އިއްޔެ އަކީ ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް އައިތާ ތިން އަހަރު ފުރުނު ދުވަހެވެ. ރައީސް ނަޝީދުގެ ހަޔާތަށް އައި ކަޅު އަނދިރި ދުވަހަކަށް ތިން އަހަރު ފުރުނު ދުވަހެވެ. ނޫސްވެރިއެއްގެ ހައިސިއްޔަތުން ރައީސް ނަޝީދުގެ ހާއްސަކަމެއް އާދޭތޯ އަހަރެން ހުރީ ބަލަބަލައެވެ. ރައީސް ނަޝީދުގެ ޓްވިޓާ އެކައުންޓާއި އެމްޑީޕީގެ ވެބްސައިޓް އިރުއިރުކޮޅާ ރީފްރެޝް ކޮށްލަކޮށްލަ އެވެ.
ޓްވިޓާ ފީޑަށް ބަލަން އިންދާ ލޮލުގަ އަޅައިގަތީ ކުރީގެ ރައީސް ނަޝީދުގެ ޕްރޮގްރާމެއް މިނިވަން ރޭޑިއޯގައި ކުރިއަށްދާކަމުގެ ޓްވީޓެކެވެ. ރޭޑިއޯ ހުޅުވާލީ ރައީސް ނަޝީދު ވަރުގަދަ އެއްޗެއް ވިދާޅުވާނޭ ކަމަށެވެ. ހަބަރެއް ހަދާލުމުގެ ނިޔަތުގައެވެ. ނަމަވެސް ޕްރޮގްރާމް އަޑުއަހާލިއިރު މި ވީ ލަވަ ޕްރޮގްރާމަކަށެވެ. ލަވަ ޕްރޮގްރާމަކަސް ނެށުމުގެ ޕްރޮގްރާމަކަސް ރައީސް ނަޝީދަކީ ކޮންމެވެސް ކަހަލަ މެސެޖެއް ނުދީ ޕްރޮގްރާމް ނިންމާ ނުލައްވާނެ ބޭފުޅެއެ ކަމަށް ގަބޫލުކުރެވޭތީ ޕްރޮގްރާމް ކަނުލާ އަޑު އަހަން އިނީމެވެ.
އެ ޕްރޮގްރާމުގައި ރައީސް ނަޝީދު ކުރައްވާ ކަމަކީ މަޑުމައިތިރި އަޑަކުން ކުޑައިރުކޮޅަކު ވާހަކަދައްކާލުމަށްފަހު ލަވައެއް ގެނެސްދެނީއެވެ. އެ ގެނެސްދިން ލަވަތަކުގެ ތަރުތީބާއި މާނައިން އަހަންނަށް ދޭހަވީ ފޮރުވިފައިވާ މާނަ ތަކެކެވެ.
އަޑު އަހަން ފެށިހިސާބުން އެންމެ ފުރަތަމަ ގެނެސްދިން ލަވައަކީ 1980ގައި ރިލީޒްކުރި ހިންދީ ފިލްމު ”ލޫޓްމާރު“ ގެ ”ޖަބް ޗާއޭ މޭރަ ޖާދޫ، ކޮއީ ބަޗްނަޕާއޭ“ މިލަވައެވެ.
