ރާއްޖެ ޓީވީގެ ޑެޕިއުޓީ ސީއީއޯގެ މަގާމުން އިބްރާހިމް ވަހީދު (އަސްވާޑް) ވަކިވެވަޑައިގެންނެވީ ސަރުކާރުގެ އިސް ފަރާތަކާ ގުޅިގެން އެހެން ޓީވީ ޗެނަލެއް ހަދާކަން ފަޅާއެރުމުން ކަމަށް ރާއްޖެ ޓީވީން ބުނެފި އެވެ.
ރާއްޖެ ޓީވީގެ ރަސްމީ ޓުވިޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި މިއަދު ބުނެފައިވަނީ އަސްވާޑް އެ ޗެނަލުން ވަކިވީ ”ތަނުގެ އިސް މަގާމެއްގައި ހުރެ ސަރުކާރުގެ އިސް މީހަކު ފަންޑުކުރާ ޓީވީއެއް ހެދުމަށް ބައިވެރިވެ އެ މަސައްކަތް ކުރާކަން ފަޅާއެރުމުން،“ ކަމަށެވެ
އަސްވާޑް ރާއްޖެ ޓީވީ ވަކިވެވަޑައިގަތުމަށް ސިޓީ ފޮނުވާފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ.
Asward vakivee thanuge iss magaameh ga hure sarukaaruge iss meehaku fund kuraa TV eh hedhumah baiverive, e massakaiy kuraakan falhaa erumun.
— RaajjeTV (@Raajje_tv) February 14, 2015
އަސްވަޑް މިއަދު މީޑިއާގައި ވިދާޅުވެފައިވަނީ އޭނާ ރާއްޖެ ޓީވީން ވަކިވީ އެ ސްޓޭޝަން އުފެއްދި މަގުސަދާ ހިލާފަށް ކަންކަން ހިނގަން ފެށުމުން އެ ސްޓޭޝަންގައި ދެމިހުރުމަށް އަމިއްލަ ޒަމީރު ގަބޫލު ނުކުރާތީ ކަމަށެވެ. ނަމަވެސް ރާއްޖެ ޓީވީ އުފެއްދި މަގުސަދާ ހިލާފަށް އެ ސްޓޭޝަނުން ކުރި ކަމެއް އަސްވާޑް މީޑިއާގައި ވިދާޅުވެފައެއް ނުވެ އެވެ.
ރާއްޖެ ޓީވީން އަސްވާޑް ވަކިވެވަޑައިގެންފައި މިވަނީ އެ ސްޓޭޝަންގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ޔާމިން އެމްޑީޕީން ވަކިވެވަޑައިގެން ވެރިކަން ކުރާ ޕީޕީއެމާއި ގުޅިވަޑައިގެންފައިވަނިކޮށެވެ.