ޕަދްމަވަތީގެ ފުރަތަމަ އިސްތިހާރު މަދު ވަގުތުކޮޅެއްގެ ތެރޭގައި 11 މިލިޔަން ފަހަރު ބަލައިފި

ދުވަސް އެމްވީ

ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ އައު ފިލްމު “ޕަދްމަވަތީ” ގެ ފުރަތަމަ ޓްރެއިލާ އަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

އެގޮތުން ވިއާކޮމް 18 މޯޝަން ޕިކްޗާސް އިން އެމީހުންގެ ޔޫޓިއުބް ޗެނަލްގައި މި ފިލްމުގެ ފުރަތަމަ އިސްތިހާރު އާއްމުކޮށްފައިވާއިރު މިހާތަނަށް 11 މިލިޔަން ފަހަރު އެ އިސްތިހާރު ވަނީ ބަލާފަ އެވެ. އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި މި އަދަދަކީ ރެކޯޑް ބްރޭކިންގ އަދަދުތަކާއި ގާތްކުރާ އަދަދެކެވެ.

ޕަދްމަވަތީ އަކީ އިންޑިއާގައި ކުރީން ހިނގާފައިވާ ތާރީހީ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ. މި ފިލްމުގެ އިސް ރޯލުތައް ކުޅޭ ތަރިންގެ ތެރޭގައި ހިމެނެނީ ދީޕިކާ ޕަދުކޯން އާއި ޝާހިދު ކަޕޫރް އާއި ރަންވީރު ސިންގް އެވެ.

މި ފިލްމުގެ ޕްލޮޓަކީ 1303 ވަނަ އަހަރު އިންޑިއާގެ ރާޖްޕުތު ގައި ވެރިކަންކުރި ރާނާ ރަވާލް ރަތަން ސިންގްގެ އަނބިކަނބަލުން ރާނީ ޕަދްމިނީގެ ވާހަކަތައް ދައްކުވައިދޭ ފިލްމެކެވެ. ރާނާގެ ރޯލު ކުޅެނީ ޝާހިދު ކަޕޫރެވެ. އަދި ޕަދްމިނީގެ ރޯލު ކުޅެނީ ދީޕިކާ ޕަދުކޯން އެވެ. މި ފިލްމުގައި ރަންވީރު ސިންގް ކުޅެނީ އޭރުގެ ދިއްލީގެ ސުލްތަނޭޓްކަމުގައި ހުރި އަލާއުއްދީން ޚާޖީގެ ރޯލެވެ. އަލާއުއްދީން ހަނގުރާމަ އިއުލާނު ކޮށް ރާޖްޕުތަށް ވެރިވެގަންނަން މަސައްކަތްކުރނީ ޕަދްމިނީ ހޯދުމުގެ ނުބައި މަގްސަދުގައި ކަމަށާއި ނަމަވެސް ޕަދްމިނީ އަމިއްލަ ނަފްސްގެ ދިފާއުގައި އަމިއްލަ ގައިގާ އަލިފާން ރޯކޮށް އަމިއްލައަށް މަރުވާ ކަމަށް ފިލްމުގެ ޕްލޮޓްގައި ވެ އެވެ.

މި ފިލްމު ކުރިން ރިލީޒް ކުރުމަށް އޮތީ ނޮވެމްބަރު 17ގަ އެވެ. ނަމަވެސް ދިމާވި ކަންތައްތަތަކަށްފަހު ރިލީޒްކުރާ ތާރީހު ޑިސެމްބަރު 1 ވަނަ ދުވަހަށް ވަނީ ފަސްކޮށްފަ އެވެ.