނުމެއް ނުވެއެވެ. ބޭނުންވަނީ އެއްމެ ކަމެކެވެ. މަންމާއެވެ. މިހާރުވެސް އަޅުގަނޑުގެ ލޮލުން ކަރުނަތައް އޮހެނީއެވެ. ލޯބިވާ އަޅުގަނޑުގެ މަންމާއެވެ. އަޅުގަނޑަށް މައާފުކުރާށެވެ. ލޯބިވާ މަންމާއެވެ. އަޅުގަނޑު މިވަގުތު މަންމަ ކައިރީގައި ހުރިނަމަ ﷲ ގަންދީ ބުނަމެވެ. މަންމަގެ ފައިގާ ބޮސް ދޭނަމެވެ. އަޅުގަނޑުގެ ހިތް ފުރެންދެން ރޯލާނާމެވެ. އެހެނަސް މަންމަ އަޅުގަނޑަށް މައާފުނުކުރިޔަސް އަޅުގަނޑު ޝަކުވާއެއް ނެތެވެ. އޮންނާނީވެސް ކިހިނެއް ހެއްޔެވެ. މަންމަގެ ހިތްހަލާކުކޮށްލެވުނެވެ. މަންމަގެ ހިތާއި ސިކުނޑިއަށް އެތައް އަނިޔާ އެއް ދެވުނެވެ.

މަންމާއެވެ. އަޅުގަނޑު މަންމަ އަށް ވައުދުވަމެވެ. މަންމަގެ މަރުދުވަހާ ޖެހެންދެން ކޮންމެ ދުވަހަކު މާފަށް އެދެންޖެހުނަސް އެދޭނަމެވެ. އެހެނަސް އަޅުގަނޑަށް ޔަގީންވެއެވެ. ތި ހިތުގައި އަދިވެސް އަޅުގަނޑަށްޓަކައި އޮންނާނީ ލޯތްބެވެ. އެހެންނުވާންވީ ކީއްވެ ހެއްޔެވެ. މަންމަގެ އަރާމު ނިދި ގުރުބާން ކުރީ އަޅުގަނޑަށްޓަކައެވެ. މަންމަގެ ވަގުތާއި ހަކަތަ ހުސްކުރީ އަޅުގަނޑަށްޓަކައެވެ.

މަންމާއެވެ. އަޅުގަނޑު ވައުދުވަމެވެ. އިރާދަކުރެއްވިއްޔާ ޖަލުން ދޫކޮށްލުމުން މަންމަ އަށް ހިދުމަތްކުރުމުގައި ދެމި ހުންނާނަމެވެ. ތި ލޮލުން އަޅުގަނޑަށްޓަކައި ދެން އޮހޮރޭނީ އުފާވެރިކަމުގެ ކަރުނަ ކަމުގައި ހަދާނަމެވެ. ކޮންމެ ރެއަކު ތި މަންމަ އަށް ރަހުމަތްލެއްވުން އެދި ދުއާކުރާނަމެވެ. މަންމާއެވެ. މަންމާއެވެ. މަންމައަށްޓަކައި ޖަލުގައި ވެސް ހިތްވަރުކުރާނަމެވެ. މަންމަ އަބަދުވެސް ބުނަމެއް ނޫންހެއްޔެވެ. ރީތިކޮށް ގުރުއާން ކިޔަވަން މަސައްކަތްކުރާށެވެ. މިހާރު ޖަލުގައި ހިންގާ ގާރީ ކޯހުގައި އަޅުގަނޑު ބައިވެރި ވެއްޖައީމެވެ. މި ދަރިފުޅުގެ ރީތި ގުރުއާން ކިޔެވުމުގެ އަޑުން މަންމަގެ ހިތުގެ އުދާސްފިލާ، އުފާވެރިކަމުގެ ކަރުނަ އޮހެރޭ މަންޒަރު ބަލަން ބޭނުންވާތީއެވެ. ފަހަރެއްގައި އޭގެ ސަބަބުން ﷲ މިއަޅާއަށް ފާފަ ފުއްސަވާފާނެ ކަމުގެ އުއްމީދުގައެވެ. ސުވަރުގެ ވަނީ މަންމަގެ ފައިތިލާގެ ދަށުގަ އެވެ. މަންމަގެ ދެފައިގެ ބޮސްދެމެވެ. މަންމާއެވެ. އަޅުގަނޑަށް މައާފުކުރާށެވެ. މަންމަދެކެ ވަރަށް ލޯބިވެއެވެ. މަންމަދެކެ ވަރަށް ވަރަށް ލޯބިވެއެވެ.

29 ކޮމެންޓް

  1. ސިޓީ ވަރަށް ފުރިހަމަ އެއްނު. ޖަލައްލާ ކޮންމެ މީހަކީ އެހާ ޖައްބާރު މީހަކަށް ނުވެދާނެ. މިގައުމުގައި ތިބި ބޮޑެތި ކުއްވެރިންނަކީ ޓައި އަޅައިގެން ސަރުކާރުގެ ތައްޕާހުގަ ތިބި މީހުން. ކިތައްމެ ނުބައި ނުލަފާކޮށް އުޅޭ މީހަކުވެސް ރަނގަޅު ކަމެއް ކޮއްފާނެ އަދި ވަރަށް ރަނގަޅު ހެން ހީވާ މީހަކުވެސް ކިތަންމެ ބޮޑު ފާފަޔަކަށްވެސް އަރާފާނެ. އިންސާނުންނަށް ކުށް ކުރެވޭނެ. ކުށް ކުރެވުމުން އެކުށެއް ގަބޫލުކޮށް އަމިއްލަޔަށް އިއުތިރާފުވެ ތައުބާ ވާ އިންސާނުންނަކީ ވަރަށް މާތް ބައެއް.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here