ރ. އިނގުރައިދޫގައި ގެއެއްގެ ތެރޭގައި ބަންދުކޮށްފައި އިން، ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން ސަލާމަތްކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އުމުރުން 24 އަހަރުގެ ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު އިނގުރައިދޫއިން ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އޭނާ ޖެންޑާ މިނިސްޓްރީގެ ދަށަށް ގެންދިޔައީ އެމީހަ ބެލުމުގައި އާއިލާއިން އިހުމާލުވެ އެމީހާގެ ކަރާމާތައް އުނިކަން އަންނަ ގޮތަށް އަމަލުކޮށްފައިވާ ކަން އެނގުމުން ކަަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ގޭގެ ކޮޓަރިއެއްގެ ތެރޭގައި ބަންދުކޮށްގެން ގެންގުޅޭތާ ދެމަހަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އަދި އޭނާއަށް ކާންދެނީވެސް ކޮޓަރިއަށް ކާއެއްޗެހި ވައްދައިގެން ކަަމަށާއި އޭނާ އާއި މެދު އާއިލާއިން ކަންތައް ކުރަމުން ދަނީ ވަަރަށް އިހާނެތި ގޮތަކަށް ކަމަށް އިނގުރައިދޫ މީހަކު ބުންޏެވެ.
މިހާރު ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ދަނީ އެ އަންހެން މީހާއަށް ލިބިފައިވާ ޖިސްމާނީ އަދި ނަފްސާނީ ގެއްލުންތައް ބަލަމުންނެވެ.