ޕާކިސްތާނުގައި ދިން ބޮމުގެ ހަމަލާއެއްގައި ބައިވެރިވި ދިވެއްސަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިން ކަމަށް އެމެރިކާ މީހަކު އެއްބަސްވެއްޖެ އެވެ.
އެމެރިކާގެ މީޑިއާގައި މިއަދު ބުނެފައިވަނީ 2009 ވަނަ އަހަރު ޕާކިސްތާނުގައި ދިން ހަމަލާއެއްގައި ބައިވެރިވި ދިވެއްސެއް ކަމަށްވާ އަލީ ޖަލީލަށާއި ހަމަލާ ދިނުމުގައި ބައިވެރިވި މީހުންނަށް މާލީ އެހީތެރިކަމާއި ނަސާހަތް ދީފައިވާނެ ކަމަށް އެމެރިކާގެ ރިއާޒް ގާދިރު ހާން ނަމަކަށް ކިޔާ މީހަކު ކޯޓުގައި އެއްބަސްވެފައިވާ ކަމަށެވެ.
ރިއާޒްގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ 2005 ވަނަ އަހަރުން ފެށިގެން ޖަލީލާއި އަދިވެސް އެހެން ބަޔަކު ރިޔާޒާއި އެކި ގޮތްގޮތުން ގުޅުން ބާޢްވަމުން ގޮސްފައިވާ ކަމަށެވެ. އެގޮތުން 2008 ވަނަ އަހަރު ޖަލީލު ޕާކިސްތާނަށް ދާން ބޭނުންވާކަމަށް ރިއާޒަށް އެންގުމުން ސިއްރުން ޕާކިސްތާނަށް ވަދެވޭނެ ގޮތް ރިއާޒު ޖަލީލަށް ކިޔައދީފައި ވެއެވެ.
އަދި މާލީ އެހީގެ ގޮތުގައި 2،500 ޑޮލަރު ބޭނުންވާ ކަމަށް އެންގުމުން ރިއާޒު އެކަންވެސް ހަމަޖައްސައިދިން ކަމަށާއި ނަމަވެސް ރިއާޒު ޑޮލަރު ފޮނުވި އިރު ޖަލީލަށް ޕާކިސްތާނަށް އެތެރެވެވިފައިވާތީ އޭނާ ޑޮލަރު ބޭނުން ނުވުމުން އެ ޑޮލަރުތައް ޖަލީލްގެ ދެ އަނބިންނަށް ފޮނުވުމަށް ލަފާ ދިނީވެސް ރިއާޒު ކަމަށް ދައުވާގައި ބުނެފައި ވެއެވެ. އަދި ޕާކިސްތާނުގައި ދިން އެ ހަމަލާގައި ޖަލީލު މަރުވުމުން އޭނާގެ ދެ އަނބީންނަށް 750 ޑޮލަރު ރިއާޒު ފޮނުވައިދީފައި ވެއެވެ.
އެ ކުށް އޭނާގެ މައްޗަށް ސާބިތުވުމާއި ގުޅީގެން އިއްޔެ އާއި ހަމައަށް ވޭސްޓް ވޯޓާ ޓްރީޓްމަންޓް ޕްލާންޓް އޮޕަރޭޓަރެއްގެ ވަޒީފާގައި ހުރި ރިއާޒު ހަތް އަހަރާއި ތިން މަސްދުވަހަށް ޖަލަށް ލާން އަންނަ ޖޫން މަހު ހުކުމްކުރުމަށް ދެ ފަރާތުގެ ވަކީލުން ވަނީ އެއްބަސްވެފައި އެވެ.
މެއި 27، 2009 ގައި ޕާކިސްތާނުގެ ލާހޫރުގައި ހުންނަ ފުލުހުންގެ ޖާސޫސީ މައި އިދާރާ އަށް ތިން މީހަކު އަމިއްލަ އަށް މަރުވެގެން ދިން ހަމަލާގައި އަލީ ޖަލީލް ވަނީ މަރުވެފަ އެވެ. އެ ހަމަލާ ދިނުމުގެ ކުރިން ޖަލީލް ރެކޯޑްކޮށްފައިވާ ވީޑިއޯއެއް އަލްގާއިދާ އިން ފަހުން އާންމުކޮށްފައިވެ އެވެ. އެ ވީޑިއޯގައި ޖަލީލް ތަމްރީން ހަދާ ތަން ދައްކަ އެވެ. އަދި ހަމަލާގެ ޒިންމާ ވެސް އުފުލަ އެވެ.
އެ ހަމަލާގައި 30 މީހަކު މަރުވެ 300 މީހަކު ޒަހަމްވި އެވެ.