ހީރޯ އިންޑިއަން ސުޕަރލީގުގައި ޗެންނާއި އެފްސީއާއި ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވިނަމަވެސް އަދިވެސް އުންމީދަކީ ތާވަލުގެ އެއްވަނަ މަގާމްކަމަށް ޕޫނޭ އެފްސީގެ ކީޕަރ އަރިންޑަމް ބުނެފިއެވެ.
ޕޫނޭ އެފްސީ އަދި ޗެންނާއި އެފްސީ ޗަޓްރަޕާޓި ސްޕޯރޓްސް ކޮމްޕްލެކްސްގައި ކުޅުނު މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެނެވެ.
މެޗުގެ 9 ވަނަ މިނެޓުގައި ކަޓްސުރަނިސްގެ ގޯލާއެކު ޕޫނޭ އެފްސީއިންވަނީ ލީޑު ނަގާފައެވެ. ނަމަވެސް ޗެންނާއި އެފްސީއިންވަނީ މެޗުގެ ކުޅުން އިތުރަށް ރަނގަޅުކޮށް ދެވަނަ ހާފް ފެށިގެން މާގިނައިރެއްނުވެ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ޗެންނާއީ އެފްސީގެ ގޯލް ކާމިޔާބުކޮށްދިނީ ވެލެންސިއާއެވެ.
ޗެންނާއީ އެފްސީއަށް މެޗުގައި ލީޑު ނެގުމަށް ހުރަހަކަށްވީ ޕޫނޭ އެފްސީގެ ކީޕަރ އަރިންޑަމްއެވެ. މެޗުގައި މުހިއްމު ސޭވްތަކެއްކުރި ޕޫނޭ އެފްސީގެ ކީޕަރ އަރިންޑަމްއަށްވަނީ މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމުވެސް ރޭ ކުޅުނު މެޗުގައި ލިިބިފައެވެ.
ލިބުނު ޕޮއިންޓާއެކު ލީގުގައި ޖުމްލަ 7 މެޗުކުޅެ 12 ޕޮއިންޓާއެކު ފައިދާގޯލްގެ ތަފާތުން ޗެންނާއީ އެފްސީ އޮތީ ތާވަލުގެ 2 ވަނައިގައެވެ. ޕޫނޭ އެފްސީ އޮތީ 11 ޕޮއިންޓާއެކު 3 ވަނައިގައެވެ. އެއްވަނައިގައި ކޮލްކަޓާއޮތީ 12 ޕޮއިންޓާއެކު ފައިދާ 1 ގޯލް ކުރީގައެވެ.
ހީރޯ އިންޑިއަން ސުޕަރލީގުގައި މިރޭ ބައްދަލުކުރާނީ ކެރެލާ ބްލާސްޓަރސް އަދި މުމްބާއީސިޓީ އެފްސީއެވެ.