އެ ވިދާޅުވީ ރަނގަޅު ވާހަކައެއްކަން މާޒީ ހެކި ދެ އެވެ. ރައީސް ނަޝީދުގެ ޖާދޫ ޖެހިއްޖެ މީހަކަށް ސަލާމަތެއް ނުވެ އެވެ. ޖެހެނީ ޕާޓީ ދޫކޮށް ދާށެވެ. އަދި ބޮޑަށް އެ ޖާދޫ ޖެހެނީވެސް އެމްޑީޕީގެ އިސް މަގާމުތަކުގައި އުޅުއްވާ ބޭފުޅުންނަށެވެ. ތާރީހަށް ބައްލަވާލައްވާށެވެ. އެ ޕާޓީގެ ފުރަތަމަ ކޮންގްރެސްގައި ޕާޓީގެ ފުރަތަމަ ރައީސަކަށް ހޮވި ވަޑައިގެންނެވީ އިބްރާހިމް އިސްމާއީލް (އިބްރާ) އަށް އެމަގާމްގައި ހުންނެވުނީ 132 ދުވަހު އެވެ. ދެން ރައީސްކަމާއި ހަވާލުވި ޑރ. މުހައްމަދު މުނައްވަރަށް އެމަގާމުގައި ހުންނެވުނީ 437 ދުވަހު އެވެ. ޑރ. އިބްރާހިމް ދީދީ (ޑީޑީ) އެ ޕާޓީގެ ރައީސްގެ އެމަގާމުގައި ހުންނެވުނީ އެއް އަހަރު ދުވަހު އެވެ. ދާދި އިހައްދުވަހު ރީކޯ މޫސައަށްވެސް ވީ ހަމަ އެފަދަ ގޮތެކެވެ. ރައީސް ނަޝީގެ ”ޖާދޫ“ ޖެހިވަޑައިގަތުމުން ”ބަޗްނާ ނާމުމްކިން“ ވީއެވެ.
ދެން ގެނެސްދިން ލަވައަކީ 1973ގައި ރިލީޒްކުރި ހިންދީ ފިލްމު ”އަބީމާން“ގެ ”ތެރޭމޭރޭ މިލަންކީ ޔޭ ރޭނާ“ މިލަވަ އެވެ.
މިލަވައަކީ އެމްޑީޕީން ކައިވެނިކުރި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ހާއްސަ ކޮށްލި ލަވައެއް ނޫންބާއެވެ. އެހެންޏާފަހެ އެ ލަވައިގާ އެ ބުނަނީ ތިމަންނާމެން ދެމީހުން އެކުވުމުން، ގުޅުމުން އާ ބަހާރެއް އަންނާނެ ވާހަކައެވެ. ބަގީޗާއެއްގައި މާތަކެއް ފޮޅިގެން ދާނެ ވާހަކައެވެ. އެ ލަވައިގެ ވަކި ހިސާބަކުން ”ތިބާ އެދޭ ކަންކަން ފުރިހަމަ ކޮށްދޭނެ ކަމަށް“ ވެސް ބުނެއެވެ. މިއީ ވެރިކަމަށް ގެންނަން ވިސްނަނީ ގާސިމް ކަމަށް ރައީސް ނަޝީދު ވިދާޅުވި ވިދާޅުވުން ކަމަށްވެސް ވެދާނެ އެވެ.
ހަތަރުވަނަ ލަވައަށް ޖެހިލާނަމެވެ. ރަހަތަފާތުކޮށްލިއެވެ. ގެނެސްދިން ލަވައަކީ މިރާއްޖެ މިހާތަނަށް ދުށް އެންމެ ކުޅަދާނަ މިއުޒީޝަން ނައިފަރު ދޮހޮއްކޮގެ “ ވާނެ ކޭސަ ލޯބީގާ ލިބޭނެހެ އަނިޔާ، ވާނޭހެ ލޯބީގާ މައާފު ސަޖަނިޔާ“ އެވެ.
ރަނގަޅު ވާހަކައެކެވެ. ރައީސް ވަހީދަށް މައާފުކުރަން ރައީސް ނަޝީދަށް ފަސޭހައެއް ނުވާނެއެވެ. ދޮހޮއްކޮބޭގެ ލަވައިގާ ބުނާ ބީދައިން ރައީސް ނަޝީދުގެ ރަނިން މޭޓަކަށް، ރައީސް ވަހީދު ހިޔާރު ކުރެއްވީ ”ދުރުން މާ ދުރުންދީ ހީލާ، އަސަރު ހިތް ދިވާނާ ވާހާ“ ވުމުންނެވެ. އަދި ހަމަ އެ ލަވައިގާ ބުނާ ބީދައިން“ ހިޔާލުން ވެވޭހާ ސާދާ، ވެވޭނީ ހިލާފޭ ވައުދާ“ ވައުދާ ހިލާފުވެ ރައީސް ނަޝީދުގެ ވެރިކަމަށް ނިމުން އައުމުގެ ފަހަތުގައި ހުރި އެންމެ އިސް ފަރާތަކީ ރައީސް ވަހީދު ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އެހެންކަމުން ރައީސް ވަހީދަށް މައާފު ކުރަން ރައީސް ނަޝީދަށް އުނދަގޫ ވާނެ ކަމަށް ބެލެވެ އެވެ.
