ހަތަރު ގާނޫނެއްގެ މާއްދާތަކެއް ބާތިލް ކުރުމަށް ފަހު 10 ދުވަސްތެރޭ އިސްތިއުނާފު ކުރަން ފަށަން އަންގައިފި

ސުޕީރިއާ ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް 10 ދުވަހުގެ ތެރޭގައި ހައި ކޯޓުގައި އިސްތިއުނާފު ކުރަން ޖެހޭ ގޮތަށް ސުޕްރީމް ކޯޓުން ނެރުނު ސާކިއުލާއަށް އަމަލު ކުރަން ފެށުމަށް ރޫލިންއެއް ނެރެފި އެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއިކުރައްވާ ނެރުނު ރޫލިންގައި ބުނެފައިވާ ގޮތުން އިސްތިއުނާފު ކުރުމާ ގުޅޭ ގޮތުން ހަތަރު ގާނޫނެއްގައި ބަޔާންކޮށްފައިވާ މާއްދާތައް ބާތިލްވެ އެވެ.

ސުޕްރީމް ކޯޓުގެ ރޫލިންއިން ބާތިލްކޮށްފައިވާ މާއްދާތަކަކީ ހައި ކޯޓުން ނިންމާ މައްސަލަތައް ސުޕްރީމް ކޯޓުގައި 90 ދުވަހުގެ ތެރޭ އިސްތިއުނާފު ކުރަން ޖެހޭނެ ކަމަށް ކޯޓުތަކާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ މާއްދާ އާއި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމާ މައްސަލަތައް 60 ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރަންޖެހޭ ކަމަށް ވަޒީފާއާ ބެހޭ ގާނޫނުގައި ބުނެފައިވާ މާއްދާ އެވެ. މީގެ އިތުރުން ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމާ މައްސަލަތައް 30 ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރަން ޖެހޭނެ ކަމަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގައި ބުނެފައިވާ މާއްދާގެ އިތުރުން އިންފޮމޭޝަން ކޮމިޝަނަރު ނިންމާ މައްސަލަތައް 30 ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރަންޖެހޭނެ ކަމަށް މައުލޫމާތު ހޯދައި ލިބިގަމުގެ ގާނޫނުގައި ބުނެފައިވާ މާއްދާ ވެސް އެ ރޫލިންގެ ދަށުން ބާތިލްކޮށްފައިވެ އެވެ.

މިދިޔަ މަހު ސުޕްރީމް ކޯޓުން ނެރުނު ސާކިއުލާގައި ބުނެފައި ވަނީ ފުރަތަމަ މަރުހަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް އިސްތިއުނާފުކުރަން ޖެހޭނީ އެ މައްސަލައެއް ނިންމިތާ 10 ދުވަހުގެ ތެރޭގައި އެ މައްސަލައެއް ނިންމި ކޯޓަކަށް ނުވަތަ ޓްރައިބިއުނަލަށް އެ ސާކިއުލާގައި ބަޔާންކޮށްފައިވާ ފޯމް ފުރިހަމަކޮށް ހުށަހަޅައިގެން ކަމަށެވެ.

އުއްތަމަމަ ފަނޑިޔާރު އަބްދުﷲ ސައީދު ސޮއި ކުރައްވާ އާންމުކުރައްވާފައިވާ ސިޓީއެއްގައި ވިދާޅުވެފައި ވަނީ 10 ދުވަސް ތެރޭގައި އިސްތިއުނާފު ކުރަން ޖެހޭނީ މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ކޮށްފައިވާ ހުކުމްތަކާއި ނިންމުންތައް ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *