މުފްތީ މެންކްގެ އާދަޔާ ޚިލާފު އާދަ

ދުވަސް އެމްވީ

މުފްތީ މެންކަކީ ދުނިޔޭގަ ވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޝެއިޚެކެވެ. ކޮންމެ މީހެއްގެ ވެސް އާދަޔާ އާދަތަކެއް ހުންނަހެން މުފްތީ މެންކްގެ ވެސް އާދަތަކެއް ހުރެއެވެ. އެގޮތުން މުފްތީ މެންކް އަމިއްލަފުޅަށް ވިދާޅުވާ ގޮތުގައި އެބޭފުޅާގެ އެންމެ ޚާއްސަ އެއް ސިފައަކީ ދުޢާކުރުމަށް ހިތަށް އަރާ ކޮންމެ ވަގުތަކު ދުޢާކުރުމެވެ.

” ދުޢާކުރުމަށް ނުވަތަ ވަކިކަމަކަށް ދެންނެވުމަށް ހިތައް އަރާވަގުތު އަވަހަށް އެކަން ކޮށްލާ” މުފްތީ މެންކް ވިދާޅުވިއެވެ. މުފްތީ ވިދާޅުވީ ދުޢާ އެއް ކުރުމަށް ނުވަތަ ތިމާ އެކަލާގެއަށް ދަންނަވާ ދެންނެވުމެއް ނުދަންނަވާ ވަކި ވަގުތެއް ނުވަތަ ސާތެއް އަންނަން ދެން މުޑުކުރާކަން ނުޖެހޭ ކަމަށެވެ.

ހަމަ ކަށަވަރުންވެސް ﷲ ތިމާގެ ދުޢާ ނުވަތަ އެދުން ފުރިހަމައަށް ދެނިވޮޑިގެންވެއެވެ. މުފްތީ މެންކް ވިދާޅުވާ ގޮތުގައި ތިބާ ހިނަގާފަ ދާއިރު، ދުއްވަމުންދާއިރު ނުވަތަ ބަދިގޭގައި ކަންކަން ހުންނައިރު ވިޔަސް ހިތަށް އަރާކަމެއްގެ ވާހަކަ އެކަލާގެއަށް ދެންނެވުމަކީ މައްސަލައެއް ނޫނެވެ. “އަޅަމެން ހެއްދެވި ރަސްކަލާގެ އަށް ދަންނަވާ. މީގެ ސަބަބުން ﷲ ސުބުހާނަހޫވަތަޢާލާ އާއި ތިމާއާއި ދެމެދު ޚާއްސަ ގުޅުމެއް އުފެދޭނެ. މީގެ ފޮނިކަމަކީ މިއީ” މެންކް ވިދާޅުވިއެވެ.

ހަނދާންނެތުމުގެ ކުރިން ތިބާ ﷲ އަށް ދަންނަވަން ހުރި ކަންތައްތައް ދަންނަވާލާށެވެ. ދުޢާކުރައްވާށެވެ. އެކަލާގެއީ އަޅުތަކުން ދެކެ ނުހަނު ލޯބިވޮޑިގެންނަވާ ރަހުމާންވަންތަ ރަހީމްވަންތަ ރަސްކަލާގެއެވެ. އައްސަވާ ވޮޑިގެންވާ ބައްލަވާ ވޮޑިގެންވާ ރަސްކަލާގެއެވެ.