ދެން އޮތީ ޕްރޮގްރާމް ނިންމާލި ލަވައެވެ. ޕްރޮގްރާމް ނިންމާލީ އެމެރިކާގެ ލަވަކިޔުންތެރިއެއް ކަމަށްވާ ”ޓްރޭސީ ޗެޕްމަން“ގެ ”ޓޯކިން އެބައުޓް އަ ރެވޮލިއުޝަން“ މި ލަވައެވެ.
ޕްރޮގްރާމް ނިންމާލަމުން ރައީސް ޔާމީނަށް ވަރުގަދަ މެސެޖެއް ދެއްވީއެވެ. އެ ލަވައިގެ މާނައިގާ ބުނަނީ ވަޒީފާ ނުލިބުނު ފަރާތްތަކާއި ޕްރޮމޯޝަން ނުލިބުނު ފަރާތްތަކާއި ހިތް ނުތަނަވަސްވި ފަރާތްތަކުން ގުޅިގެން ”އިންގިލާބެއް“ ގެންނަން އުޅޭކަން ނޭންގޭ ހެއްޔެވެ. ނިމުނީކީ ނޫނެވެ. ލަވައިގާ ދެން ބުނަނީ ފަގީރުން އެމީހުންގެ ހިއްސާ ހޯދަން ނިކުންނާނެ ކަމަށެވެ. ފަގީރުން ނިކުމެ އެމީހުންނަށް ލިބެންޖެހޭ ހުރިހާ އެއްޗެއް ހޯދާނެ ކަމަށެވެ. ރަނގަޅު ގޮތަކީ އަވަހަށް ދުވެ ފިލާ ރައްކާވުން ކަމަށެވެ. ރައީސް ނަޝީދުގެ ލަވަ ޕްރޮގްރާމްގައި ރައީސް ޔާމީނަށް ދެއްވި މެސެޖު ވަރަށް ސާފެވެ.
މިނިވަން ރޭޑިއޯއިން ރައީސް ނަޝީދު ގެނެސްދިން ލަވަ ޕްރޮގްރާމު ނިންމާލެއްވީ ލަވަތަކެއްގެ ސިފައިގާ ހިތުގެ އުދާސްތައް ބޭރު ކުރައްވާފައި ކަމަށް ބެލެވެއެވެ. ޕްރޮގްރާމް ނިންމަވާލެއްވީ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިންޒާރެއް ދެމުންނެވެ.
2 Responses
ވެރިކަމާހެދި އާވާރާވެފަ، ހުރިބޭކަލެއްގެ ހިތުގެ ފަސާނާތައް ވަރައްވެސް ރަގަޅަށް ތިޔަ ޕްރޮގުރާމުން ސާފުކޮށްދެއްވައިފިޔެވެ. އެކަމު ހިއްވަރު ހުރިކަމަށް ހެދިގެން ތިޔަވިދާޅުވި ހިއްވަރުގެ ބަސްފުޅުތަކުގެ ޗަސްބެއްނެތެވެ. އެހެނީ ތިަޔައި ހަނގުރާމަޔަކާޖެހުމުން އަގުޅިނެއް ކަންނޭލެކެވެ.
ހަބޭސް އާރޓިކަލް އެއް އަޅުގަނޑު ގާތަށް އަންނަނީ ހިނި