އަކްޝޭ ކުމާރު އެންމެ ފުރަތަމަ ފިލްމެއް ކުޅުނީ ކިހާ އަގަކަށްކަން އެނގޭތަ!

ދުވަސް އެމްވީ

ބޮލީވުޑް ފިލްމު އިންޑަސްޓްރީގައި އަކްޝޭ ކުމާރަކީ މިއަދު އެންމެ ކާމިޔާބު އެއް ތަރި އެވެ. އެންމެ އަގުބޮޑު އެއް ތަރިވެސް މެ އެވެ. ކާމިޔާބު އެތައް ފިލްމެއް މިހާތަނަށް ކުޅެފައިވާ އަކްޝޭ ކުމާރު އޭނާ ފުރަތަމަ ފިލްމެއް ކުޅުނީ އެންމެ ފަސް ހާސް ރުޕީސް އަށް ކަމުގައި އޭނާ ވަނީ މިދިޔަ ހަފްތާގައި ވަނީ ހާމަކޮށްފަ އެވެ.

ނޫހަކަށް ދިން އިންޓަވިއުއެއްގައި އަކްޝޭ ވަނީ އޭނާގެ ފިލްމީ ކެރިއަރ ފެށިގެން އައި ގޮތް ކިޔައިދީފަ އެވެ.

އަކްޝޭ ބުނެފައިވަނީ އެ ދުވަހަކީ މޮޑެލް ކުރުމުގެ އެސައިންމެންޓެއްގައި ފަތިހު 05:10 އަށް ދާން ޖެހިފައިވާ އޮތް ދުވަހެއް ކަމަށާއި ނަމަވެސް ފްލައިޓްގެ ގަޑި އޮޅިގެން އެ އެސައިންމެންޓަށް ނުދެވިގެން އެދުވަހު އިންތިހާއަށް ހިތާމަކުރި ކަމަށް އޭނާ ބުނެފައި ވެ އެވެ.

“އަހަރެންގެ މަންމަ ބުނި ދެރަ ނުވާށޭ، ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށޭ” އަކްސޭ އޭނާގެ ހަނދާންތައް ކިޔާދެމުން ބުނެފައި ވެ އެވެ. އޭނާ ބުނެފައިވަނީ އެދުވަހު ދެން ދިޔައީ ނަޓްރާޖް ނަމަކަށް ކިޔާ ސްޓޫޑިއޯ އަކަށް ކަމަށާއި ފިލްމު އުފައްދާ ފަރާތެއް ކަމަށްވާ ޕްރަމޯދު ޗަކްރޮބަތީގެ ކުންފުނީގެ މޭކަޕް ކުރާ މީހާއާއި އެދުވަހު ދިމާވި ކަމަށެވެ.

“އޭނާ ބުނީ ހީރޯ އަކަށް ވާން ބޭނުންހޭ، އަހަރެން ބުނީ އާނއެކޭ، ދެން އޭނާ ބުނީ ފޮޓޯތައް އެބަ ހުރިހޭ، އެދުވަސްވަރު އަހަރެމެން ބޮޑެތި ފޮޓޯ އަޅާފައިހުރި ފޮޓޯ އަލްބަމް އަބަދުވެސް ގެންގުޅެމު” އަކްޝޭ ބުނެފައި ވެ އެވެ.

އަކްޝޭ ބުނީ އެ ފޮޓޯތައް ބަލާފައި ޕްރަމޯދު ޗަކްރޮބަތީ އަކްޝޭ ލައްވާ ފުލުފުލުގައި ތިން ފިލްމެއްގައި ސޮއި ކުރުމަށްފަހު ތިން ފިލްމަށް ތިން ޗެކު ދިން ކަމަށެވެ. ފުރަތަމަ ފިލްމަށް ދިނީ ފަސް ހާސް ރުފީސްގެ ޗެކެއް ކަމަށާއި ދެވަނަ ފިލްމަށް ދިނީ ފަންސާސް ހާސް ރުޕީސްގެ ޗެކެއް ކަމަށާއި އަދި ތިންވަނަ ފިލްމަށް އެއް ލައްކަ ފަންސާސް ހާސް ރުޕީސްގެ ޗެކެއް ދިން ކަމަށް އަކްޝޭ ބުނެފައި ވެ އެވެ.

އެ އިންޓަވިއުގައި އަކްޝޭ ބުނެފައިވަނީ ފޮޓޯ ޝޫޓް އެސައިންމެންޓަށް އެދުވަހު ބެންގަލޫރަށް ދެވުނުނަމަ ފިލްމު ކުޅެން ލިބުނު ފުރުސަތު ނުލިބޭނެ ކަމަށެވެ. އެހެންކަމުން އޭނާގެ މަންމަ ބުނިހެން ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް ކަމުގައި ގަބޫލު ކުރާކަމަށް އަކްޝޭ ބުނެފައި ވެ އެވެ.